ހަބަރު

ލީޑަރުން ބައިވެރިވެވަޑައި ނުގަތުން އެއީ ލިބުނު ފަޅު ކަމެއް: މައުމޫން

ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމްގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުގެ ކެމްޕެއިން ލޯންޗު ކުރަން މިރޭ ބޭއްވި ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކޯލިޝަންގެ ލީޑަރުންނަށް ވަޑައިނުގެންނެވުމަކީ ލިބުނު ފަޅުކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.

"މާއްދާ 4" ކެމްޕެއިން ލޯންޗު ކުރަން މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާއަށް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމާއި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ އަށްވެސް ވަނީ ދައުވަތު އެރުވި އެވެ. އެހެން ނަމަވެސް އެއިން އެއްވެސް ބޭފުޅަކު ވަޑައެއް ނުގަންނަވަ އެވެ.

މައުމޫން ވިދާޅުވީ، ރައީސް ސޯލިހު އެހެން ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަންނަވާތީ ވަގުތު ދެއްވެން ނެތްވާހަކަ އެންގެވި ކަމަށެވެ. ކޯލިޝަނުގައި ދެން ތިއްބެވި ލީޑަރުންނަށް ވެސް މަސައްކަތްތައް ހުރި ގޮތުން އެ ޖަލްސާގައި ބައިވެރި ވަޑައި ނުގެންނެވުުނު އެއީ ޖަލްސާއަށް ލިބުނު ވަރަށް ބޮޑު ފަޅު ކަމެއް ކަމަށެވެ.

މައުމޫންގެ ޖަލްސާ ކުރިޔަށް ދިޔަ ވަގުތު ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް ނަޝިދު ތިއްބެވީ އެމްޑީޕީގެ ކެނޑިޑޭޓުންނާއި، ކެނޑިޑޭޓުުންގެ އެޖޭންޓުންގެ އިތުރުން، ކެމްޕެއިން ޓީމުތަކާއި، ދާއިރާތަކުގެ ރައީސުންނާއި، ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. އަދި ނައިބު ރައީސް ފައިސަލް ހުންނެވީ އައިޓީބީ ފެއާގައި ބާލިންގަ އެވެ. ކޯލިޝަންގެ ދެން ތިއްބެވި ދެ ލީޑަރުން އެ ޖަލްސާގައި ބައިވެރިވެވަޑައި ނުގަތް ސަބަބު އެނގިފައެއް ނުވެއެވެ.