ރާއްޖެ ކުޅިވަރު

ސެންޓޭ އަށް ޕޮމިސް ކަޕްގައި ނުކުޅެވޭނެ

އަންނަ މަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ޕޮމިސް ކަޕްގައި ނިއު ރޭޑިއަންޓްގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) އަށް ނުކުޅެވޭނެ ކަމަށް ނިއު އިން ބުނެފި އެވެ.

ސެންޓޭގެ ކަނާތު ފަޔަށް 2012 ވަނަ އަހަރު ލިބުނު އަނިޔާއާ ގުޅިގެން، އޮޕަރޭޝަންކޮށް އޭނާގެ ފަޔަށް ލައްވާފައިވާ ދަގަނޑު ޕްލޭޓްކޮޅު މިއަދު ވަނީ ނަގައިފަ އެވެ. ޕްލޭޓް ނެގުމަށް ކުރި އޮޕަރޭޝަނާ ގުޅިގެން ދެ މަސް ދުވަހުގެ މުއްދަތަކަށް ސެންޓޭ އަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށް ނިއުގެ އޮފިޝަލެއް ބުންޏެވެ.

"ސެންޓޭ އަށް ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެ ތިން ހަފުތާ ފަހުން. އެކަމަކު އޭނާ އަށް މެޗެއް ކުޅެވޭ ވަރުވާނީ ދެ މަސް ފަހުން. ޕޮމިސް ކަޕްގައި ސެންޓޭ އަށް ނުކުޅެވޭނެ. އޭއެފްސީ ކަޕްގައި ވެސް ކުޅޭވޭނީ ވަކި ހިސާބަކުން،" އޮފިޝަލް ބުންޏެވެ.

މިދިޔަ ސީޒަންގައި 26 ލަނޑު ޖެހި ސެންޓޭ އަކީ ނިއުގެ އެންމެ މުހިންމު އެއް ކުޅުންތެރިއާ އެވެ. މި އަހަރު ނިއު އިން ޕްރެޒިޑެންޓްސް ކަޕް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އުފުލާލީ ފައިނަލްގައ އީގަލްސް ކޮޅަށް ސެންޓޭ ޖެހި ލަނޑުންނެވެ. މީގެ އިތުރުން މި އަހަރު ނިއު އަށް ލީގު ޗެމްޕއަންކަން ހޯދައިދިނުމުގައި ވެސް ސެންޓޭ ވަނީ މުހިންމު ރޯލެއް އަދާކުރި އެވެ.