ހަބަރު

ޖަލްސާއަށް ހާޒިރުނުވާ މެންބަރުންނަށް މުސާރަ ލިބިގެން ނުވާނެ: އުޝާމް

ވިލިމާލޭގައި ހުރި ދަތިތަކާއި މައްސަލަތައް ހައްލުކޮށް ވިލިމާލެއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އުއްމީދު ކަމަށް އެ ދާއިރާއަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާ އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމަކީ ވިިލިމާލެއަށް ނިސްބަތްވާ، އެ ތަނުގައި އުޅެ ބޮޑުވި ބޭފުޅެކެވެ. އޭނާއަކީ ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ދައުލަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެފަހުން 2013 ވަނަ އަހަރުން ފެށިގެން މި އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް ހުންނެވީ ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމުގަ އެވެ.

ރޭ ވިލިމާލޭގައި ބޭއްވި ކުލަގަދަ ހަފުލާއެއްގައި އުޝާމް ވަނީ އޭނާ "މަޖިލީހަށް ވިލިމާލެ" ކެމްޕެއިން ރަސްމީކޮށް ފައްޓަވާފަ އެވެ. "މަޖިލީހަށް ވިލިމާލެ"އަކީ އުޝާމްގެ މެނިފެސްޓޯ އެވެ. ވިލިމާލެ ރައްޔިތުންގެ އުއްމީދުތަކެވެ. އޭނާ ވަނީ އެ މެނިފެސްޓޯގެ ދަށުން ވައުދުތަކެއް ވެސް ރޭ ވެވަޑައިގެންފަ އެވެ.

ވިލިމާލޭގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވި ފޯރިގަދަ ހަފުލާގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ އޭނާ އިއުލާން ކުރެއްވި މެނިފެސްޓޯގެ ދަށުން ހާސިލްކުރަން ބޭނުންވާ އެންމެ ފުރަތަމަ ލަނޑުދަނޑިއަކީ އާންމު ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ. ފެންވަރު ރަނގަޅު އާންމު ހިދުމަތަކީ އިތުބާރުކުރެވޭ ބޭސްފަރުވާ އާއި ލުއިފަސޭހަ ދަތުރުފަތުރު، ފުރިހަމަ ތައުލީމު ކަމަށް ވިދާޅުވި އެވެ.

ދެވަނަ ލަނޑުދަނޑިއެއްގެ ގޮތުގައި އުޝާމް ފާހަގަކުރެއްވީ އިޖުތިމާއީ ދުޅަހެޔޮކަން ކުރިއެރުވުމެވެ. އުޝާމް ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ވެސް ހިއްސާވެވޭނެ ކޯޕަރޭޓިވް ސޮސައިޓީ އެއް އުފެއްދުމަށް ވިލިމާލޭގައި ހުރި ހުސްބިންތައް ކޯޕަރޭޓިވް ސޮސައިޓީގެ ބެލުމުގެ ދަށުން ތަރައްގީކުރެވިއްޖެނަމަ، ވިލިމާލޭގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކުރެވޭނެ ކަމަށެވެ.

އުޝާމް ވިދާޅުވި ގޮތުގައި އޭނާގެ ތިންވަނަ ލަނޑުދަނޑިއަކީ ރައްޔިތުންނަށް ޖަވާބުދާރީކުރުވޭނެ މަންދޫބެއް އުފެއްދުމެވެ. އަމާޒަކީ ދާއިރާގެ ރައްޔިތުންނަށް ޖަވާބުދާރީކުރުވޭނެ މަންދޫބަކަށްވުން ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް ގާތުން އަބަދުވެސް އަޑު އަހަމުންދާނެ މީހަކަށްވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ. އެކަން ހާސިލްކުރުމަށްޓަކައި، ދާއިމީ އޮފީހެއް ވިލިމާލޭގައި ގާއިމުކުރާނެ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ދާއިރާގެ ކަންބޮޑުވުންތައް އަޑުއަހައި، ހިޔާލު ހޯދުމަށް ވިލިމާލޭގައި ރަށްވެހި ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް ހުންނާނީ ހަމަ ތިޔަބޭފުޅުންގެ މީހެއްގެ ގޮތުގައި، ވިލިމާލޭގެ ރައްޔިތުންނަށް އަޅުގަނޑެއް ނުފިލާނަން، އަޅުގަނޑެއް ނުގެއްލޭނަން،" ވިލިމާލޭގެ އިޖުތިމާއީ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވަންވީ ރައްޔިތުންގެ މަންދޫބުންނެވެ. ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ މަންދޫބުންނެވެ. އެކަން ކުރުމަށްޓަކައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވާކަށް ނުޖެހޭ ކަމަށާއި ބޭނުންވަނީ އިހްލާސްތެރިކަން ކަމަށް އުޝާމް ވިދާޅުވި އެވެ. އުޝާމް ވިދާޅުވި ގޮތުގައި އެ ދާއިރާއެއްގެ ކަންކަން އެނގޭނީ އެ ދާއިރާއަކަށް ނިސްބަތްވާ މީހަކަށެވެ.

