ހަބަރު

އިސްލާހު ފެށެންވާނީ މަޖިލީހާއި ހިސާބުން: ރައީސް މައުމޫން

އިސްލާހު ފެށިގެން އަންނަން ވާނީ ރައްޔިތުންގެ މަޖިލީހާއި ހިސާބުން ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫންގެ ތާއީދާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ކެމްޕެއިން "މާއްދާ 4" ލޯންޗު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަން އުފެއްދީ ގައުމީ މަސްލަހަތުތަކެއް ހާސިލު ކުރުމަށާއި، ދެމެހެއްޓެނިވި ހަމަޖެހުމެއް ރާއްޖެއަށް ހޯދައިދޭން ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ކޯލިޝަން އެގްރީމަންޓްގައި ހަތަރު ޕާޓީން ވަނީ ސޮއިކޮށްފައި ކަމަށާއި، އިސްލާހު ފެށިގެން އަންނަން ވާނީ ރައްޔިތުންގެ މަޖިލީހާއި ހިސާބުން ކަމަށެވެ. އަދި އިސްލާހަށް މަގުފަހިވާ ގޮތަށް ގާނޫނު ހެދުމާއި، ގާނޫނު ބަދަލު ކުރުމަކީ މަޖިލީހުގެ އަތްމަތީގައި އޮތް ކަމެއް ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުމަކީ ވެސް މަޖިލީހުގެ ވަަރަށް މުހިންމު ވާޖިބެއް ކަމަށެވެ.

މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ، ޝަރުއީ ދާއިރާގެ މަތީ ކޯޓުގެ ފަނޑިޔާރުން ވެސް ރުހުން ދެނީ މަޖިލީހުން ކަމަށާއި، އެހެން ކަމުން ޝަރުއީ ދާއިރާ ވެސް އިސްލާހު ކުރުމުގެ ބޮޑު ހިއްސާއެއް އޮތީ މަޖިލީހުގައި ކަމަށެވެ. އަދި މަޖިލީހަށް ހޮވޭ މެމްބަރުންނަކީ ގައުމަށް ވަފާތެރި ތެދުވެރި ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

ރައީސް މައުމޫން އިތުރަށް ވިދާޅުވީ، މަޖިލީހުން ފެންނަ ނުރަނގަޅު ކަންކަން އިސްލާހު ކުރަންޖެހޭ ކަމަށާއި، އެކަންކަން އިސްލާހު ކުރެވޭނީ މަޖިލީހުގެ މެމްބަރުންނަށް ކަމަށެވެ. އަދި މަޖިލީހުގެ ޒިންމާ ފުރިހަމައަށް އަދާ ކޮށްގެން ނޫނީ ގައުމު އިސްލާހު ނުކުރެވޭނެ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.