ރިޕޯޓް

އިންޑިއާ - ޕާކިސްތާނު "ހަނގުރާމަ": މޮޅުވީ ކޮން ބައެއް؟

Mar 2, 2019
4

ޕާކިސްތާނުން ހައްޔަރުކުރި އިންޑިއާގެ ޕައިލެޓު އިއްޔެ ދޫކޮށްލުމާއެކު، ކަޝްމީރު މައްސަލާގައި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމަށް ފިނިކަމެއް އާންނާނެކަމަށް ބެލެވެ އެވެ. ނަމަވެސް، ހަރުކަށި އިންޒާރުތަކާއި، ބަހުގެ ހަމަލާތަކާއި، އަސްކަރީ "ސައިޒު" ދައްކާލި މި "ހަނގުރާމާގައި" މިފަހަރު ކުރި ހޯދީ ކޮންބައެއް ހެއްޔެވެ؟

ޕާކިސްތާނުގެ ސަރަހައްދަކަށް އިންޑިއާއިން އަންގާރަ ދުވަހު ދިން ވައިގެ ހަމަލާއަށްފަހު ދެގައުމުގެ މެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން ހޫނުވެފައިވާއިރު، އިންޑިއާގެ ދެ ބޯޓެއް ވައްޓާލައި، އެތަނުން އެއް ބޯޓުގެ ޕައިލެޓު ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހު އެވެ.

ނަމަވެސް، "ސުލްހައިގެ އަމަލެއްގެ" ގޮތުން އިންޑިއާގެ އެއާފޯސް ވިންގް ކޮމާންޑަރު އަބިނަންދަން ވަރުތަމަން ދޫކޮށްލާނެކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން އިއުލާނުކުރެއްވީ ބުރާސްފަތި ދުވަހު އެވެ.

އެ ވަގުތު ސައިންސްވެރިންގެ ބައްދަލުވުމެއްގައި ހުންނެވި، ނަރެންދުރަ މޯދީ ވިދާޅުވީ "ޕައިލެޓް ޕްރޮޖެކްޓެއް" ނިންމާލެވިފައިވާކަމަށާއި ދެން އޮތީ "އެކަން ހަގީގަތަކަށް" ހެދުން ކަމަށެވެ. މަޖާޒީ ގޮތަކަށް ވިދާޅުވި މޯދީގެ އެ ބަސްފުޅު އެއްބަޔަކަށް ކަމުދިޔަ އެވެ. އަނެއް ބަޔަކު ރުޅިގަދަވި އެވެ. ޕާކިސްތާނުގެ ހައްޔަރުގައި ހުރި "ގައުމީ ބަތަލެއް" މިނިވަންވާކަން އެނގުމުން މޯދީއަށް އެކަން "ސީރިއަސް" ނުވީ ކަމަށެވެ.

ޕާކިސްތާނުގެ ސަރަހައްދަކަށް އިންޑިއާއިން އަންގާރަ ދުވަހު ވަނީ ވައިގެ ހަމަލާއަށްފަހު، އަންނަ މެއި މަހު ބޭއްވޭ އިންތިހާބާއި ދިމާކޮށް އިންތިޒާމްކުރި ކެމްޕެއިން ޖަލްސާއެއްގައި، މޯދީ ވަރަށް ފަހުރުވެރިކަމާއެކު ވިދާޅުވީ، "އިންޑިއާ އޮތީ ވަރަށް ރައްކާތެރި އަދި ގާބިލް ސަރުކާރެއްގެ އަތްމަތީގައި" ކަމަށެވެ.

މޯދީ އެހެން ވިދާޅުވީތާ އެއް ދުވަސް ވެސް ނުވަނީސް، ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަތް އިންޑިއާގެ ދެ އަސްކަރީ މަތިންދާބޯޓު ބަޑިޖަހައި، ވައްޓާލުމަށްފަހު އެތަނުން އެއް ބޯޓުގެ ޕައިލެޓު ހައްޔަރުކުރި އެވެ.

އެކަމާއި ގުޅިގެން، ދެ ގައުމުގެ މެދުގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑެވެގެން ދިޔަ އެވެ. ނަމަވެސް، އިމްރާން ހާން ވަނީ އިސްވެ "ސުލްހައިގެ" އަތް އިންޑިއާއަށް ދިއްކުރައްވައިފަ އެވެ. އެކަން މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރީ "ބޮނދު ބުޑަށް ސައި" ކިޔުން ފަދަ އަމަލެއްގެ ގޮތުގަ އެވެ. އެއަށްވުރެ "މޮޅު" ރައްދެއް މޯދީއަށް ދެވޭނެ ގޮތް ނެތީމަ އެވެ.

ޕާކިސްތާނު މައްސަލާގައި 2014 ވަނަ އަހަރު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށްފަހު އަބަދުވެސް ސަރުކާރުގެ "ބަސް" އިއްވަވަމުން ގެންދެވީ ސީދާ މޯދީ އެވެ. ނަމަވެސް، މިފަހަރު މޯދީ ހަނުހުންނެވީ ކީއްވެތޯ އެއީ ކުރެވޭ ސުވާލެކެވެ. ނިއުކުލިއާ ބާރަކާއި ދެކޮޅަށް ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ރައްޔިތުންގެ ހިތްތަކުގައި ފެތުރުނު ދަނޑިވަޅެއްގައި، މޯދީ އެއްވެސް އެއްޗެއް ވިދާޅުނުވީމަ އެވެ.

