އައްޑޫ ސިޓީގެ އިންތިހާބީ ދާއިރާތައް އިތުރުކޮށް ދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ. އެ ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
މި މައްސަލައަކީ މީގެކުރިން ހައިކޯޓަށް ވެސް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލާގައި މިއަދު ހައިކޯޓުން ވަނީ އެ މައްސަލަ ބެލުމުގެ އިހްތިސޯސް ނެތް ކަމަށް ކަނޑައަޅާފަ އެވެ.
ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި މަރަދޫފޭދޫއަށް ނިސްބަތްވާ މުމްތާޒު އަލީ ކިޔާ މީހެކެވެ. ސިވިލް ކޯޓަށް ވެސް ހަމަ އެ މައްސަލަ ހުށަހަޅާފައިވަނީ މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. މިހާރު މަރަދޫދޭދޫ އޮންނަނީ ވަކިން އޮންނަ މީދޫ ދާއިރާގެ ބައެއްގެ ގޮތުގަ އެވެ. އެހެންވެ، މަރަދޫފޭދޫގެ ބައެއް ހައްގުތައް ގެއްލޭ ކަމަށް އެ ދާއިރާގެ ބައެއް ރައްޔިތުން ވެސް ދެކެ އެވެ.
މައްސަލާގައި ވަކާލަތު ކުރައްވާ، ބަންޑާރަ ނައިބު އޮފީހުގެ ކުރީގެ ވަކީލް މަރިޔަމް ޝުނާނާ މިއަދު އަވަސްއަށް ވިދާޅުވީ ހައިކޯޓުގެ ހުކުމް އަންނާނީ އެގޮތަށްކަމަށް ލަފާކުރެވެތީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ހައިކޯޓުން މައްސަލަ ބޭރުކޮށްލާފައިވީ ނަމަވެސް އެ މައްސަލައަކީ ގާނޫނު އަސާސީގެ 172 ވަނަ މާއްދާގެ (ހ)ގެ ދަށުން އެ ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝުނާނާ ވިދާޅުވި އެވެ. އެ މާއްދާގައި ބުނެފައިވަނީ ކޮންމެ އިންތިހާބަކާ ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ކޮންމެ އާންމު ވޯޓަކާ ގުޅޭގޮތުން އިލެކްށަންސް ކޮމިށަނުގެ ނިންމުމަކާމެދު، ނުވަތަ އިންތިހާބެއްގެ ނަތީޖާއަކާމެދު، ނުވަތަ އިންތިހާބާބެހޭ ކަމެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިނގައިފައިވާ ކަމަށް އެ ފަރާތަކުން ގަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެ ށަކުވާއަކާމެދު ގޮތެއް ނިންމައިދިނުން އެދި އެ ފަރާތަކުން ހައިކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.
މިއަދު ހައިކޯޓުން ނިންމި ނިންމުގައި ބުނެފައިވަނީ ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާ އާއި ހައިކޯޓުގެ ގަވައިދުގެ 25 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު އެ މައްސަލަ ބެލުމުގެ އިހްތިސޯސް ހައިކޯޓަށް ލިބިގެންވާ ކަމަށް ނުފެންނަ ކަމަށެވެ. އެގޮތަށް ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުން ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ބެލޭނީ ދެ ބާވަތެއްގެ ދުސްތޫރީ މައްސަލަ އެވެ. އެއީ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނު އަސާސީއާ ތައާރުޒުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކާއި ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އެ ގަވާއިދެއްގެ ބައެއް ގާނޫނު އަސާސީއާ ނުވަތަ ގާނޫނަކާ ތައާރުޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކެވެ.
އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. މަރަދޫފޭދޫ ހިމެނޭ ގޮތަށް މީދޫ ދާއިރާއަށް ވާދަ ކުރުމަށް މިހާރު ވެސް ބައެއް ކެންޑިޑޭޓުން ވަނީ ފޯމް ހުށަހަޅާފަ އެވެ.
މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތަށް ބޭނުންވާތީ މިދިޔަ އަހަރުގެ ފަހުކޮޅު އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށްފަހު ވެސް އިލެކްޝަން ކޮމިޝަނުން ނިންމީ މިހާރު ވެސް އޮތް ގޮތަށް މަރަދޫފޭދޫއަކީ މީދޫ ދާއިރާގެ ބައެއްގެ ގޮތުގައި ބޭއްވުމަށެވެ. އިލެކްޝަން ކޮމިޝަނުން މަޖިލިސް ދާއިރާ އިތުރުކުރީ މާލެއަށް އެކަންޏެވެ. އެއީ ހެންވޭރު އާއި މައްޗަންގޯޅިއަށެވެ.