މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުން ހިންގި ތިން އޮޕަރޭޝަނެއްގައި 10 މީހަކާއި އަށާރަ އަހަރު ނުވާ ކުޑަކުއްޖަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މިމަހު 20 ވަނަ ދުވަހު މާފަންނު ގެއެއް ބަލައިފާސް ކުރަމުން ދަނިކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ދެ ކޮތަޅުގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 23 ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ.
މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 18 އަހަރު ނުވާ ކުޑަ ކުއްޖަކާ 20 އަހަރުގެ އަންހެނަކު ހިމެނޭ ކަމަށް ފުލުހުން ބުނި އެވެ. އަދި އެ ދެ މީހުންގެ ބަންދަށް ކޯޓުން ނުވަ ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އިތުރުން ހައްޔަރުކޮށްފައިވަނީ ފަސް ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހަމަ މިމަހު 20 ވަނަ ދުވަހު ފުލުހުން ހިންގި އެހެން އޮޕަރަޝޭނެއްގައި މާފަންނުގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ދެކޮތަޅު ފެނިފައިވުމުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިމައްސަލައިގައި ފުލުހުން ހައްޔަރުކުރި 33 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް އަދި 24 އަހަރުގެ މީހާގެ ބަންދަށް އެއް ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ.
މީގެ އިތުރުން މިމަހު 26 ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތެކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ 23 އަހަރުގެ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ގަލޮޅު ގެއެއް ބަލައި ފާސް ކުރަމުން ދަނިކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 73 ރަބަރު ޕެކެޓް އެމީހުން ތިބި ގެއިން ފެނުމާ ގުޅިގެންނެވެ. މި ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ.