އައްޑޫ ސިޓީގެ އިންތިހާބީ ދާއިރާތައް އިތުރު ކުރުމަށް ހައިކޯޓަށް މައްސަލަ ހުށަހެޅި ފަރާތުން މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރު ނުވެގެން އެ މައްސަލަ ބާތިލްކޮށްފި އެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި މަރަދޫފޭދޫއަށް ނިސްބަތްވާ މުމްތާޒު އަލީ ކިޔާ މީހެއް ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. މިހާރު މަރަދޫދޭދޫ އޮންނަނީ ވަކިން އޮންނަ މީދޫ ދާއިރާގެ ބައެއްގެ ގޮތުގަ އެވެ. އެހެންވެ، މަރަދޫފޭދޫގެ ބައެއް ހައްގުތައް ގެއްލޭ ކަމަށް އެ ދާއިރާގެ ބައެއް ރައްޔިތުން ވެސް ދެކެ އެވެ.
އެ މައްސަލާގައި ސުއޫދުގެ އިތުރުން ވަކީލެއްގެ ގޮތުން ބަންޑާރަ ނައިބު އޮފީހުގެ ކުރީގެ ވަކީލް މަރިޔަމް ޝުނާނާ މީގެކުރީގެ އަޑުއެހުންތަކަށް ވަޑައިގެންނެވި އެވެ. ނަމަވެސް މިއަދުގެ އަޑުއެހުމަށް ގަޑި ޖެހިގެން ދިޔައިރު ވެސް އެއިން އެއްވެސް ބޭފުޅެއްގެ ފަރާތުން އަޑުއެހުމަކަށް ބޭފުޅަކު ވަޑައިގެންފައެއް ނުވެ އެވެ.
އެހެންނަމަވެސް އައްޑޫ ސިޓީގެ ކައުންސިލްގެ ވަކީލާއި އިލެކްޝަން ކޮމިޝަންގެ ވަކީލުން މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގެންނެވި އެވެ.
މިއަދުގެ އަޑުއެހުމަކީ އެ މައްސަލަ ހައިކޯޓަށް ނުބެލޭނެ ކަމަށް ބުނެ، އިލެކްޝަން ކޮމިޝަންގެ ފަރާތުން ފާހަގަކޮށްފައިވާ އިޖުރާއީ ނުކުތާތަކާއެކު ގޮތް ނިންމުމަށް ތާވަލުކުރި އަޑުއެހުމެކެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ފުރިހަމަ ކުރަން ގާނޫނާގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަ ކުރުމެއް ނެތި ކަމަށް އިލެކްޝަން ކޮމިޝަންގެ ވަކީލުން ވިދާލުވެ އެވެ.
ކޮމިޝަންގެ ވަކީލް މަހުފޫޒު ސައީދު މީގެކުރީގެ އަޑުއެހުމުގައި ވިދާޅުވި ގޮތުގައި، އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓް އިލެކްޝަން ކޮމިޝަނުން ގެޒެޓްކުރާ ތާރީހުން ފެށިގެން ޝަކުވާ ހުށަހެޅުމަށް 21 ދުވަސް ލިބޭ ކަމަށެވެ. އެ 21 ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުން އެ މައްސަލައެއްގައި ގޮތެއް ކޮމިޝަނުން 15 ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށެވެ. އެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ ދެން 15 ދުވަސް ތެރޭގައި ހައިކޯޓަށް މައްސަލަ ހުށަހެޅިދާނެ ކަމަށެވެ.
ނަމަވެސް، މައްސަލަ ކޯޓަށް ހުށަހެޅުއްވި ފަރާތުން އެ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާކަން ލިޔުމުން އެނގެން ނެތް ކަމަށް މަހުފޫޒު ވިދާޅުވި އެވެ. އިލެކްޝަން ކޮމިޝަނަށް އެ ދާއިރާއާ ގުޅޭ ޝަކުވާ ހުށަހަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެ އެވެ. މަރަދޫފޭދޫ ހިމެނޭ ގޮތަށް މީދޫ ދާއިރާއަށް ވާދަ ކުރުމަށް މިހާރު ވެސް ބައެއް ކެންޑިޑޭޓުން ވަނީ ފޯމް ހުށަހަޅާފަ އެވެ.
މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތަށް ބޭނުންވާތީ މިދިޔަ އަހަރުގެ ފަހުކޮޅު އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށްފަހު ވެސް އިލެކްޝަން ކޮމިޝަނުން ނިންމީ މިހާރު ވެސް އޮތް ގޮތަށް މަރަދޫފޭދޫއަކީ މީދޫ ދާއިރާގެ ބައެއްގެ ގޮތުގައި ބޭއްވުމަށެވެ. އިލެކްޝަން ކޮމިޝަނުން މަޖިލިސް ދާއިރާ އިތުރުކުރީ މާލެއަށް އެކަންޏެވެ. އެއީ ހެންވޭރު އާއި މައްޗަންގޯޅިއަށެވެ.