ރިޕޯޓް

ރައީސް ޔާމީން ބަންދު، އިދިކޮޅުގެ އަޑު ބަންދު!

ވޭތުވެދިޔަ ފަސް އަހަރަކީ މި ގައުމުގައި އެންމެ ހަލަބޮލި ދުވަސް ވަރުކަމުގައި ބުނުމުން ދޮގަކަށް ނުވާނެ އެވެ. ހުރިހާ ހަލަބޮލި ކަމެއްވެސް ހިނގައިދިޔައީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ފަސް އަހަރުގެ ވެރިކަމުގައި އެވެ. އެމަނިކުފާނު މިހާރު ހުންނެވީ ތުހުމަތު ކުރާ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގެ ބަންދުގަ އެވެ. ނަމަވެސް އެމަނިކުފާނުގެ ދިފާއުގައި އޮތް އިދިކޮޅު ފެންނަނީ ވަރަށްވެސް "ލޮނު މަޑު" ކޮށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ މައްސަލާގައި މިހާތަނަށް ވަނީ އެއް އަޑުއެހުން ބާއްވާފަ އެވެ. އެއަޑުއެހުމުގައި ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ނިންމި އެވެ. އޭގެ ފަހުން ތިން ހަފުތާ ވަނީ އެވެ. އިދިކޮޅު މައި ޕާޓީ ޕީޕީއެމާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް) ޕާޓީގެ އަޑެއް ބަޑެއް ނީވެ އެވެ.

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި ރައީސް ޔާމީންގެ ދެ ޕާޓީން މާގިނަ ހަރަކާތްތަކެއް ނުވަތަ މާގިނަ ކަންކަމެއް ރާވައިގެން އުޅޭތީ ފެނިގެން ގޮސްފައެއް ނުވެ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޔާމީން ބަންދުގައި ބެހެއްޓުމުން އިދިކޮޅުގައި ކަންބޮޑުވާ މީހަކު މިހާރަކު ނެތެވެ.

އެމްޑީޕީގެ ވާހަކަވެސް އޮންނަނީ އެގޮތަށެވެ. އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޔާމީން ހައްޔަރުކޮށްފައި ހުރުގެން އެކަމާ ކަންބޮޑުވާ މާގިނަ ބަޔަކު ނޫޅެ އެވެ. އަދި "ރައީސް ޔާމީން ހައްޔަރު ކުރިކަން ހަނދާން ހުރި ބަޔަކުވެސް މިހާރު ނެތެ" ވެ.

"އެކަމާ ކަންބޮޑުވެގެން އުޅޭ މާގިނަ ބަޔަކު އަޅުގަނޑުމެންނަކަށް ނުފެނޭ. އެހެންކަމުން އަޅުގަނޑުމެން ގަބޫލު ކުރަނީ ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލު ކުރާކަމަށް އެއީ ހައްޔަރުކޮށްފައި ހުންނަވަން ޖެހޭ ބޭފުޅެއް ކަމަށް." އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވި އެވެ.

ރައީސް ޔާމީން ހައްޔަރު ކުރުމާއި ގުޅިގެން އިދިކޮޅުން އިހްތިޖާޖެއް ކުރި އެވެ. އަދި ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނައުމުން އެތަނަށް އެއްވެ އަޑު އުފުލި އެވެ. އެ ރޭ އިޖްތިޖާޖަކަށް ވެސް ނުކުތެވެ. އެކަމަކު ފަހުން އެކަންވެސް ހުއްޓުނީ އެވެ. އޭގެ ފަހުން ޕްރެސްކޮންފަރެސް ތަކެއް ބޭއްވުން ނޫން ކަމެއް ނުކުރެ އެވެ.

ގިނަ ބައެއްގެ ސުވާލަކީ އިދިކޮޅު ހިތްވަރު އެލުނީ ހެއްޔެވެ؟ ރައީސް ޔާމީނާއެކު އިދިކޮޅުވެސް ބަންދުވީ ހެއްޔެވެ؟ އިދިކޮޅުގައި އެ ހިތްވަރު ނެތީ ހެއްޔެވެ؟ އެ ލީޑަރަކަށްޓަކައި އިދިކޮޅު ފަހުރުވެރިވާ ލީޑަރުގެ ދިފާއުގައި ވޯޓް ދިން 96،000 މީހުން ކޮބައި ހެއްޔެވެ؟

"އަޅުގަނޑުމެން ހަނދާންވޭ އެމްޑީޕީގެ ރައީިސް މުހައްމަދު ނަޝީދު ހައްޔަރު ކޮށްގެން އޭރުގެ އިދިކޮޅުން ގެންދިޔަ ހަރަކާތްތައް، މުޒާހަރާތައް ކޮންމެ ރެއަކު، އެވަރު ކޮށްލަން ނުކެރޭ އިދިކޮޅުން ގަބޫލު ކުރާ ތަރައްގީގެ ބާނީ އަށްޓަކައި، އެމީހުންގެ އެހާ ހިތްވަރެއްނެތް އަސްލު، އެމީހުން ވެސް ގަބޫލު ކުރޭ ރައީސް ޔާމީން ބަންދުކޮށް ޝަރީއަތް ކުރަންޖެހޭކަން، އެހެންވެ މަޑުމަޑުން އެތިބެނީ،" އެމްޑީޕީ މެންބަރަކު ބުންޏެވެ.

އިދިކޮޅު ފޯރި ކުޑަކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، ޕީޕީއެމްގެ ތުހުމަތުތައް އޮތީ ސަރުކާރަށެވެ. ޕީޕީއެމުން ބުނާ ގޮތުގައި އަޑު ކެނޑުނީއެއް ނޫނެވެ، އަޑު ކަނޑުވާލީ އެވެ. ކަންބޮޑުވީ ނަމަވެސް ދާން އޮތް މަގުތައް ބަންދު ކޮށްލީ އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ޖަލަށް ލުމުން ކަންބޮޑުވާ އެތައް ބަޔަކު އެބަތިއްބެވެ. ނަމަވެސް އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހިލުންވާ ވަރަށް ސަރުކާރުން ވަނީ ބިރު ދައްކާފަ އެވެ.

"އަޅުގަނޑުމެން އިހްތިޖާޖް އަށްވެސް ނިކުތިން، ނަމަވެސް އެރޭވެސް ވަނީ އެސަރަހައްދުން ކަރަންޓް ކަނޑާލާފަ، އެ މުޒާހަރާގައި ބައިވެރިވި ފަރާތްތަކަށް ވަނީ ފުލުހުން ބިރު ދައްކާފަ، ދައުވާ ކުރާނެ ކަމަށްބުނެ މުޒާހަރާގެ ބައިވެރިންނަށް ބިރުދައްކާފަ، މިއީ އިނގޭތޯ ހަގީގަތަކީ،" ނިހާން ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމުން ގަބޫލު ކުރާ ގޮތުގައި އިހްތިޖާޖް ކުރުމަކީ މުޅީން ހައްލެއް ވެސް ނޫން ކަމަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެމްޑީޕީން ވަނީ އިޖްތިޖާޖްތައް ކޮށްފަ އެވެ. އެކަންކަން ފެނިގެން ދިޔައީ ހައްދުން ނައްޓައި ގާނޫނީ އިމުން ބޭރުގައި އޮއްވަ އެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދިޔަ އެބޭފުޅުންގެ ލީޑަރު ހައްޔަރު ކުރުމާއެކު މަގުމައްޗަށް ނިކުމެ، ސަރުކާރުގެ މުއައްސަސާތަކަށް ގެއްލުންދީ ރައްޔިތުންގެ މުދާތަކަށް ގެއްލުންދޭތަން، އެއީ ކަންބޮޑުވާ ފަރާތްތަކުން ކުރާ ކަންކަންނަމަ އެކަންކަން އަޅުގަނޑުމެން ކުރާކަށްނެތިން، އަޅުގަނޑުމެން ކަންކަން ކުރާނީ ގާނޫނީ އިމުގެ ތެރެއިން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ކަންކަން މިހާރު ވެސް ކުރެ އެވެ. އެގޮތުން ރައީސް ޔާމީން ދޫކޮށްލުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުމާއި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރު ކޮށް ދިނުމަށް ޕީޕީއެމްގެ ފަރާތުން ވަނީ ހުށަޅާފަ އެވެ.

