ލިވަޕޫލް

"ވައިގަދަ ކަމުން" ލިވަޕޫލް މާޔޫސް ކޮށްލައިފި!

މިސްރުގެ ފޯވަޑް މުހައްމަދު ސަލާހްއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އޭނާއަށް ގޯލަށް ހަދާލެވޭ ގޮތެއް ނުވި އެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެންޗެސްޓާ ސިޓީގެ މައްޗަށް ލީޑް ނަގަން ލިބުނު ފުރުސަތު ލިވަޕޫލަށް ގެއްލުމެވެ.

މާސީސައިޑް ޑާބީގެ މެޗު، ލަނޑެއް ނުޖެހި އެއްވަރުވުމުން، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބަހަނާއަކަށް ދެއްކީ، އެވަޓަންގެ ދަނޑު ގޫޑިސަންޕާކަށް ވައި ގަދަވުމުގެ މައްސަލަ އެވެ. މިއީ ވައިގަދަ ކަމުން އޭނާ އެ ވާހަކަ ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ.

ލީގްގައި، ލިވަޕޫލް ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. 29 މެޗުން 70 ޕޮއިންޓް ހޯދި އެވެ. އަދި ރޭ މެޗާއެކު އެ ޓީމު ވަނީ ބައިކޮޅަށް ލަނޑެއް ނުވަދެ ޖެހިޖެހިގެން ފަސް ވަނަ މެޗެވެ. ނަމަވެސް އެންމެ ހިތި ހަގީގަތަކީ ލިވަޕޫލް އޮތީ ތާވަލުގެ އެންމެ ކުރީގައި ނޫން ކަމެވެ.

ސަލާހްއަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އޭނާ އާއި ލިވަޕޫލްގެ އެހެން ކުޅުންތެރިން އުފެއްދި ހަމަލާތައް ދިފާއު ކުރުމުގައި އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.