ހަބަރު

ބަނގުރަލާއެކު މާލެއިން ފަސް މީހަކު ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކަކާއެކު މާލެ އިން ފަސް މީހަކު ހައްޔަރުކޮށްފި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައިި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކުވެސް ހިމެނެ އެވެ.

ފުލުހުން ބުނީ، މާލެ އަށް ބަނގުރާ އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ހައްޔަރު ކޮށްފައިވަނީ މިއަދު މެންދުރުފަހު 2:35 އެހާއިރު ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ 18 އަހަރު ނުވާ ކުއްޖަކާއި 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ދެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެމީހުން ބަނގުރާ ހިފައިގެން ގޮސްފައިވަނީ ތިން ސައިކަލެއްގައި އަމީރު އަހުމަދު މަގުން ކަމަށެވެ. އެގޮތުން ފުރަތަމަ ސައިކަލް ހޮޓެލް ޖެން ކައިރިން ހުއްޓުވައި ބަލާފާސް ކުރި އިރު ފަހަތުގައި އިން މީހާގެ ދަބަހުން ހަތް ބަނގުރާފުޅި ފެނިފައިވާ ކަމަށެވެ. އަދި ސޯސަން މަގާއި އަމީރު އަހުމަދު މަގު ގުޅުނު ހިސާބުން ދެވަނަ ސައިކަލް މަޑުކޮށް އެސައިކަލްގެ ފަހަތުގައި އިން މީހާގެ ކޮނޑުގައި އޮތް ދަބަސް ޗެކްކުރި އިރު ހަތް ބަނގުރާ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އަމީރު އަހުމަދު މަގުގައި އިންނަ މޯލްޑިވްސް ކޮމާޝަލް ބޭންކް ކައިރިން ތިން ވަނަ ސައިކަލް ހުއްޓުވުމުން، އެސައިކަލްގެ ފަހަތުގައި އިން މީހާ އަތުގައި އޮތް ދެ ދަބަސް އެއްލާލުމަށްފަހު ފިލަން މަސައްކަތް ކުރަނިކޮށް އަތުލައިގެންފައިވާ ކަމަށެވެ. ނަމަވެސް ސައިކަލް ދުއްވަން އިން މީހާ ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، fފަހުން ހިފެހެއްޓި ސައިކަލްގެ ފަހަތުގައި އިންމީހާގެ އަތުގައި އޮތް ދެދަބަސް ބަލާ ފާސްކުރިއިރު 14 ބަނގުރާ ފުޅި އޮތް ފެނިފައިވާ ކަމަށެވެ. ދަބަސްތައް އެއްލާލުމުން އޭގެ ތެރެއިން އެއް ދަބަހުގައި އޮތް ދެ ފުޅި ތަޅައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.