އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ)އަށް ހަގީގީ ތަހުގީގު ކުރުމުގެ ބާރުތައް ދިނުމަށް މަޖިލީހުން އެ ކޮމިޝަންގެ ގާނޫނީ އޮނިގަނޑު އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ނުހައްގު މުސްހަނދިކަން ހޯދުން ހުއްޓުވުމާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ރިޔާޒް ވިދާޅުވީ ހިޔާނާތުގެ މައްސަލަތައް ބެލުމަށް ހާއްސަ ކޮމިޝަނެއް އޮތްކަމުގައިވީ ނަމަވެސް އެ ކޮމިޝަނަށް ތަހުގީގު ކުރުމަށް ބޭނުންވާ ހަގީގީ ބާރުތައް ދިނުމަށް ރައްޔިތުންގެ މަޖިލީސް ނުކުޅެދިފައިވާ ކަމަށެވެ. އޭސީސީއަށް އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާ ދަތިތަކެއް ހުރި މައްސަލަ މިހާރު ވެސް މަޖިލީހަށް ހުށަހެޅިފައިވާ ކަމަށާއި އެހެންކަމުން އެ ކޮމިޝަނަށް ދޭ ބާރުތައް ރިވިއު ކުރަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
""ރާއްޖޭގައި އެބައޮތް އެންޓި ކޮރޮޕްޝަން ކޮމިޝަނެއް، އެހެން ނަމަވެސް އެ ކޮމިޝަނަށް ގާނޫނީ ހަގީގީ ތަހުގީގު ކުރުމުގެ ބާރު ދިނުމަށް މަޖިލީހުން ވަނީ ނުކުޅެދިފައި، އޭސީސީއަށް ދޭ ބާރުތައް މިހާރު ވެސް ރިވިއު ކުރަން ޖެހޭ، އޭސީސީ އިން ވެސް އެ ބޭފުޅުންގެ މަސައްކަތްތައް ފުރިހަމައަށް އަދާ ކުރުމަށް ދަތިވެގެން ވަނީ ހުށަހަޅާފައި. އެފަދަ ހުށަހެޅުމެއް ހުށަހަޅާފައިވާ ނަމަ އެކަންކަން ބަލާ، ގާނޫނު ތަންފީޒު ކުރާ ދާއިރާތަކަށް އެ ފުރުސަތު ލިބެން ޖެހޭނެ،" ރިޔާޒް ވިދާޅުވި އެވެ.
އޭގެ އިތުރުން ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު ފަދަ ބިލްތައް މަޖިލީހަށް ހުށަހެޅިގެން ދާއިރު އެކަންކަން ހުށަހަޅަނީ ރާއްޖެއިން ކޮރޮޕްޝަން ނައްތާލުމުގެ ވިސްނުމުގައި ކަން މަޖިލިސް މެންބަރުންނަށް އެނގެން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެހެންކަމުން އެފަދަ ކަންކަމަށް މެންބަރުން އެއްބާރުލުން ދޭން ޖެހޭ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
އޭސީސީއަށް ތަހުގީގު ކުރުމަށް އިތުރު ބާރު ދޭން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވެފައިވާ އިރު އެމްއެމްޕީއާރްސީގެ މައްސަލާގައި އޭސީސީ އިން ކޮށްފައިވާ ތަހުގީގު ފުރިހަމަ ނޫން ކަމަށް ބުނެ އެތަށް ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ.