ހަބަރު

ފޮރިން މިނިސްޓަރު ޝާހިދު އދ. ގެ ހިއުމަން ރައިޓްސްގެ ވަފުދާއި ބައްދަލުކުރައްވައިފި

އދ.ގެ އޮފީސް އޮފް ދަ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ ފަރާތުން ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ވަފުދުގެ ބޭފުޅުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

މި މަހުގެ ތިން ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވި އެ ވަފުދުގައި އިސްކޮށް މަސައްކަތްކުރައްވަނީ އދ.ގެ އޮފީސް އޮފް ދަ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ ރޫލް އޮފް ލޯ ޑިވިޝަންގެ ވެރިޔާ މިސް މޯނާ ރިޝްވާމީއެވެ. އެވަފުދު ރާއްޖެ އައިސްފައިވަނީ، ރާއްޖޭގެ ހާލަތު ބަލައި، އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިވެވިދާނެ ދާއިރާތައް ދެނެގަތުމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ސަރުކާރުން ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށާއި، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާ، އެއީ މިސަރުކާރުގެ ހާރިޖީ ސިޔާސަތުގެ އެއް ތަނބުކަން ފާހަގަކުރައްވާފައި ކަމަށެވެ.

މީގެ އިތުރުން ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ދާއިރާއިން ރާއްޖެއަށް އައިސްފައިވާ ކުރިއެރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައިކަމަށާއި، އަދި އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ހަރުދަނާ ވެގެންދާއިރު، އެކަމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އދ.ގެ އެކި އިދާރާތަކާއި ސްޕެޝަލް ޕްރޮސީޖަރސް އެންޑް މެންޑޭޓް ހޯލްޑަރސް ރާއްޖެއަށް ވަޑައިގެން މަސައްކަތްކުރެއްވުމަށް ފުރުސަތު ދެއްވުމަށް ދިވެހި ސަރުކާރު އޮތީ ތައްޔާރަށްކަން މިނިސްޓަރު ޝާހިދު ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ އެވަފުދުން ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކާއި މިނިވަން ބައެއް މުއައްސަސާތަކާއި ބައްދަލުކުރައްވާފައި ވާކަމަށާއި، އޭގެ ތެރޭގައި ދާދި ފަހުން އެކުލަވާލެއްވި މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި، ޖަލުތައް އޮޑިޓްކުރާ ކޮމިޓީގެ އިތުރުން މީހުން ބަންދުކުރެވޭ ބައެއް ތަންތަނަށް އެބޭފުޅުން ޒިޔާރަތްކުރައްވާފައިވާ ކަމަށެވެ.

ޔޫ.އެން އޮފީސް އޮފް ދަ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސްއާއި ގުޅިގެން ކުރެވޭ މަސައްކަތުގެ ތެރެއިން އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެ، ލަފާ އެރުވުމަށް އިންސާނީ ހައްގުތަކާއި ބެހޭ ހާއްސަ މުޝީރެއް ރާއްޖެއަށް ކަނޑައެޅުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އދ.ގެ އެ ވަފުދު ރާއްޖެއިން ފުރަން ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.