ވިޔަފާރި

ދިރާގުން ސެމްސަންގް ފަހުގެ ފޯނު މިރޭ ނެރެނީ

Mar 5, 2019

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނު، ގެލެކްސީ އެސް 10 މިރޭ ނެރޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނިން ބުނީ އާއްމުކޮށް ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ މި ކުލަގަދަ ހަފުލާ އޮންނާނީ މިރޭ އެ ކުންފުނީގެ އޮފީހުގައި ކަމަށެވެ. ކުރިން އެ ކުންފުނިން މި ހަފުލާ ބާއްވަން އޮތީ ރޭ ބްރިޖު ވިއުވިން ޕްލެޓްފޯމްގަ އެވެ. މި ހަފްލާގައި ސެމްސަން އިލެކްޓްރޯނިކްސްގެ ރީޖަނަލް ބްރާންޗްގެ އިސްވެރިން ބައިވެރިވާނެ އެވެ.

ދިރާގު އޮފީހުގައި ބާއްވާ މި ހަފްލާގައި ސެމްސަން އިލެކްޓްރޯނިކްސްގެ ރީޖަނަލް ބްރާންޗްގެ އިސްވެރިން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނީ ބާޒާރަށް ނެރޭ މި ފޯނު ދިރާގު ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.

ސެމްސަންގެ ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް އަކީ ސެމްސަންގ ގެލެކްސީ ސީރީޒްގެ 10 ވަނަ އަހަރީ ފޯންކަމަށްވާއިރު، ސެމްސަންގް އެސް 10 ޕްލަސްގައި ޖުމްލް 5 ކެމެރާ (2 ފްރަންޓް ކެމެރާ، 3 ބެކް ކެމެރާ)، އޮން ސްކްރީން ފިންގަރ ޕްރިންޓް އަދި ވަޔަރލެސް ޕަވާ ޝެއަރިން، އަދި ވެސް އިތުރު އިނޮވޭޓިވް ފީޗަރސްތައް ހިމެނެ އެވެ.

ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާ އެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ދަނީ ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީ ކޮށް ތައާރަފު ކުރަމުންނެވެ.