ޔާގެން ކްލޮޕް

ގިނަ ޓްރާންސްފާތަކެއް ހެދުމުގެ ބޭނުމެއް ނެތް

އާ ސީޒަންގައި ޕްރިމިއާ ލީގްގެ ތަށި ދިފާއު ކުރަން ނުކުންނަ ޗެމްޕިއަން ލިވަޕޫލަށް ގިނަ ޓްރާންސްފާތަކެއް ބޭނުން ނުވާކަމަށް އެ ޓީމުގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑްގައި އާސެނަލްއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކްލޮޕް ބުނީ، ގިނަ ޓްރާންސްފާތަކެއް ނުހެދި ނަމަވެސް، ލިވަޕޫލަށް އަނެއްކާވެސް ތައްޓަށް ވާދަ ކުރެވޭނެ ކަމަށެވެ. އޭނާ ބުނީ ގިނަ ޓްރާންސްފާތަކަށް ވުރެ، މުޅި ސީޒަންގައި އެއްވަރެއްގައި ޓީމު ހިފެހެއްޓުން މާ މުހިންމު ކަމަށެވެ.

އަންނަ ސީޒަނަށް މިހާތަނަށް ލިވަޕޫލުން ހެދި ހަމައެކަނި ޓްރާންސްފާ އަކީ، އޮލިމްޕިއާކޮސްގެ ވާތު ބެކް ކޮސްޓަސް ސިމިކަސް 10 މިލިއަން ޔޫރޯ ދީފައި ސޮއި ކުރުވުމެވެ. ބަޔާން މިޔުނިކްގެ ތިއާގޯ އަލްކާޓާރާ ލިވަޕޫލަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މިހާތަނަށް އެ ޓްރާންސްފާ އާ ބެހޭގޮތުން ވަކި ގޮތެއް ހަމަޖެހިފައެއް ނުވެ އެވެ.

ކްލޮޕް ބުނީ، ތިއާގޯގެ ޓްރާންސްފާއަށް މަގުފަހި ކުރަން ޓީމުން މިޑްފީލްޑަރެއް ދޫކޮށްލަން ޖެހޭ ކަމަށެވެ. މިޑްފީލްޑާ ޖޯޖީނިއޯ ވައިނަލްޑަން އަށް ބާސެލޯނާއިން ޝައުގުވެރި ވާ ކަން ވަނީ ހާމަވެފަ އެވެ. ކްލޮޕް ބުނީ އެ ޓްރާންސްފާގެ ނިއގޯސިއޭޝަން ބާސެލޯނާ އާއެކު ކުރިއަށްދާ ކަމަށެވެ.

ލިވަޕޫލާ ވާދަވެރި، މެންޗެސްޓާ ސިޓީ އާއި ޗެލްސީން ޓްރާންސްފާގައި ގިނަ ހޭދަތަކެއް ކުރިއަސް، ލިވަޕޫލްގެ ޕޮލިސީ ތަފާތުކަން ކްލޮޕް ފާހަގަ ކުރި އެވެ. އޭނާ ބުނީ ކޮންމެ ކުލަބަކަށް އޭނާ ދިޔަޔަސް އެ ކުލަބެއްގެ ޗެއާމަން ކައިރިއަށް ގޮސް ޓްރާންސްފާއަށް ބަޖެޓް ދީގެން ނޫނީ ޓީމު ސަލާމަތް ނުކުރެވޭނެ ކަމަށް އޭނާ ނުބުނާނެ ކަމަށެވެ.

"އަހަރެމެން މިއޮތީ ރަނގަޅު މަގާމެއްގައި، އަހަރެމެން އަތުގައި ރަނގަޅު ޓީމެއް އެބައޮތް،" ކްލޮޕް ބުންޏެވެ، "އަހަރެމެންނަކަށް ފަސް ކުޅުންތެރިންނެއް ނުގެނެވޭނެ، ކޮންމެ އަހަރެއްގެވެސް އޮންނަނީ އެގޮތަށް، އަހަންނަކަށް ހީނުވޭ އެއްވެސް އިރެއްގައި އެންމެން ހިތްހަމަޖައްސަން އަހަންނަށް އެކަށީގެންވާ އަދަކަށް ކުޅުންތެރިން ގެނެވުނުހެނެއް، އެކަމާ ނުލައިވެސް އަހަރެމެންނަށް ކާމިޔާބު އެބަވޭ."

ކޮމިޔުނިޓީ ޝީލްޑް ފަށާނީ ރާއްޖޭ ގަޑިން މިރޭ 8:30 ގަ އެވެ.