ރިޕޯޓް

ޕާކިސްތާނާއި ތޮޅުން: އިންތިހާބަށް މޯދީގެ އުކުޅެއް؟

Feb 28, 2019
5

މި ހިނގާ ފެބްރުއަރީ މަހުން ފެށިގެން "މަޑުގިނީ" ގައި އޮތް އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން، މިދިޔަ އަންގާރަ ދުވަހު ވަނީ ކެކި އަރައިފަ އެވެ.

ޕާކިސްތާނުގެ ސަރަހައްދަކަށް އިންޑިއާއިން އަންގާރަ ދުވަހު ވަނީ ވައިގެ ހަމަލާތަކެއް ދީފަ އެވެ. އިންޑިއާ އިން ބުނަނީ، އެ ހަމަލާއަކީ، މިމަހު ކުރީކޮޅު ކަޝްމީރުގައި އެ ގައުމުގެ ސިފައިންތަކެއް މަރާލުމުގައި ބައިވެރިވި ޓެރަރިސްޓް ޖަމާއަތުގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ.

އެ ހާދިސާގައި 42 އިންޑިއާ ސިފައިން މަރުވެފައިވާއިރު، ފަހުގެ ތާރީހެއްގައި އިންޑިއާ ސިފައިންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ފަހަތުގައިވާ ޖަމާއަތަށް ވާގި ދޭ ކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ އަވަށްޓެރި ޕާކިސްތާނަށް ވަނީ ހަރުކަށި އިންޒާރުތަކެއް ދީފަ އެވެ.

އެ ހަމަލާއިން އަރައިނުގަނެވިގެން އުޅެނިކޮށް، ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަތް އިންޑިއާގެ ދެ އަސްކަރީ މަތިންދާބޯޓު ބަޑިޖަހައި ވައްޓައިލުމަށްފަހު، ޕާކިސްތާނުން ވަނީ އެތަނުން އެއް ބޯޓުގެ ޕައިލެޓު ހައްޔަރުކޮށްފަ އެވެ.

މިއީ 1971 ވަނަ އަހަރަށްފަހު، ދެގައުމު ވަކިކުރާ "ލައިން އޮފް ކޮންޓްރޯލް" ހުރަސްކޮށް ދެ ފަރާތުން މިފަދަ ވަރުގަދަ ވައިގެ ހަމަލާތަކެއް ބަދަލުކުރި ފުރަތަމަ ފަހަރެވެ.

އިންތިހާބުގެ ޕްރެޝަރާއެކު "ގައުމިއްޔަތު" ކާޑު!

އަންނަ މެއި މަހު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބާއި ދިމާކޮށް ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށާއިި ވެރިކަންކުރާ ބީޖޭޕީ އަށް އޮންނަ ތާއީދު ވަނީ ވަރަށް ބޮޑުތަނުން ހަނިވެފަ އެވެ. މޯދީ، 2014 ވަނަ އަހަރު ބޮޑު ވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވީ މައިގަނޑު ދެ ވައުދެއްގެ މަތީގަ އެވެ. އިގުތިސޯދީ ހެޔޮ ބަދަލުތަކެއް ގެނައުމާއި، ދިފާއީގޮތުން ހަރުކަށިވާނެ ކަމަށް ވިދާޅުވެ އެވެ.

އިންޑިއާގެ އިގުތިސޯދީ ދުވެލި ވަރުގަދަ ކަމަށް ދެއްކި ނަމަވެސް، ވަޒީފާނެތް މީހުންގެ އަދަދު މަތިވުމާއި، ދަނޑުވެރިންނަށް ލިބޭ އާމްދަނީ ދަށްވަމުން ދިއުމުގެ ކަންބޮޑުވުންތައް ވަނީ ބަނޑުންވާން ފަށައިފަ އެވެ. މިފަހުން ސްޓޭޓުތަކުގައި ބޭއްވި އިންތިހާބުތަކުން ބީޖޭޕީއަށް ނާކާމިޔާބުވި މައިގަނޑު ސަބަބަކީ އެ ކަންބޮޑުވުންތައްކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ނަމަވެސް، އަންގާރަ ދުވަހުގެ ހަމަލާއަށްފަހު، މޯދީގެ އަރިސް ބޭފުޅުންވަނީ އެކަމުގެ ފުރިހަމަ ބޭނުން ހިއްޕަވައިފަ އެވެ. އިންޑިއާގެ ސިފައިންތަކެއް މަރާލުމުން، އެކަމުގެ ވަރުގަދަ ރައްދެއް ދިންކަމީ، މޯދީގެ ސަރުކާރުން ގައުމު ދިފާއުކުރުމުގައި ފަސް ނުޖެހޭނެކަން ސާބިތުކޮށްދޭ ކަމެއް ކަމަށް ބީޖޭޕީގެ އިސް ވެރިން ވަނީ ވިދާޅުވެފަ އެވެ.

