ޓްރާންސްފާ މާކެޓް

އޮލިމްޕިއާކޮސްގެ ޑިފެންޑަރު ސިމިކަސް ލިވަޕޫލަށް

ގުރީސްގެ ޗެމްޕިއަން އޮލިމްޕިއާކޮސްގެ ވާތު ބެކް ކޮސްޓަސް ސިމިކަސް އިނގިރޭސި ޗެމްޕިއަން ލިވަޕޫލަށް ބަދަލުވުމަށް ދެ ކުލަބުގެ ދެމެދުގައި އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

އަންނަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ވަނީ ވަކި ޕޮޒިޝަންތަކެއް އޯވަހޯލް ކުރުމުގެ މަސައްކަތް ފަށާފަ އެވެ. ކްލޮޕް އެންމެ އިސްކަން ދިން މަގާމަކީ ވާތު ބެކެވެ. އެންޑީ ރޮބަޓްސަންގެ ބެކަޕެއްގެ ގޮތުގައި ވާތު ފައިން ކުޅޭ ޑިފެންޑަރަކު ހޯދުމަށް ކްލޮޕް ކުރި މަސައްކަތް އެންމެ ފުރަތަމަ އަމާޒު ކުރީ ނޯވިޗް ސިޓީ އަށެވެ. އެ ޓީމުގެ ލެފްޓްބެކް ޖަމާލް ލެވިސްގެ ޓްރާންސްފާއަށް ލިވަޕޫލުން ހުށަހެޅި 10 މިލިިއަން ޕައުންޑްގެ ބިޑް ނޯވިޗުން ވަނީ އަނބުރާ ރައްދު ކޮށްފަ އެވެ.

ބިޑް އަނބުރާ ރައްދު ކުރުމަށް ނޯވިޗުން ނިންމީ، އެ ޓީމުން ޑިމާންޑް ކުރާ އިތުރު 10 މިލިއަން ޔޫރޯއާއެކު ޖުމުލަ އަގު 20 މިލިއަން ޔޫރޯއަށް ހެދުމަށް ލިވަޕޫލުން ބޭނުން ނުވުމުންނެވެ. ލެވިސްގެ ބިޑް ނާކާމިޔާބު ވުމުން ލިވަޕޫލުން އަމާޒު ބަދަލު ކުރީ ގްރީސް އަށެވެ. ޔޫރޮޕާ ލީގްގެ ގަދަ 16 ގައި އިނގިރޭސި ވިލާތުގެ ވޯލްވްސް އާ ދެކޮޅަށް މިދިޔަ ހަފުތާގައި އޮލިމްޕިއާކޮސް ކުޅުނު މެޗުގައި ސިމިކަސް ވަނީ ކުޅެފަ އެވެ.

ސިމިކަސްގެ ޓްރާންސްފާއަށް ދެ ކުލަބުގެ ދެމެދުގައި އެއްބަސްވެފައި ވަނީ 11.75 މިލިއަން ޕައުންޑެވެ. އުމުރުން 24 އަހަރުގެ ޑިފެންޑަރު ލިވަޕޫލާއެކު ހަތަރު އަހަރު ދުވަހުގެ އެއްބަސް ވުމުގައި ސޮއި ކުރާ ގޮތަށް ވަނީ ވާހަކަ ދެކެވިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާ އަށް މުސާރައިގެ ގޮތުގައި ހަފުތާއަކު 50،000 ޕައުންޑް ދޭނެ އެވެ.

ސިމިކަސް އަކީ، ނިމިދިޔަ ސީޒަނަށް ފަހު އޮލިމްޕިއާކޮސް ދޫކޮށްލާ ދެ ވަނަ ޑިފެންޑަރެވެ. އެ ޓީމުގެ ކެޕްޓަން އުމަރު އަލްއަބްދަލީގެ ކޮންޓްރެކްޓް ހަމަވުމުން އޭނާ ވަނީ ޓީމާ ވަކިވެފަ އެވެ. ނޯވޭގެ ގައުމީ ޓީމުގެ ޑިފެންޑަރު ގެންދިއުމަށް ގަލަތަސާރާއީ އިން ވަނީ ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ.