އައްޑޫ ސިޓީގެ އިންތިހާބީ ދާއިރާތައް އިތުރު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިޖުރާއީ ނުކުތާތަކެއް ފާހަގަކޮށްފި އެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި މަރަދޫފޭދޫއަށް ނިސްބަތްވާ މުމްތާޒު އަލީ ކިޔާ މީހެއް ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. މިހާރު މަރަދޫދޭދޫ އޮންނަނީ ވަކިން އޮންނަ މީދޫ ދާއިރާގެ ބައެއްގެ ގޮތުގަ އެވެ. އެހެންވެ، މަރަދޫފޭދޫގެ ބައެއް ހައްގުތައް ގެއްލޭ ކަމަށް އެ ދާއިރާގެ ބައެއް ރައްޔިތުން ވެސް ދެކެ އެވެ.
އެ މައްސަލާގައި މިއަދު ހައިކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ޝަރީއަތް ފެށުމުގެ ކުރިން ދައުވާކުރާ ފަރާތަށް ސުވާލެއް އަމާޒެއް ކުރެއްވި އެވެ. ބެންޗުގައި އިންނެވި ފަނޑިޔާރު އަލީ ސަމީރު އެއްސެވީ އެ މައްސަލަ ދުސްތޫރީ މައްސަލައަކަށްވާ ގޮތާއި އެއީ ފުރަތަމަ މަރުހަލާގައި ވެސް ހައިކޯޓުން ބަލަންޖެހޭ ފަދަ މައްސަލައެއްތޯ އެވެ.
ސުއޫދުގެ ފަރާތުން ވަކާލަތު ކުރައްވާ ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ އެ މައްސަލައަކީ ގާނޫނު އަސާސީގެ 172 ވަނަ މާއްދާގެ (ހ)ގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އެ މާއްދާގައި ބުނެފައިވަނީ ކޮންމެ އިންތިހާބަކާ ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ކޮންމެ އާންމު ވޯޓަކާ ގުޅޭގޮތުން އިލެކްށަންސް ކޮމިށަނުގެ ނިންމުމަކާމެދު، ނުވަތަ އިންތިހާބެއްގެ ނަތީޖާއަކާމެދު، ނުވަތަ އިންތިހާބާބެހޭ ކަމެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިނގައިފައިވާ ކަމަށް އެ ފަރާތަކުން ގަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެ ށަކުވާއަކާމެދު ގޮތެއް ނިންމައިދިނުން އެދި އެ ފަރާތަކުން ހައިކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.
ޝުނާނާ ވިދާޅުވީ ހުށަހަޅާފައިވާ މައްސަލައަކީ ދުސްތޫރީ އަދި އިންތިހާބީ ޝަކުވާއަކަށް ވެސް ފިޓްވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައިކޯޓަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ މައްސަލައަކީ އިލެކްޝަން ކޮމިޝަނުން މަރަދޫފޭދޫ ދާއިރާއާ ގުޅޭ ގޮތުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ދުސްތޫރީ މައްސަލައެއް ކަމަށެވެ.
އިލެކްޝަން ކޮމިޝަންގެ ފަރާތުން ވަޑައިގެންނެވި ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ، އެ މައްސަލާގައި އެ ކޮމިޝަނަށް ފާާހަގަކުރެވޭ އިޖުރާއީ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މައްސަލަ ހުށަހަޅާފައިވަނީ އެފަދަ މައްސަލަތައް ހުށަހަޅަންޖެހޭ ފޯމެއްގަ ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ އިތުރަށް އެ މައްސަލަ ހުށަހަޅާފައިވަނީ ފުރިހަމަ ކުރަން ގާނޫނާގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަ ކުރުމެއް ނެތި ކަމަށް ވެސް މަހުފޫޒު ވިދާޅުވި އެވެ.
