ހަބަރު

ސަރުކާރު ޖަވާބުދާރީ ކުރުވާނަން، ތަރައްގީ ވެސް ގެންނާނަން: މުހައްމަދު އިސްމާއިލް

Mar 4, 2019
5

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހޮވިއްޖެނަމަ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށާއި ހަމައެއާއެކު ސަރުކާރާ ގުޅިގެން ގެންނަން ޖެހޭ ތަރައްގީގެ މަޝްރޫއުތައް ދާއިރާއަށް ގެނެސް ދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ހޯރަފުށީ ދާއިރާއަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާ މެންބަރު މުހައްމަދު މިހެން ވިދާޅުވީ، ހޯރަފުށީ ދާއިރާގެ މާލޭގެ ޖަގަހަ ހުޅުވުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. މުހައްމަދުގެ ކެމްޕެއިން ޖަގަހަ ހުޅުވާ ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން މުހައްމަދު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ހޯރަފުއްޓަށް އައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ދާއިރާގެ ރައްޔިތުންނަށް ފެންނާނެ ކަމަށާއި އިތުރު ފަސް އަހަރެއް ހޮވިއްޖެ ނަމަވެސް އެ މިންވަރަށް ތަރައްގީ ގެނައުމަށް މަސައްކަތް ކުރުމުގެ ހިތްވަރު އަދިވެސް އެބަހުރި ކަމަށެވެ.

އެއާއެކު ސަރުކާރު ޖަވާބުދާރީ ކުރުން ހުއްޓުމެއް ނެތި ކުރާނެ ކަމަށާއި ސަރުކާރު ޖަވާބު ދާރީ ކުރުވަމުން ވެސް ގުޅިގެން ތަރައްގީ ގެނައުމުގެ މަސައްކަތް ކުރަން އެނގިވަޑައިގަންނަވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ. އަދި ރައްޔިތުން އެ ފުރުސަތު ދެއްވައިފިނަމަ ކުރިޔަށް އޮތް ފަސް އަހަރުގެ މަސައްކަތް ދާނީ އެގޮތަށް ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭނެ ޖަވާބު ދާރީކޮށްގެން ވެސް ސަރުކާރާއެކު މަސައްކަތް ކުރަން. އެއީ ހަގީގަތުގައި ވެސް ސަރުކާރާއެކު ތަރައްގީގެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރާނަން. އެހެން ނަމަވެސް އަޅުގަނޑު މި ދަންނަވަނީ މުޅި ގައުމުގެ މަސްލަހަތާއި ދާއިރާގެ މަސްލަހަތާއި ގައުމުގެ އިސްތިގުލާލާއި އިސްލާމްދީން ބީވެގެން ނުދާނެ ގޮތެއްގެ މަތީގައި ތިބެގެން އަޅުގަނޑުމެން މަސައްކަތް ކުރާނީ، އެ މަސައްކަތް ކުރުމުގައި އަޅުގަނޑު ފަހަތަކަށް ނުވެސް ޖެއްސޭނެ ނުވެސް ޖެހޭނަން،" މުހައްމަދު ވިދާޅުވި އެވެ.

ބައެއް ރައްޔިތުންނަށް ހީވެފައި އޮންނަނީ ދާއިރާ ތަރައްގީ ވާނީ ހަމައެކަނި ސަރުކާރު ކެންޑިޑޭޓަކަށް ވޯޓު ދީގެން ކަމަށާއި ނަމަވެސް އެއީ ކުށް ހިޔެއް ކަމަށް މުހައްމަދު ވިދާޅުވި އެވެ. އެންމެ މުހިންމީ އިހުލާސްތެރިވާ ތެދުވެރި އަދި ވަފާތެރި ކެންޑިޑޭޓަކު ހޯދުން ކަމަށާއި ރައްޔިތުންނާ ގުޅިގެން ރައްޔިތުންނަށް މަސައްކަތްކޮށް ދޭނެ މީހަކު ހޯދުން ކަމަށް މުހައްމަދު ވިދާޅުވި އެވެ. އަދި އެކަން ކުރީ ފަސް އަހަރުގެ ތެރޭގައި ސާބިތުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ވިދާޅުވީ މަޖިލީހަށް ދާން ބޭނުން ވަނީ ގައުމުގެ އަމާންކަމާއި އިސްލާމްދީން ދެމެހެއްޓުމުގެ މަސައްކަތް ކުރުމަށް ބޭނުންވާތީ ކަމަށެވެ. މި ސަރުކާރު ފެށިގެން އައިއިރު ވެސް ދީނަށް ހަޖޫ ޖެހުން ފަދަ ކަންކަން ފެނިގެން ދިޔަ ކަމަށާއި އެހެންކަމުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ މެންބަރުން ހޮވުމަކީ ރައްޔިތުންނަށް ލާޒިމް ކަމެއް ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.

"އެހެންވީމަ ތިބޭފުޅުން ތިބޭފުޅުންގެ ފަރުދީ ޒިންމާ ހެޔޮ ގޮތުގައި އަދާކޮށް މި ގައުމަށްޓަަކައި އަދި މި ދާއިރާއަށްޓަކައި ކޮށްފައިވާ މަސައްކަތް އަދި އިތުރަށް ދެ ގިޔަރު ކުރިޔަށް ލާފައި އަންނަ އޭޕްރިލް މަހު ހަަޔަކާ ހަމަޔަށް ދަންދެއް ވޯޓުލާ ނިމެންދެއް ހިފަހައްޓާލާ،" މުހައްމަދު ވިދާާޅުވި އެވެ.