ބަޔާން މިޔުނިކްގެ ވިންގާ ފިލިޕޭ ކުޓީނިއޯ ޕްރިމިއާ ލީގަށް އަލުން ބަދަލުވާން ބޭނުންވާ ކަމަށް އޭނާގެ އެޖެންޓް ބުނެފި އެވެ.
ޖަނަވަރީ 2018 ގައި ލިވަޕޫލް ދޫކޮށް 142 މިލިއަން ޕައުންޑްގެ އަގަކަށް ކުޓީނިއޯ ބަދަލުވީ އެފްސީ ބާސެލޯނާ އަށެވެ. އޭނާއަށް ބާސާއިން ހޭދަ ކުރިވަރުގެ ބޮޑު އަގާ އެއްވަރުގެ ކުޅުމެއް ނުދެއްކުމުން، މި ސީޒަން ފެށުމުގެ ކުރިން ބާސާއިން ވަނީ ލޯން އެއްބަސް ވުމުގެ ދަށުން އޭނާ ބަޔާން މިޔުނިކަށް ދޫކޮށްފަ އެވެ.
ބަޔާން އަށް އޭނާ ދޫކޮށްލީ، ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން އޭނާ އެ ކުލަބުގައި ބެހެއްޓުމުގެ ޖާގަ ވެސް އެ ޓީމަށް ލިބޭ ގޮތަށެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އޭނާ ލައްވައި ދާއިމީ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ވިސްނުމެއް ބަޔާނުން ނުގެން ގުޅެ އެވެ.
ކުޓީނިއޯގެ ޓްރާންސްފާ އާ ބެހޭގޮތުން ޕްރިމިއާ ލީގްގެ އާސެނަލް، ޗެލްސީ ނިއުކާސަލް އަދި ޓޮޓެންހަމް އާ ވެސް ގުޅުވަ އެވެ.
ކުޓީނިއޯގެ އެޖެންޓް ކިއާ ޖޫރާބްޗަން ބުނީ، އޭނާގެ ކްލައިންޓްގެ ޓްރާންސްފާ އާ ބެހޭގޮތުން ވާހަކަ ދައްކާނީ ސީޒަން ނިމުމުން ކަމަށެވެ.
"އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ އޭނާ ވަރަށް ޝައުގުވެރިވޭ ޕްރިމިއާ ލީގްގައި ކުޅެން،" ޓޯކް ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ޖޫރާބްޗަން ބުންޏެވެ. "އޭނާ ޕްރިމިއާ ލީގްގައި ހޭދަ ކުރި މުއްދަތަކީ އޭނާ އަށް ވަރަށް ޝައުގުވެރިވި ދުވަސް ވަރެއް، އަލުން ޕްރިމިއާ ލީގުން ފުރުސަތު ލިބިއްޖެއްޔާ މި އަހަރު ނޫނީ ކުރިމަގުގައި އޭނާ އެކަމާ ވިސްނާނެ."