ދެ ބޯޓު ވައްޓާލުމުން މަންޒަރު ބަދަލުވެއްޖެ!

އަންގަރާ ދުވަހުގެ ހަމަލާއަށްފަހު، އިންޑިއާގެ އެކި ހިސާބުތަކުގައި މީހުން ނުކުމެ އުފާފާޅު ކުރި އެވެ. އެ އުފާވެރިކަން، ޕާކިސްތާނަށް "ފިލާވަޅެއް" ނަގައި ދެވިއްޖެކަމަށް ބުނެ ސޯޝަލް މީޑިއާއަށް ވެސް ފެތުރިގެން ދިޔަ އެވެ.

ނަމަވެސް، އިންޑިއާގެ ދެ މަތިންދާބޯޓު ވައްޓާލައި، އިންޑިއާގެ ޕައިލެޓެއް ޕާކިސްތާނުން ހައްޔަރު ކުރުމާއެކު، އެ މަންޒަރު މިހާރު ވަނީ މުޅީން އެނބުރިފަ އެވެ. އެ ހާދިސާގައި ހިފައިގެން، އިދިކޮޅު ފަރާތްތަކުން ވަނީ މޯދީގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަން ފަށައިފަ އެވެ. އިންޑިއާ ސިފައިން ވަމުންދާ "ގުރުބާނީ" ސިޔާސީކޮށްފައިވާ ކަމުގެ ތުހުމަތު ސީދާ މޯދީއަށް ވަނީ ކޮށްފަ އެވެ. ކުރިން އުފާފާޅު ކުރަމުންދިޔަ މީހުންގެ މެދުގައިވެސް މިހާރު އޮތީ ހަނގުރާމައަށް "ނޫނެކޭ" ބުނުމުގެ ޝުއޫރުތަކަކެވެ.

އިމްރާން ޚާނަށް ތައުރީފް، މޯދީ ހިމޭނުން!

އެ ހަމަލާތަކާއި ގުޅިގެން މޯދީ އަދި އެއްވެސް އެއްޗެއް ވިދާޅު ނުވާއިރު، ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވަނީ ގައުމާއި މުހާތަބުކޮށް "މަޝްވަރާގެ" ދައުވަތު އިންޑިއާއަށް ދެއްވައިފަ އެވެ.

"އެކަން ވާން ދޫކޮށްލައިފިއްޔާ، އަހަރެންނަކަށް ވެސް މޯދީއަކަށް ވެސް އެކަމެއް ކޮންޓްރޯލެއް ނުކުރެވޭނެ، އަހަރެމެންގެ މި ރައްދަކީ، އިންޑިއާއިން އަހަރެމެންގެ ސަރަހައްދަށް ވަދެފިނަމަ އެކަމުގެ ރައްދު ދިނުމުގެ ގާބިލުކަން ހުރިކަން ދައްކުވައިދޭ ކަމެއް،" އިމްރާން ޚާން ވިދާޅުވި އެވެ. ޚާންގެ އިސްނެންގެވުމާއެކު މޯދީއަށް ކުރިމަތިވެފައިވާ ޕްރެޝަރު ވަނީ އިތުރަށް ބޮޑުވެފަ އެވެ.

ޕާކިސްތާނާއެކު "ތޮޅުމަކީ" އިންތިހާބާއި ދިމާކޮށް ސިޔާސީގޮތުން މޯދީއަށް ފައިދާ ލިބިދާނެކަމަކަށްވީ ނަމަވެސް، އެ ނުރައްކާތެރި "އުކުޅު"ގެ ނޭދެވޭ އަސަރުތައް މިހާރުވެސް ފެންނަމުންދާކަމަށް މަސްރަހު ދިރާސާކުރާ ގިނަ ފަރާތްތަކުން ވަނީ ބުނެފަ އެވެ.