މެޓްރޯޕޮލިޓާނޯގައި އެތުލެޓިކޯ އަތުން 1-0 އިން ބަލިވިޔަސް އަދި ނިމުނީ ނޫން ކަމާއި، އެންފީލްޑް ސްޓޭޑިއަމަށް އެތުލެޓިކޯއަށް މަރުހަބާ ކިޔާ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.
ދެ ވަނަ ބުރުގެ ފުރަތަމަ ލެގް މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި، އެތުލެޓިކޯއިން ވަނީ އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ ސައުލް ނިގޭޒް އެވެ. ދެ ވަނަ ހާފަށް ކްލޮޕް ނުކުުތީ ސެޑިއޯ މާނޭގެ ބަދަލުގައި ޑިވޯކް އޮރީގީއަށް ފުރުސަތު ދީގެންނެވެ.
ކްލޮޕް ބުނީ، މާނޭ ބަދަލު ކުރީ އެތުލެޓިކޯއިން މާނޭއަށް ރަތް ކާޑެއް ދެއްކުމަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަމުން ދިއުމުން ކަމަށެވެ. މެޗުގެ 10 ވަނަ މިނެޓްގައި މާނޭ އަށް ރީނދޫ ކާޑު ދެއްކި އެވެ.
ކްލޮޕް ބުނީ، މެޗުގައި އުފާ ވެފައި ތިބި މޫނުތައް އެތުލެޓިކޯގެ މޫނު މަތިން ފެނުނު ކަމަށާއި އެހެންނަމަވެސް އަދި އެއީ ނިމުން ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.
"މިވަގުތު މިއޮތީ ހާފް ޓައިމްގައި [ފުރަތަމަ ލެގް ނިމިފައި]، ހާފް ޓައިމްގައި އަހަރެމެން މިއޮތީ 1-0 އިން ފަހަތުގައި،" ކްލޮޕް ވާހަކަ ދެއްކި އެވެ. "ހާފް ޓައިމްގައި 15 މިނެޓް އޮތަސް އަހަރެމެން ދުލެއް ނުކުރާނަން، އަދި ތިން ހަފުތާ އޮތިއްޔާ އަހަރެމެން އަމުދުން ފަހަތަށް ޖެހެންވީ ކީއްކުރަން."
"ދެ ވަނަ ހާފު [ ދެ ވަނަ ލެގް] ގައި އަދި މާ ރަނގަޅު ވާނެ އެއީ އަހަރެމެން ކުޅޭނީ އަހަރެމެންގެ އަމިއްލަ ސްޓޭޑިއަމްގައި، އެ މެޗު ތަފާތު ވާނެ، އެތުލެޓިކޯއަށްވެސް އެކަން އިހްސާސް ކުރެވޭނެ."
އެންފީލްޑްގައި ކުޅޭ މެޗު އޮންނާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ.