ހަބަރު

އޭސީސީގެ މެންބަރުން ވަކިކުރަން ގޮވާލައި ޕެޓިޝަނެއް

Mar 3, 2019
2

އޭސީސީގެ މެންބަރުން މަގާމުން ވަކި ކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.

އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ، އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ވަކީލް މަރިޔަމް ސުނާނާ ވިދާޅުވީ، އެ ޕެޓިޝަން ތައްޔާރު ކުރުމުގެ ބޭނުމަކީ ބޮޑެތި ތުހުމަތުތަކެއް ކުރެވި ނަޒާހަތްތެރިކަން ގެއްލިފައިވާ އޭސީސީގެ މެންބަރުން ވަކިކުރަން މަޖިލީހުގެ މެންބަރުންނަށް ޕްރެޝަރު ކުރުން ކަމަށެވެ. އެގޮތުން އެ ޕެޓިޝަންގައި ސޮއި ކުރުން އާޓިފިޝަލް ބީޗްގައި މިދިޔަ ހުކުރު ދުވަހު ހަވީރު ކުރިއަށް ދިޔަ އެވެ.

އެ ޕެޓިޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ ގިނަ ކެންޑިޑޭޓުން ސޮއި ކުރި އެވެ. މީގެ އިތުރުން ވެސް ވަރަށް ގިނަ އާންމުން ސޮއިކޮށްފައިވާ ކަމަށް ސުނާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕެޓިޝަން މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ. ޕެޓިޝަންގައި އެދިފައި ވަނީ ރައްޔިތުންގެ މަޖިލީހުން އޭސީސީގެ މެންބަރުންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އެ މީހުން މަގާމުން ދުރުކޮށް ދިނުމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ އޭސީސީގެ ބައެއް މެންބަރުންނާއި އެ މީހުންގެ އާއިލާތަކަށް ލިބުނު ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މީގެ އިތުރުން، ބޮޑު ހިޔާނާތުގެ ތަހުގީގު ރިޕޯޓް ފުރިހަމަ ނުވާ ކަމަށް ބުނެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.

އޭސީސީގެ މެންބަރުން ވަކިކުރަން ގޮވާލައި މީގެ ކުރިން ވަނީ މުޒާހަރާއެއް ވެސް ކޮށްފަ އެވެ.