ހަބަރު

"ވައުދުތަކަކީ ފޮލާއެއްނޫން، ވައުދު ފުއްދާނަން"

ރިޔާސީ އިންތިހާބަށްޓަކައި އެކުލަވާލި މެނިފެސްޓޯގައި ހިމެނޭ ވައުދުތަކަކީ ހިޔާލީ ފޮލާތަކަކެއްގެ މައްޗަށް ލިޔެފައި ދޫކޮށްލަން ނިންމި ކަންކަމެއް ނޫން ކަމަށާއި އެވައުދުތައް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ފުއްދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ހޯރަފުށި ދާއިރާއަށް ވާދަކުރައްވާ އަހުމަދު ސަލީމް ކެމްޕެއިންގައި ހޯރަފުއްޓަށި ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުން އެމަނިކުފާނަށް ވޯޓް ދެއްވީ ވަރަށް ގިނަ ސަބަބުތަކާއިހުރެ ކަމަށާއި އޭރު ގައުމުގެ ހާލަތު ބަދަލުކުރަން ރައްޔިތުން ބޭނުންވާތީ ކަމަށެވެ.

"ކޮރަޕްޝަނާއި ވައްކަން އެއީ އަޅުގަނޑުމެން ގަބޫލު ނުކުރާ ކަމަކަށްވާތީ، އަނިޔާވެެރިކަމާއި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިފަހައްޓާފައި އޮތް އޮތުމަކީ އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ކަމަކަށް ނުވާތީ، މިކަންތައްތައް ބަދަލު ކުރުމުގެ ނިޔަތުގައި ތިބޭފުޅުން އަޅުގަނޑުމެންނަށް ވޯޓް ދެއްވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން އެމަނިކުފާނު އިންތިހާބު ކުރެއްވީ ރިޔާސީ އިންތިިހާބަށް ވެވަޑައިގެންނެވި ވަައުދުތައް ފުއްދާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

"ތިބޭފުޅުންގެ އެދުމާ އެއްގޮތަށް އެވައުދުތައް ފުއްދުމަށްޓަކައި އަޅުގަނޑުމެން އެކުލަވާލި މެނިފެސްޓޯއެއް، އެމެނިފެސްޓޯގައި އެވާ ކަންތައްތަކަކީ ތިބޭފުޅުންގެ އެދުމާ އެއްގޮތަށް އަދި އަޅުގަނޑުމެންނަށް މި ފަސް އަހަރު ތެރޭގައި ކުރޭނެ ކަމަށް ގަބޫލު ކުރެވޭތީ ލިޔެފައިވާ ކަންތައްތައް، އެއްވެސް ހާލެއްގައި ހިޔާލީ ފޮލައެއްގެ ގޮތުގައި ލިޔެފައި ދޫކޮށްލަން ނިންމި ކަންތައްތަކެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން އެކަންކަން ފުއްދުމުގެ މަސައްކަތް ފެށިގެންދިޔަ ކަމަށެވެ. ކޮންމެ ކަމެއްވެސް ކުރެވޭނީ ޓާގެޓެއް އޮވެގެން ކަމަށާއި އެގޮތުން ފުރަތަމަވެސް ކަނޑައެޅިގެން ދިޔައީ ފުރަތަމަ 100 ދުވަހު ކުރާނެ ކަންކަން ކަމަށެވެ. އެގޮތުން އޭގެ ތެރެއިން 83 ޕަސެންޓް މިހާރު ފުއްދިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު މިފަހަރު ސަރުކާރަށް ވަރަށްވެސް މުހިންމު ކަމަށެވެ. މަޖިލިސް މެޖޯރިޓީ މުހިންމުވާ ސަބަބަކީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދެން އަންނަނީ މަޖިލީހުގެ ތެރެއިން ފާސް ކުރެވޭ ގާނޫނުތަކަކާއެކު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަންކަން ނިންމަންވާނީ ވަރަށްވެސް ވިސްނުންތެރިކަމާއެކު ކަމަށާއި ފައިސާގެ ނުފޫޒު ވަންނަން އުޅޭނެ ކަަމަށެވެ. ވަގުތީ ނަފައަކަށްޓަކައި އޭގައި ނުޖެހި ދާއިމީ މަންފާއަކަށްޓަކައި އެމްޑީޕީއަށް ވޯޓް ދެއްވުމަށްވެސް ރައީސް ވިދާޅުވި އެވެ.