ހަބަރު

އައްޑޫއަށް ގޮނޑި އިތުރުކުރާ މައްސަލަ ނުބެލޭނެ: ހައިކޯޓް

އައްޑޫ ސިޓީގެ އިންތިހާބީ ދާއިރާތައް އިތުރު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސޯސް ނެތް ކަމަށް އެ ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި މަރަދޫފޭދޫއަށް ނިސްބަތްވާ މުމްތާޒު އަލީ ކިޔާ މީހެއް ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. މިހާރު މަރަދޫދޭދޫ އޮންނަނީ ވަކިން އޮންނަ މީދޫ ދާއިރާގެ ބައެއްގެ ގޮތުގަ އެވެ. އެހެންވެ، މަރަދޫފޭދޫގެ ބައެއް ހައްގުތައް ގެއްލޭ ކަމަށް އެ ދާއިރާގެ ބައެއް ރައްޔިތުން ވެސް ދެކެ އެވެ.

އެ މައްސަލަ ހުށަހެޅުމުން އިލެކްޝަން ކޮމިޝަނުން ވަނީ ހައިކޯޓަށް ބެލުމުގެ އިހްތިސޯސް އެކަމުގައި ނެތް ކަމަށް ބުނެ އިޖުރާއީ ނުކުތާތަކެއް ފާހަގަކޮށްފަ އެވެ. އެ އިޖުރާއީ ނުކުތާއާ ގުޅިގެން ފަނޑިޔާރުން ގޮތެއް ނިންމެވުމަށް މި މަހުގެ 14 ވަނަ ދުވަހު އަޑުއެހުމެއް ތާވަލުކުރި އެވެ. އެކަމަކު ދައުވާކުރި ފަރާތްތަކުން އެ އަޑުއެހުމަށް ހާޒިރުވެފައިނުވާތީ މައްސަލަ ބޭރުކޮށްލި އެވެ.

އެގޮތަށް ބޭރުކޮށްލާ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ. އެހެންވެ އެ މައްސަލަ އަލުން ހުށަހެޅުމުން މިއަދު ވަނީ މައްސަލާގެ އަޑުއެހުން ބާއްވާފަ އެވެ. އަދި އެ އިޖުރާއީ ނުކުތާއާ ގުޅިގެން ފަނޑިޔާރުންގެ ނިންމެވުން އިއްވާފަ އެވެ.

އެ ނިންމުމުގައި ބުނެފައިވަނީ ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާ އާއި ހައިކޯޓުގެ ގަވައިދުގެ 25 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު އެ މައްސަލަ ބެލުމުގެ އިހްތިސޯސް ހައިކޯޓަށް ލިބިގެންވާ ކަމަށް ނުފެންނަ ކަމަށެވެ. އެގޮތަށް ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުން ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ބެލޭނީ ދެ ބާވަތެއްގެ ދުސްތޫރީ މައްސަލަ އެވެ. އެއީ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނު އަސާސީއާ ތައާރުޒުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކާއި ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އެ ގަވާއިދެއްގެ ބައެއް ގާނޫނު އަސާސީއާ ނުވަތަ ގާނޫނަކާ ތައާރުޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. މަރަދޫފޭދޫ ހިމެނޭ ގޮތަށް މީދޫ ދާއިރާއަށް ވާދަ ކުރުމަށް މިހާރު ވެސް ބައެއް ކެންޑިޑޭޓުން ވަނީ ފޯމް ހުށަހަޅާފަ އެވެ.

މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތަށް ބޭނުންވާތީ މިދިޔަ އަހަރުގެ ފަހުކޮޅު އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށްފަހު ވެސް އިލެކްޝަން ކޮމިޝަނުން ނިންމީ މިހާރު ވެސް އޮތް ގޮތަށް މަރަދޫފޭދޫއަކީ މީދޫ ދާއިރާގެ ބައެއްގެ ގޮތުގައި ބޭއްވުމަށެވެ. އިލެކްޝަން ކޮމިޝަނުން މަޖިލިސް ދާއިރާ އިތުރުކުރީ މާލެއަށް އެކަންޏެވެ. އެއީ ހެންވޭރު އާއި މައްޗަންގޯޅިއަށެވެ.