އިންތިހާބު ބޯމަތިވެފައިވާ ދަނޑިވަޅެއްގައި އިންޑިއާގެ އިދިކޮޅު ފަރާތްތަކުން މޯދީގެ ހިމޭންކަމުގެ ފުރިހަމަ ބޭނުންހިފި އެވެ. މޯދީގެ ވެރިކަމުގައި ކުރިމަތިވި އެންމެ ބޮޑު ދިފާއީ މައްސަލާގައި މޯދީ ކެމްޕެއިން ޖަލްސާތަކަށް ވަޑައިގެން އުޅުއްވުމަކީ ގައުމު ދިފާއުކުރުން މުހިންމުނުވާކަން ހާމަވާކަމެއް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވި އެވެ.

މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ގަބޫލުކުރާ ގޮތުގައި، ޕާކިސްތާނުން އިންޑިއާގެ ބޯޓުތައް ވައްޓާލައި، ޕައިލެޓު ހައްޔަރުކުރުމަކީ މޯދީއަށް ލިބިވަޑައިގެންނެވި ކުއްލި ސިހުމެއް ކަމަށެވެ. އަދި އެކަމުން އަރައިނުގެންނެވިގެން އުޅުއްވަނިކޮށް، އިމްރާން ޚާން ވަނީ މުޅި މަންޒަރު އަނބުރާލައްވައިފަ އެވެ. ސުލްހަވެރިކަމާއެކު، މަޝްވަރާ ކުރުމަށް ގޮވާލައްވަމުން، އެ ވާހަކަތަކުގެ އަމަލީ ކުލަ ވެސް ޖައްސަވައިފަ އެވެ. އިންޑިއާ ޕައިލެޓް ދޫކޮށްލަން ނިންމަވާފައިވާ ކަން އިއުލާނުކުރައްވައި ސުލްހައިގެ "މެޑަލް" ހޯއްދެވި އެވެ.

އިންޑިއާ އިން ޕާކިސްތާނުގެ ސަރަހައްދަށް ހަމަލާދިނީ ރޭގަނޑު ދަންވަރު އެވެ. އޭގެ ރައްދު ޕާކިސްތާނުން ދިނީ ރޯމާ ދުވާލެވެ. އެ އަވަސް ރައްދާއެކު މުޅި މައްސަލައިގެ ކޮންޓްރޯލް އިންޑިއާ ސިފައިން އަތުން ގެއްލިގެން ދިޔަ އެވެ. އަންގަރާ ދުވަހުގެ ހަމަލާއަށްފަހު، އިންޑިއާގެ އެކި ހިސާބުތަކުގައި މީހުން ނުކުމެ އުފާފާޅު ކުރަމުންދަނިކޮށް، ޕާކިސްތާނުން ހަމަލާދިނުމާއެކު އެ އަޑުތައް ފަނޑުވެގެން ދިޔަ އެވެ. ސަރުކާރުން ތާއީދު ކުރާ ފަރާތްތަކުން ވެސް ބެލީ މޯދީއަށެވެ. އިންޑިއާ އިން ދޭނެ ރައްދަކަށެވެ. ގައުމީ ބަތަލެއް އަނބުރާ ގައުމަށް ގެންނަން މޯދީ ނިންމަވާނެ ނިންމެވުމަށެވެ.

ނަމަވެސް، އެކަމަށް ޕާކިސްތާނުން ފުރުސަތެއް ނުދިނެވެ. މުޅި މައްސަލައިގެ ކޮންޓްރޯލް އިމްރާން ޚާން ނެންގެވީ އެވެ. އެންމެ އަމަލަކުން ކެކިކެކި އޮތް މައްސަލަގަނޑުވެސް އެއް ފަހަރުން މައިތިރިކޮށްލީ އެވެ. އިންޑިއާގެ ގިނަ މީޑިއާތަކުން ދަނީ ޕައިލެޓް މިނިވަންވުމަކީ މޯދީގެ ސަރުކާރުން ހޯދި ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރަމުންނެވެ. ޕައިލެޓް ދޫކޮށްލީ ޕާކިސްތާނަށް އިތުރު ގޮތެއްނެތީމައޭ ބުނަމުންނެވެ.

ނަމަވެސް، އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރު ސަރަހައްދެއްގައި 40 އަށް ވުރެ ގިނަ ސިފައިން މަރާލި ހާދިސާގައި ޖާސޫސީ އިދާރާތައް ފެއިލްވި ވާހަކަ މަދު ބަޔަކު ނޫނީ ނުދައްކަ އެވެ. އަދި ރޯމާ ދުވާލު، އިންޑިއާގެ ލޯކުރިމަތީގައި، އިންޑިއާގެ ދެ މަތިންދާބޯޓު ޕާކިސްތާނުން ވައްޓާލުން ހުއްޓުވަން ނުކުޅެދުނު އިންޑިއާގެ ދިފާއީ ނިޒާމުގެ ވާހަކަ ވެސް ވަނީ އޮބިފަ އެވެ.