މިދިޔަ ތިން އަހަރު ޗެމްޕިއަންސް ލީގްގައި ރެއާލް މެޑްރިޑުން ދެމެހެއްޓި ޑޮމިނެންސް އަޔެކްސްއިން ރޭ ނިމުމަކަށް ގެނެސްފި އެވެ.
ދެ ވަނަ ބުރުގެ ފުރަތަމަ ލެގް މެޗުގައި، އަޔެކްސްގެ ދަނޑުގައި ކުޅުނު މެޗު 2-1 ން މޮޅުވެފައިވުމުން، ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗަށް ރެއާލް މެޑްރިޑް ނުކުތީ އަވޭ ދެ ގޯލްގެ އެޑްވާންޓޭޖާއެކު އެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ 20 މިނެޓް ހަމަ ވުމުގެ ކުރިން އަޔެކްސްއިން ވަނީ ރެއާލްގެ އުންމީދުތައް ފެނަށް ދުވާލާފަ އެވެ. އަޔެކްސްއިން މެޗު ކާމިޔާބު ކުރީ 4-1 ންނެވެ.
އަޔެކްސްއަށް ނަތީޖާ އަނބުރާލަ ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ސާބިއާގެ މިޑްފީލްޑާ، ޑޫސަން ޓަޑިޗް އެވެ. އަޔެކްސްގެ ފުރަތަމަ ދެ ލަނޑުޖަހަން ފުރުސަތު ތަނަވަސް ކޮށްދީ ތިން ވަނަ ލަނޑު ޖެހީ އޭނާ އެވެ.
މެޗު ފެށިގެން ހަތް ވަނަ މިނެޓްގައި، އަޔެކްސްގެ ހާކިމް ޒިޔެކް ވަނީ، ރެއާލް މެޑްރިޑްގެ ގޯލް ހުޅުވާފަ އެވެ. މެޗުގެ 18 ވަނަ މިނެޓްގައި ޑޭވިޑް ނެރެސް ވަނީ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ރެއާލް މެޑްރިޑަށް އިތުރަށް މައްސަލަ ކުރިމަތިވީ، އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ، ވިނީސިއުސް ޖޫނިއާ އާއި ލޫކަސް ވަޒްކްއޭޒްއަށް އަނިޔާވެ، ފުރަތަމަ ހާފުގައި ބަދަލު ކުރަން ޖެހުމުންެވެ.
ވަޒްކްއޭޒްގެ ބަދަލުގައި ކުޅެން އެރި ބޭލް ވަނީ ފުރަތަމަ ހާފު ފަހު ކޮޅުގައި ރަނގަޅު ހަމަލާއެއް އުފައްދާފަ އެވެ. އެ ހަމަލާ އަމާޒުވީ ގޯލް ދަނޑިއަށެވެ.
އަޔެކްސްގެ ތިން ވަނަ ލަނޑު ޓަޑިޗް ކާމިޔާބު ކުރީ، މެޗުގެ 62 ވަނަ މިނެޓްގަ އެވެ. އޭގެ ފަހުން މާކޯ އެސެންސިއޯ ވަނީ، ރެއާލްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަޔެކްސްގެ ހަތަރު ވަނަ ލަނޑު ޖެހީ، ލާސެ ޝޯން އެވެ.
ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލާ ހަމައަށް ނުގޮސް ރެއާލް މެޑްރިޑް ކަޓައިގެން ދިޔައީ އަށް އަހަރު ފަހުންނެވެ. ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުން މީގެ ކުރިން އެ ޓީމު ކަޓައިގެން ދިޔައީ 2010 ވަނަ އަހަރު އެވެ. ޗެމްޕިއަންސް ލީގް 13 ފަހަރު ކާމިޔާބު ކޮށް، އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ރެއާލް މެޑްރިޑެވެ.
ރޭ ޑޯޓަމުންޑާއި ޓޮޓެންހަމް ކުޅުނު މެޗު 1-0 ން ކާމިޔާބު ކޮށް ޓޮޓެންހަމް ވަނީ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.