މަހުފޫޒު ވިދާޅުވި ގޮތުގައި، އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓް އިލެކްޝަން ކޮމިޝަނުން ގެޒެޓްކުރާ ތާރީހުން ފެށިގެން ޝަކުވާ ހުށަހެޅުމަށް 21 ދުވަސް ލިބޭ ކަމަށެވެ. އެ 21 ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުން އެ މައްސަލައެއްގައި ގޮތެއް ކޮމިޝަނުން 15 ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށެވެ. އެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ ދެން 15 ދުވަސް ތެރޭގައި ހައިކޯޓަށް މައްސަލަ ހުށަހެޅިދާނެ ކަމަށެވެ.
ނަމަވެސް، މައްސަލަ ކޯޓަށް ހުށަހެޅުއްވި ފަރާތުން އެ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާކަން ލިޔުމުން އެނގެން ނެތް ކަމަށް މަހުފޫޒު ވިދާޅުވި އެވެ. އިލެކްޝަން ކޮމިޝަނަށް އެ ދާއިރާއާ ގުޅޭ ޝަކުވާ ހުށަހަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއަށް ޖަވާބު ދެއްވަމުން ވަކީލް ޝުނާނާ ވިދާޅުވީ، ފޯމްގައި މައްސަލައެއް އުޅޭ ކަމެއް މީގެކުރިން އިލެކްޝަން ކޮމިޝަނުން ފާހަގަވެސް ކޮށްފައިނުވާ ކަމަށާއި އެ މައްސަލާގައި ކޮމިޝަނުން ޖަވާބު ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައަކީ އެތައް ގިނަ ރައްޔިތުންގެ ހައްގުތަކެއް އެކުލެވޭ މައްސަލައެއް ކަމަށާއި އެފަދަ ކަމެއްގައި އެ މައްސަލަ ނުބަލާ ބޭރުކޮށްލައިގެން ވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
އިޖުރާއަތްތައް ފުރިހަމަ ނުކުރާ ކަމަށް ވިދާޅުވާ މައްސަލާގައި ޝުނާނާ ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލުން މަރަދޫފޭދޫއަށް ވަކި ދާއިރާއެއް ކަނޑައަޅައިދިނުމަށް އިލްތިމާސްކޮށްފައިވާކަން އެ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނަކުން އެނގޭ ކަމަށެވެ. އަދި ދާއިރާތަކުގެ ވަގުތީ ރިޕޯޓް އާންމުކުރުމަށްފަހު އިލެކްޝަން ކޮމިޝަނުން އެ ދާއިރާއަށް ވަޑައިގެން، ވަކި ދާއިރާއަކަށް ހަދެމާ ގުޅޭ މަޝްވަރާތައްކޮށް، ރައްޔިތުންނަށް އެކަމުގައި ވަރަށް ބޮޑު އުއްމީދެއް ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އާއި ރިކޯޑިންތައް ވެސް ހުންނާނެ ކަމަށް ޝުނާނާ ވިދާޅުވި އެވެ. އައްޑޫގެ ބައްދަލުވުންތަކަށްފަހު މެންބަރުން މާލެ ވަޑައިގެން ކުއްލިއަކަށް ނިންމީ އައްޑޫގެ ދާއިރާތަކަށް ބަދަލު ނުގެންނަން ކަމަށާއި އޭގެ ސަބަބު ވެސް އަންގާފައިނުވާ ކަމަށެވެ. އެކަމާ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއާ ވެސް ބައްދަލު ކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި އިލެކްޝަނުން އެދުނީ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށް ކަމަށް ޝުނާނާ ވިދާޅުވި އެވެ. ޝުނާނާ ވިދާޅުވީ ވަކި ދާއިރާއެއްގެ ގޮތުގައި މަރަދޫފޭދޫ އިލެކްޝަން ކޮމިޝަނަށް ކަނޑައެޅެން ނެތް ކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވި ކަމަށާއި ނަމަވެސް ކޯޓުން ނިންމައިފިނަމަ ވަކި ގޮނޑިއެއް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވި ކަމަށެވެ.
