ހަބަރު

ރައްޔިތުން ރައްކާތެރި ކުރުމުގެ ރޫހު ފުލުހުންގެ ތެރޭ އެކަށީގެންވާ މިންވަރަށް ނެތް: ކޮމިޝަނަރު

ރައްޔިތުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމާއި ހައްގުތައް ރައްކާތެރިކޮށް ނެގެހެއްޓުމަށްޓަކައި މަސައްކަތް ކުރުމުގެ ވައްޓަފާޅި ނުވަތަ ސިފަ އެންމެ އެކަށީގެންވާ ގޮތެއްގައި ފުލުހުންގެ ކިބައިގައި ނެތް ކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ޕޮލިސް ރިފޯމް ސިމްޕޯސިއަމް ފެށުމަށް މިއަދު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކްޓިން ސީޕީ ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުންނާއި ސިޔާސީ އަދި ގާނޫނީ ގޮތުން އެތަކެއް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެބަދަލުތަކާއެކު ޒަމާނީ ޓެކްނޮލޮޖީއާއެކު ފުލުހުން މަސައްކަތް ކުރުމަށް އެތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޑިމޮކްރެޓިކް ވެއްޓެއްގައި، ބަދަލުވަމުން އަންނަ މާހައުލެއްގައި ރައްޔިތުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމާއި ހައްގުތައް ރައްކާތެރިކޮށް ނެގެހެއްޓުމާއެކު މަސައްކަތް ކުރުމުގެ ވައްޓަފާޅި ނުވަތަ ސިފަ އެންމެ އެކަށީގެންވާ ގޮތެއްގައި ފުލުހުންގެ ކިބައިގައި ޖެހިފައިނުވާކަން ފާހަގަ ކުރަން، ޕޮލިސީންގެ ލެޖިޓިމެސީ ހޯދުމުގެ މަގުސަދުގައި ކުރަންޖެހޭ މަސައްކަތް އެންމެ ފުރިހަމައަށް ނުކުރެވޭ ކަންވެސް އަޅުގަނޑުމެން ގަބޫލުކުރަން،" އެކްޓިން ސީޕީ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ، މުއައްސަސާ ހަރުދަނާ ކުރުމުގެ މަގުސަދުގެ ފުރަތަމަ މަރުހަލާގައި އޮގަނައިޒޭޝަނަލް ރިފޯމް އެންޑް ޑިވެލޮޕްމެންތް ނަމުގައި އާ ޑިޕާޓްމެންޓެއް އުފެއްދުމަކީ ކަންކަން ރަނގަޅު ކުރުމަށް ފުލުހުން ދައްކުވައިދިން އަލިގަދަ ދަލީލެއް ކަމަށެވެ.

"ފުލުހުންނަށް ލެޖިޓިމަސީ ލިބިގެންދަނީ އެބަޔަކަށްޓަކައި ދެމިތިބޭ ރައްޔިތުން، ފުލުހުން ކުރާ މަސައްކަތް އަދި ފުލުހުންނަށް އިތުބާރު ކުރެވިގެން، މިއިތުބާރުގެ ތެރެއިން ގާނޫނާ ހިލާފަށް މަދުވުން ކުޑަކުރުމާއި ފުލުހުންނަށް އެއްބާރުލުން ދިނުން އިތުރުވުމުން މަގުކޮށައިދޭ،" ހަމީދު ވިދާޅުވި އެވެ.

ފުލުހުންނަކީ ފުލުހުންގެ އަމަލުތަކާއި ގާނޫނީ ގޮތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކަށް ޖަވާބުދާރީ ވާންޖެހޭ ބައެއްކަން ހަދާންކުރަންޖެހޭ ކަމަށެވެ. އަދި ހަމަހަމަކަމާއެކު ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަންޖެހޭ ބައެއްކަން ފުލުހުން ގަބޫލު ކުރަންޖެހޭ ކަމަށް އެކްޓިން ސީޕީ ވިދާޅުވި އެވެ.

"ލިބިފައިވާ ވަސީލަތްތަކާއި ގާބިލްކަން ބޭނުންކޮށް ރައްޔިތުންނަށް ރައްކާތެެރި ވެއްޓެ ގާއިމް ކުރަން މަސައްކަތް ކުރަންޖެހޭ، މިއަދު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ބަސް ނުވަތަ ރައްޔިތުންނާއެކު ކުރެވުނު މަޝްވަރާއާއެކު ފުލުހުން މަސައްކަތް ކުރުމަކީ ވަރަށްވެސް މުހިންމު ކަމެއް،" އެކްޓިން ސީޕީ ވިދާޅުވި އެވެ.

އެކްޓިން ސީޕީ ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށްޓަކައި ރައްޔިތުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށްތިބި ކަމަށާއި ރައްޔިތުންގެ އެހީތެރިކަމާއެކު އެކަންކަން ނުކުރެވޭނެ ކަމަށެވެ.