"ގާނޫނީ އިމުގެ ތެރެއިން ކުރެވެންހުރި ކަންކަން މިދަނީ ކުރަމުން، އެގޮތުން ކޮމިޓީގެ ތެރެއިންނާއި މަޖިލީހުގެ ތެރެއިން ކުރެވެންހުރި ކަންކަމަށްވެސް އެދަނީ ހުރަސް އަޅަމުން، ކޮމިޓީއަށް ހާޒިރު ކުރަން އެންގުމުން ހާޒިރުކޮށް ނުދިން، ވަރަށް ސާފު އެހެން ނޫންތޯ، ސަރުކާރުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވެންހުރި ކަންކަމަށް ހުރަސް އަޅައި ދޮރުތައް ބަންދު ކުރަމުން،" ނިހާން ވިދާޅުވި އެވެ.

އެހެން ކަންކަމުގައި ވެސް އިދިކޮޅު ފަރާތްތަކުގެ އަޑު ވަނީ މަޑުވެފަ އެވެ. އެންމެ ފޯރިއާއެކު މިހާރު ކުރިއަށްދާ އެއް ކަމަކީ މަޖިލިސް އިންތިހާބަށް ތައްޔާރު ވުމެވެ. މަޖިލިސް އިންތިހާބަށް މަސް ދުވަސް ވެފައިވާއިރު، އެކަން އެންމެ ފުޅާކޮށް ހަރަކާތްތައް ކުރިއަށް ގެންދަނީ އެމްޑީޕީންނެވެ. ޖުމްހޫރީ ޕާޓީ އަދި ރައީސް މައުމޫންގެ ކެނޑިޑޭޓުންގެ ކެމްޕެއިންތައް ވެސް ކުލަގަދަ ގޮތެއްގައި ފަށައިފި އެވެ. ނަމަވެސް އިދިކޮޅަކުން އެކަމެއް ނެތެވެ.

އިދިކޮޅު ފަރާތްތަކުން އެންމެ ގަދަޔަށް ދައްކަމުން އައި އެއް ވާހަކަ އަކީ މަޖިލިސް މެޖޯރިޓީ ހޯދުމަށް ކުރެވެންހުރި ކަމެއް ކުރާނެ ވާހަކަ އެވެ. ނަމަވެސް ޕީޕީއެމާއި ކޮންގްރެސް ޕާޓީ ފެންނަނީ ނިދާފައި އޮއްވަ އެވެ.

"ރައީސް ޔާމީނާއެކު އިދިކޮޅުވެސް މިހާރު އެ އޮތީ ބަންދުވެފަ، އިދިކޮޅެއް މިހާރަކު ނެތް، މަޖިލިސް އިންތިހާބުން ވެސް އިދިކޮޅު ވާނީ ފެއިލް، އަމިއްލަ ކެނޑިޑޭޓުންވެސް މިފަހަރު އެބޭފުޅުންނަށްވުރެ ކާމިޔާބުވާނެ، މެޖޯރިޓީ އޮންނާނީ ސަރުކާރުގައި،" ސަރުކާރަށް ތާއީދުކުރާ ބޭފުޅަކު ވިދާޅުވި އެވެ.

ސަރުކާރު ޖަވާބުދާރީ ކުރުމަށް އެންމެ މުހިންމު ރޯލެއް އަދާކުރަންޖެހޭ ބަޔަކީ އިދިކޮޅު ފަރާތްތަކެވެ. ނަމަވެސް މި ވަގުތު ރާއްޖޭގައި އިދިކޮޅެއް ނެތެވެ. ރައީސް ޔާމީނާ ނުލައި އިދިކޮޅަށް ތެދުވެވޭނެ ހެއްޔެވެ؟ ރައީސް ޔާމީންގެ ސަޕޯޓަރުންނަށް އިދިކޮޅުގެ ހިތްވަރު ނެރެވޭނެ ހެއްޔެވެ؟