ހަބަރު

ރާއްޖެ އަށް އަންނަ މެހެމާނުންނާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވާނަން: ސަލާމަތީ ބާރުތައް

ރާއްޖެ އަށް އަންނަ ބޭރުގެ މެހެމާނުންނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެފަދަ ފަރާތްތަކާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވަން ފަސް ނުޖެހޭނެ ކަމަށް ސަލާމަތީ ބާރުތަކުން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ ހުސައިން އަލީ ވިދާޅުވީ ރާއްޖެ އަށް އަންނަ މެހެމާނުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ ސަލާމަތީ ބާރުތަކުގެ ޒިންމާއެއް ކަމަށެވެ. އަދި އެފަދަ މެހެމާނުންނާ ދެކޮޅަށް ހިންގޭ ހަރަކާތްތަކަކީ ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވާ ފަތުރުވެރި ކަމަށް ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ވާތީ އެފަދަ އަމަލުތައް ހުއްޓުވާނެ ކަމަށް މޭޖާ ހުސައިން ވިދާޅުވި އެވެ.

"ރާއްޖޭގައި މި އޮތް އަމާންކަން ނަގާލައި، ރާއްޖެ އާއި ދިވެހިންގެ އެއްބައިވަންތަ ކަމަށާއި ގައުމުގެ ސުލްހަ މަސަލަސް ކަމަށް ހުރަސް އެޅޭ ގޮތަށް ހިންގާ އެންމެހައި ހަރަކާތްތައް ބަލައި، ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް އަޅުގަނޑުމެން އަރުވަން." އިސްކަންދަރު ކޮށީގައި ބޭއްވި އެ ބައްދަލުވުމުގައި މޭޖާ ހުސައިން ވިދާޅުވި އެވެ.

އެފަދަ ކަންކަމުގައި ސަލާމަތީ ބާރުތަކަށް ރައްޔިތުންގެ އެއްބާރުލުން ދިނުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.

ފުލުހުންނާއި ސިފައިން އެގޮތަށް ބުނެފައިވާއިރު އާ އަހަރު ފާހަގަ ކުރަން ރާއްޖެ އައުމަށް ހަމަޖެހިފައި އޮތް ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލަށް މަރުގެ އިންޒާރު ދީ ބަޔަކު ވަނީ ވީޑިއޯއެއް އާންމުކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ޝޯން ޕޯލަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި އޭނާއަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށް ދޭނެ ކަމަށެވެ.