"މި ބިމަށް ލޯތްބެއް ނެތް، މި ގުޅުމަށް ކުލުނެއް ނެތް މީހަކު މިތަނުގެ ކަންކަމާ ނޫޅޭނެކަން، ޑިމޮކްރެސީގެ އަސާސަކީ، އެ ބައެއްގެ ކަންކަން ކުރާނެ ގޮތް އެބަޔަކު އަމިއްލައަށް ނިންމުން، އެމީހުން ތަމްސީލްކުރާނެ މަންދޫބަކު އެމީހުންގެ ތެރެއިން ހޮވުން، އަދި ހޮވޭ މީހަކަށް މަގާމު ހަވާލުކުރުން، އޭގެ ބޭނުމަކީ، ރަށުގެ ރައްޔިތުންގެ ހާލަތު ގައުމުގެ އެންމެ މަތީ މަޖިލީހަށް އިއްވާ މީހަކީ ރަށުގެ ހާލަތު އެނގޭ، އެކަން އިހުސާސްކުރެވޭ މީހަކަށް ހެދުން،" އުޝާމް ވިދާޅުވި އެވެ.

އަބަދުވެސް ހުންނާނީ ތިޔަބޭފުޅުންގެ މީހެއްގެ ގޮތުގައި، ވިލިމާލޭގެ ރައްޔިތުންނަށް އަޅުގަނޑެއް ނުފިލާނަން، ނުގެއްލޭނަން
މިނިވަން ކެންޑިޑޭޓް، އަހުމަދު އުޝާމް

އަދުލު އިންސާފާއި ބޯހިޔާވަހިކަމަށް އުޝާމްގެ ހައްލުތައް

އުޝާމް ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމު ހަރުދަނާ ކުރުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. ފަނޑިޔާރުގެއަށް ސިޔާސީ ނުފޫޒު ވަދެ، އިންސާފުގެ ތިލަފަތް ފައިސާއިން ބަރުކުރުމުގެ ނަތީޖާއެއްގެ ގޮތުން ފަނޑިޔާރުގޭގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

"ފާއިތުވި 10 ވަރަކަށް އަހަރު ދާއިރާގައި ދިމާވެފައިވާ މައްސަލަތައް އަޅުގަނޑު ވަރަށް ގާތުން ދުށިން، ކޮންމެ ސަރުކާރެއް އަޔަސް، ކޮންމެ ރައިސަކު ހުއްޓަސް، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ، ފަނޑިޔާރުގެ އިސްލާހުކުރުމުގެ ނަމުގައި އެއް ބަޔަކު ކޯޓުގައި ތަޅު އެޅުވިއްޔާ، އަނެއް ބަޔަކު ގޮސް ކޯޓުގެ ފުރާޅުން ޓިނު ނަގަނީ، ހަގީގަތަކީ ކޮންމެ ސިޔާސީ ލީޑަރަކު ވެސް ފަނޑިޔާރުގެ އަށް ނުފޫޒު ފޯރުވަން ބޭނުންވާކަން،" އުޝާމް ވިދާޅުވި އެވެ.

މީގެ އިތުރުން، ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިފައިވާ ގޮތަށް އޭނާ ފާޑުވިދާޅުވި އެވެ. އެ ކޮމިޝަނުން ސިޔާސީ ފަރާތްތަކަށް ޖާގަ ލިބޭ ގޮތަށް އޮތުމުގެ ނަތީޖާއަކީ ސިޔާސީ ގޮތުން ނުފޫޒު ގަދަ މީހުން ބޭނުންވާ ގޮތަށް މައްސަލަ ނިންމުން ކަމަށެވެ. އަދުލު އިންސާފަކީ މަހުޖަނަކަސް ފަގީރަކަސް، ތަފާތު ކުރުމެއް ނެތި ލިބެން ޖެހޭ އަސާސީ ހައްގެއް ނަމަވެސް ސިޔާސީ ގޮތުން ނުފޫޒު ގަދަ މީހުންނާއި މަހުޖަނުން ވަނީ ރައްޔިތުންގެ އެ އަސާސީ ހައްގަށް އަރައިގެންފަ ކަމަށް ވިދާޅުވި އެވެ.