އެ ހުރިހާ އުއްމީދެއް ދިނުމަށްފަހު އަދި މައްސަލާގައި ޖަވާބު ވެސް ކޯޓަށް ހުށަހެޅުމަށްފަހު އިޖުރާއީ ނުކުތާތަކެއް ނަގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނުމުން އިލެކްޝަން ކޮމިޝަންގެ ނިޔަތާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށް ޝުނާނާ ވިދާޅުވި އެވެ. އަދި އެއީ އިންސާފު ގާއިމުކުރުމަށް އެޅޭ ހުރަހެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިލެކްޝަންގެ ވަކީލް މަހުފޫޒު ވިދާޅުވީ، ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަ ކުރުމަކީ އިންސާފު ގާއިމުކުރުމަށް އެޅޭ ހުރަހެއް ނޫން ކަމަށާއި އެ އިޖުރާތްތައް ފުރިހަމަ ނުކޮށް ކޯޓަށް މައްސަލަ ހުށަނޭޅޭނެ ކަމަށެވެ. އިޖުރާއަތްތައް ފުރިހަމަ ކޮށްފައިވާނަމަ އެ ކަމުގެ ލިޔުންތައް ހުށަހެޅުމަށް އޭނާ އެދިވަޑައިގަތެވެ. އެފަދަ އެއްވެސް ލިޔުމެއް އިލެކްޝަން ކޮމިޝަންގައި ނެތް ކަމަށް ވިދާޅުވި އެވެ.
އެކަމަށް ފުރުސަތެއް ދިނުމަށް ފަނޑިޔާރުންގެ ބެންޗުން ނިންނެވި އެވެ. ޝުނާނާ ވިދާޅުވީ ބައްދަލުވުންތަކުގެ ޔައުމިއްޔާ އާއި ރިކޯޑިންތައް ހުށަހަޅަން ތައްޔާރު ކަމަށެވެ. ނަމަވެސް އެދެނީ އެ މައްސަލައަކީ އެތައް ރައްޔިތެއްގެ ހައްގާ ގުޅޭ މައްސަލައަކަށްވާތީ މައްސަލާގައި މައުޟޫއީ ގޮތެއްގައި ބަލައި ހުކުމެއް އިއްވައި ދިނުމަށެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ވެސް ވަކީލަކު ވަޑައިގަތެވެ. އޭނާ ވިދާޅުވި ގޮތުގައި ތިން ދުވަސް ތެރޭގައި އެކަމާ ގުޅިގެން އެ ކައުންސިލުން އިލެކްޝަން ކޮމިޝަން ފޮނުވާފައިވާ ލިޔުންތައް ހުށަހަޅާނެ އެވެ. އެހެންވެ، މިއަދުގެ އަޑުއެހުން ނިންމާލި އެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި މައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވި އެވެ. ބެންޗުގައި ދެން އިންނެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާނެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުން އަޑުއަހަން މަރަދޫފޭދޫގެ ބައެއް ރައްޔިތުން ވެސް ދިޔަ އެވެ. ޝަރީއަތް ބޭރުން އެމީހުން ބުނި ގޮތުގައި އެމީހުން ވެސް ވަނީ ވަކި ދާއިރާއެއްގެ ގޮތުގައި މަރަދޫފޭދޫ ކަނޑައަޅައިދިނުމަށް އެދޭ ކަމަށް ބުނެ ކޮމިޝަނަށް ސިޓީތައް ހުށަހަޅާފަ އެވެ.
އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށްފަހު ވެސް އިލެކްޝަން ކޮމިޝަނުން ނިންމީ މިހާރު ވެސް އޮތް ގޮތަށް މަރަދޫފޭދޫއަކީ މީދޫ ދާއިރާގެ ބައެއްގެ ގޮތުގައި ބޭއްވުމަށެވެ. އިލެކްޝަން ކޮމިޝަނުން މަޖިލިސް ދާއިރާ އިތުރުކުރީ މާލެއަށް އެކަންޏެވެ. އެއީ ހެންވޭރު އާއި މައްޗަންގޯޅިއަށެވެ.