ޓްރާންސްފާ މާކެޓް

ލިވަޕޫލްގެ ޑިފެންސަށް ހައްލު ހޯދަން ޑީލްތަކެއް

ލިވަޕޫލްގެ މައި ޑިފެންޑަރު ވާޖިލް ވެންޑައިކަށް މި ސިޒަންގައި ލިބުނު އަނިޔާ އާ ގުޅިގެން އެ ޓީމުގެ ދިފާއީ މައްސަލަ ހައްލު ކުރުމަށްޓަކައި ޝާލްކޭގެ އޮޒާން ކަބަކް އާއި ޕްރެސްޓަންގެ ބެން ޑޭވިސް ލިވަޕޫލުން ޓްރާންސްފާގެ ފަހު ވަގުތުގައި ސޮއި ކުރުވައިފި އެވެ.

ފިނި މޫސުމުގެ ޓްރާންސްފާގެ ދޮރު ރޭ ވަނީ ބަންދުވެފަ އެވެ. ވެންޑައިކްގެ އިތުރުން، އަނެއް ދެ ޑިފެންޑަރުން ކަމަށްވާ ޖޯ ގޯމޭޒް އަދި ޖޮއެލް މާޓިޕްއަށްވެސް ވަނީ އަނިޔާވެފަ އެވެ. މިޑްފީލްޑަށް ކުޅޭ ފަބިއާނޯ ޑިފެންސްގައި މޮޅަށް ކުޅުނަސް މިހާރު އޭނާ އަށްވެސް ވަނީ އަނިޔާ ވެފަ އެވެ. މިޑްފީލްޑާ އަދި ކެޕްޓަން ޖޯޑަން ހެންޑަސަން ވެސް މިހާރު ޑިފެންޑަރަށް ކުޅެ އެވެ. އޭނާ ވެސް ވަނީ އަނިޔާވެގެން އެކަހެރި ކޮށްފަ އެވެ.

ޑިފެންސަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ލިވަޕޫލުން ދެ ޑިފެންޑަރުން ސޮއި ކުރުވީ ޓްރާންސްފާ ޕީރިއަޑްގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގަ އެވެ.

ތުރުކީގެ ޑިފެންޑަރު ކަބަކް ލިވަޕޫލަށް ބަދަލުވީ ލޯން އުސޫލުންނެވެ. ލޯންގެ އަގުގެ ގޮތުގއި އެ ކުލަބުން ވަނީ 1.37 މިިލިއަންޑް ޑޮލަރު ޝާލްކޭއަށް ދޭން އެއްބަސްވެފަ އެވެ. އަދި ލިވަޕޫލް ބޭނުން ނަމަ އޭނާ ލައްވައި ދައިމީ ކޮންޓްރެކްޓެއްގައި ސޮއި ކުރުވުމުގެ އިހްތިޔާރުވެސް އެ ކުލަބަށް އެބައޮތެވެ. އޭރުން 18 މިލިއަން ޕައުންޑް ލިވަޕޫލުން ޝާލްކޭއަށް ދިނުމުން ފުދޭނެ އެވެ.

ޑާވިސް ލިވަޕޫލަށް ބަދަލުވީ 500،000 ޕައުންޑަށެވެ. އަދި ބޯނަސްގެ ގޮތުގަައި އިތުރު ފީތަކެއް ޕްރެސްޓެންއަށް ކުރިއަށް އޮތް ތަނުގައި ދޭން ޖެހޭނެ އެވެ.