ފެމިލީ ކޯޓުގެ ތިން ފަނޑިޔާރަކު އެހެން ކޯޓުތަކަށް ޖުޑީޝަން ޝާވިސް ކޮމިޝަން، ޖޭއެސްސީ އިން ބަދަލުކޮށްފި އެވެ.
ޖޭއެސްސީ އިން ބުނީ، 2015 ވަނަ އަހަރުގެ މާޗްމަހު އިން ފެށިގެން ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު މަސައްކަތް ކުރައްވަމުންދިޔަ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. ބަދަލުކޮށްފައިވަނީ ފެމިލީ ކޯޓުގެ ތިން ގާޒީ އެކެވެ.
އެގޮތުން ބަދަލުކޮށްފައިވަނީ ފެމިލީ ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި މަގާމުގައި ހުންނެވި މުހައްމަދު ސަމީރު ކްރިމިނަލް ކޯޓަށް، އަހުމަދު ޝަކީލް ކްރިމިނަލް ކޯޓަށް އަދި ހަސަން ޝަފީއު ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމަށެވެ.
އަހުމަދު ޝަކީލަކީ މީގެކުރިން ވެސް ކުރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވި ގާޒީއެކެވެ. އޭނާ ފެމެލީ ކޯޓަށް ބަދަލުކުރީ ކުއްލި ގޮތަކަށެވެ. އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ކުރިމިނަލް ކޯޓުން ބޭރުކޮށްލުމަށް ހުކުމް ކުރުމާއެކު އެވެ.
އެގޮތަށް ބަދަލު ގެންނަން ނިންމާފައި ވަނީ އިއްޔެ ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ކަމަށްވެސް ޖޭއެސްސީ އިން ބުންޏެވެ.
މިދިޔަ މަހުވެސް ވަނީ ތިން ގާޒީއަކު އެހެން ކޯޓުތަކަށް ބަދަލުކޮށްފަ އެވެ. އެގޮތުން ބަދަލުކޮށްފައިވަނީ ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝީދު ކުރިމިނަލް ކޯޓަށް ޑްރަގް ކޯޓުގެ ގާޒީ އަލީ ރަޝީދު ކުރިމިނަލް ކޯޓަށް އަދި ކުރިން ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި އަދާމް އާރިފް ޑްރަގް ކޯޓަށެވެ.