ކުޅިވަރު

އެލިސަން ލިވަޕޫލަށް ދޫކޮށްލަން ރޯމާ އެއްބަސްވެއްޖެ

ގޯލްކީޕަރު އަލިސަން ބެކާ ޓްރާންސްފާއަށް ލިވަޕޫލުން ހުށަހެޅި ބިޑަށް، ރޯމާއިން އާނ ބަސް ބުނެފި އެވެ.

އިންޓަ މިލާނުން 2016 ވަނަ އަހަރު ރޯމާއާ ގުޅުނު، އަލިސަން ގެންދިއުމަށް، ލިވަޕޫލުން ވަނީ 70 މިލިއަން ޔޫރޯ ހުށަހަޅާފަ އެވެ. އަދި އިތުރު ހަރަދުތަކުގެ ގޮތުގައި އިތުރު ފަސް މިލިއަން ޔޫރޯ އާއެކު ޖުމުލަ 75 މިލިއަން ޔޫރޯ (އެއް ބިލިއަން ރުފިޔާ) ރޯމާއަށް ދިނުމަށް ލިވަޕޫލުން ވަނީ އެއްބަސް ވެފަ އެވެ.

އަލިސަންގެ ޓްރާންސްފާ އަކީ، މިހާތަނަށް ކީޕަރަކު ކުލަބު ބަދަލު ކުރާ އެންމެ ބޮޑު އަގެވެ. މީގެ ކުރިން އެންމެ ބޮޑު އަގެއްގައި ކީޕަރަކު ކުލަބު ބަދަލު ކުރީ، 2001 ވަނަ އަހަރު ޕާމާ ދޫކޮށް ޔުވެންޓަސްއަށް ބަދަލުވި، އެ ޓީމުގެ ކުރީގެ ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮން އެވެ. އެއީ 53 މިލިއަން ޔޫރޯ (950 މިލިއަން ރުފިޔާ) އަށެވެ.

އަލިސަން އަކީ، އަންނަ ސީޒަނަށް ލިވަޕޫލް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން ގެންނަ ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ޓީމަށް ސޮއި ކޮށްފައިވަނީ ލެޕިޒްގެ ގާނާގެ މިޑްފީލްޑަރު ނަބީ ކެއިޓާ އާއި މޮނަކޯއިން ބަދަލުވި ބްރެޒިލް ޑިފެންޑަރު ފަބިއާނޯ އާއި ސްޓޯކް ސިޓީން ސްވިޒަލޭންޑްގެ ޒާދާން ޝަކީރި އެވެ.