ހަބަރު

އީޔޫ އަދި ބެލްޖިއަމް ސަފީރު ކަމަށް ސޯބިރު އައްޔަންކޮށްފި

ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަން، އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަގާމަށް ގ. ފިޔާތޮށިގެ ހަސަން ސޯބިރު އައްޔަން ކުރައްވައިފި އެވެ.

ބެލްޖިއަމް އަދި އީޔޫގެ ސަފީރު ކަމަށް ސޯބިރު އައްޔަން ކުރައްވައި އޭނާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް އީޔޫގެ ސަފީރުކަމުގެ މަގާމް އަދާކުރައްވާފަ އެވެ.

ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވީ، އީޔޫއަކީ ރާއްޖޭގެ ތަރައްގީ އާއި ޑެމޮކްރަސީ ގެނައުމަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. ސޯބިރުގެ ސަފީރުކަމުގެ ދަށުން ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ސޯބިރަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތް ވޭލްސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން މާސްޓާސް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް އާއި އިންޑިޔާއިން ބެޗެލާ އޮފް ކޮމާސްވެސް ހާސިލުކުރައްވާފަ އެވެ.

ސޯބިރު ވަނީ ރާއްޖޭގެ ހާރިޖިއްޔާގައި ތަފާތު އެކި މަގާމުތައްވެސް ފުރުއްވާފައިވާފަ އެވެ. އެގޮތުން ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓްޓެޓިވްކަމުގެ މަގާމާއި އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމުގެ އިތުރުން ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފަ އެވެ.