ހަމަ އެގޮތަށް ބޯހިޔާވަހިކަމުގެ މައްސަލައަކީ ވެސް ރާއްޖޭގައި ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ މައްސަލައެއް ކަމަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށިކަމުގައި ވިޔަސް، އާންމު ރައްޔިތަކަށް އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ހޯދޭނެ ގޮތެއް ނެތް ކަމަށެވެ.

"މި މަޝްރޫއުތަކުގެ ދަށުން ގެދޮރު ހޯދުމުގެ ތަނަވަސްކަން ހުރީ މުއްސަނދިންގެ އާންމު ރައްޔިތު މީހާ އުޅެން ޖެހެނީ ހަމަ ކުލީގެ އަޅުވެތިކަމުގައި، މީގެ އިތުރުން، އަޅުގަނޑުމެންގެ ނިޒާމް ބައްޓަންވެފައި އޮތީ ބޯހިޔާވަހިކަން ހޯދުމަށްޓަކައި ބޭންކުން ހައުސިން ލޯނުތައް ނަގާ ފަރާތްތަކަށް ގާނޫނީ ގޮތުން އެއްވެސް ކަހަލަ ރައްކާތެރިކަމެއް ދެވޭ ގޮތަކަށް ނޫން، އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދެވޭނީ ވެސް ރައްޔިތުންގެ މަޖިލީހުން އެކަމަށް ވަކާލާތުކޮށްގެން،" އުޝާމް ވިދާޅުވި އެވެ.

އުޝާމްގެ މެނިފެސްޓޯ!

  • އާންމު ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން
  • އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުން
  • ދާއިމީ އޮފީހެއް ވިލިމާލޭގައި ގާއިމް ކުރުން
  • ރަށްވެހި ބައްދަލުވުންތައް ބޭއްވުން
  • ހާލުބޮޑު ބަލިމީހުން ވަގުތުން މާލެ އަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުން
  • ޑޮކްޓަރުންގެ ހިދުމަތް ގަވައިދުން ލިބޭ، އިމަޖެންސީ ފަރުވާ ރަނގަޅު ފެންވަރަކަށް
  • ފެރީތަކުގެ ހިދުމަތް ރަނގަޅުކުރުން
  • ސީދާ އެއާޕޯޓާއި ވިލިމާލެ އާ ދޭތެރޭ ފެރީ ދަތުރު
  • ވިލިމާލޭގައި ތިބެގެން އޭލެވެލް ހަމައަށް ކިޔެވޭނެ ގޮތް
  • މުހިއްޔުއްދީން ސްކޫލަކީ ވަސީލަތްތައް ހަމަ، ފެންވަރު ރަނގަޅު ސްކޫލަކަށް

އުޝާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ވެސް އެއްކޮށް އިސްލާހު ކުރަން ޖެހިފައިވާ މުއައްސަސާއެއް ކަމަށާއި މަޖިލީހުގެ މެންބަރުންގެ ކޮރަޕްޝަންގެ ވާހަކައަކީ މެދުނުކެނޑި އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށެވެ. އަމިއްލައަށް ބޮޑު މުސާރަ ކަނޑައަޅައިގެން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވެ ތިބުމާއި، ރަށްތަކާއި ފަޅުތައް ވިއްކާލައިގެން ނުހައްގު މުއްސަނދިކަން ހޯދުން ރައްޔިތުންނަކަށް ބަލައެއް ނުގަނެވޭނެ ކަމަށެވެ.

"ކޮރަޕްޝަންގެ ބާޒާރުގައި އަމިއްލަ ނަފްސު ވިއްކާލުން ރައްޔިތުންނަކަށް ގަބޫލެއް ނުކުރެވޭނެ، އެހެން ރައްޔިތުންނެކޭ ވެސް އެއްގޮތަށް މަޖިލީހުގެ މެންބަރަކަށް ވެސް ލިބެން ވާނީ ކުރާ މަސައްކަތެއްގެ އުޖޫރަ ހާޒިރުނުވާ ޖަލްސާ އަކަށް، ނުކުރާ މަސައްކަތަކަށް އުޖޫރަ ލިބިގެން ނުވާނެ، މީގެ އިތުރުން، އޭސީސީ އިސްލާހުކޮށް، ރައްޔިތުންނަށް ހިދުމަތްކުރަން ހޮވާފައި ތިބޭ ފަރާތްތަކުން ހިންގާ ކޮރަޕްޝަންގެ އަމަލުތަކަށް ހަރުކަށި އަދަބު ދެވެން ޖެހޭ،" އުޝާމް ވިދާޅުވި އެވެ.