ސެޑިއޯ މާނޭ ޖެހި ދެ ލަނޑާއެކު، 3-1 ން ޔޫރަޕްގެ ގަދަ ބާރު ބަޔާން މިޔުނިކް ކަޓުވާލުމަށް ފަހު، ލިވަޕޫލުން ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ވަނީ، މިޔުނިކްގެ އެލިއަންޒް އޭރީނާގައި ތިބި ލިވަޕޫލްގެ ސަޕޯޓަރުންނާ ދިމާލަށް ދުވެގެންފައި އެ ސަޕޯޓަރުންނާއެކު އުފާ ފާޅު ކޮށްފަ އެވެ. ލިވަޕޫލް ފައިނަލަށް ދަތުރު ކުރުމުން 10 އަހަރު ފަހުން އެހެން ތާރީހެއްވެސް އިޔާދަ ވީ އެވެ. އިނގިރޭސި ހަތަރު ޓީމު 2009 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް ދަތުރު ކުރީ އެވެ.
ބަޔާންގެ ދަނޑުގައި އެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. ލިވަޕޫލުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ބަޔާންއިން ނަތީޖާ ހަމަހަމަ ކުރުމުން، ނަތީޖާ ލިވަޕޫލް ކޮޅަށް އަނބުރާ ލުމުގައި ލިވަޕޫލްގެ ފަރާތުން އޮގަނައިޒް ގޭމް ޕްލޭނެއް ފެނިގެން ދިޔަ އެވެ.
މެޗުގެ ފުރަތަމަ ލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ، މާނޭ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 26 ވަނަ މިނެޓްގަ އެވެ. ބަޔާނުން ނަތީޖާ ހަމަހަމަ ކުރީ، ލިވަޕޫލްގެ ޖޯލް މާޓިޕް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.
ލިވަޕޫލުން އަލުން ލީޑް ނެގީ، ދެ ވަނަ ހާފުގައި ވާޖިލް ވެން ޑައިކް އެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު މާނޭ ކާމިޔާބު ކުރީ، މެޗުގެ 84 ވަނަ މިނެޓްގަ އެވެ.
އޮލިމްޕިކް ލިޔޮނޭ އާއި ބާސާ ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ 5-1 ންނެވެ. ބާސާގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، ކެޕްޓަން ލިއޮނަލް މެސީ އެވެ. އަދި މެސީ ވަނީ އިތުރު ދެ ލަނޑު ކާމިޔާބު ކުރުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އަނެއް ތިން ލަނޑު ކާމިޔާބު ކުރީ، ފިލިޕޭ ކުޓީނިއޯ އާއި ޖެރާޑް ޕީޚޭގެ އިތުރުން އުސްމާން ޑެމްބެލޭ އެވެ. ލޮޔޮނޭގެ ލަނޑު ކާމިޔާބު ކުރީ ލޫކަސް ޓޫޒާ އެވެ. ޗެމްޕިއަންސް ލީގްގެ ކްއާޓާގެ ގުރު ނެގުން އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.