ކުޅިވަރު

ލިވަޕޫލުން އެލިސަންއަށް ރެކޯޑް އަގެއް ހުށަހަޅައިފި

ރޯމާގެ ބްރެޒިލްގެ ގޯލްކީޕަރު އަލިސޮން ބެކާ ގެންނަން ލިވަޕޫލުން، ރެކޯޑް އަގެއް ހުށައިފި އެވެ.

ލިވަޕޫލުން ހުށަހެލީ 70 މިލިއަން ޕައުންޑް (އެއް ބިލިއަން ދިވެހި ރުފިޔާ) ގެ އަގަކެވެ. އެއީ ގޯލްކީޕަރެއްގެ ޓްރާންސްފާ ފީއަށް ހުށަހަޅާ އެންމެ ބޮޑު އަގެވެ. ޓްރާންސްފާގެ ފީގެ އިތުރުން، އެހެން ހަރަދުތަކުގެ ގޮތުގައި އިތުރު ފަސް މިލިއަން ޕައުންޑް ދޭ ގޮތަށްވެސް ލިވަޕޫލުން ވަނީ، ރޯމާއަށް ހުށަހާޅާފަ އެވެ.

ވާދަވެރި ޗެލްސީންވެސް ދަނީ، އަލިސަން ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެ ޓީމުގެ މިހާރުގެ އެއް ވަނަ ގޯލްކީޕަރު ކޯޓްއާ ގެންދިއުމަށް ރެއާލް މެޑްރިޑުން ދަނީ މަސައްކަތް ކުރަމުންނެވެ.

އިނގިރޭސި މީޑިއާތަކުން ބުނީ، ރޯމާއިން އަލިސަން ވިއްކާނީ ލިވަޕޫލަށް ކަމަށެވެ. އެއީ މިދިޔަ އަހަރު ރޯމާއިން ލިވަޕޫލަށް ބަދަލުވި، މިސްރުގެ ތަރި މުހައްމަދު ސަލާހްގެ ޓްރާންސްފާ އާ ގުޅިގެން ލިވަޕޫލާއި ރޯމާއާ ދެމެދު ރަނގަޅު ގުޅުމެއް އުފެދިފައި އޮތުމުން ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.

ކީޕަރަކު ކުލަބު ބަދަލު ކުރުމަށް މިހާތަނަށް އެންމެ ބޮޑު އަގެއް ހޭދަ ކުރީ ޔުވެންޓަސްއިންނެވެ. އެ ޓީމުގެ ކުރީގެ ގޯލްކީޕަރު، މިހާރު ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއީޖީ ބޮފޮން، 2001 ވަނަ އަހަރު ޔުވެންޓަސްއަށް ބަދަލުވީ 53 މިލިއަން ޔޫރޯ (950 މިލިއަން ދިވެހި ރުފިޔާ) އަށެވެ.