މެޗުގެ އެންމެ ފަހު ވަގުތުގައި، ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށް، ޒުވާން ފޯވަޑް މާކޯސް ރަޝްފާޑް، މެންޗެސްޓާ ޔުނައިޓަޑް ކްއާޓާ ފައިނަލަށް ގެންގޮސް ދިނުމުން، ޔުނައިޓަޑްގެ ވަގަުތީ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ރަޝްފާޑްއަށް ތައުރީފް ބަންޑުންކޮށްލައިފި އެވެ.
ފްރާންސްގެ ގަދަ ބާރު، ޕީއެސްޖީގެ ދަނޑު ޕާކް ޑީ ޕްރިންސެސް ސްޓޭޑިއަމްގައި، ޕީއެސްޖީއާ ދެކޮޅަށް ޔުނައިޓަޑް މެޗަށް ނިކުތް އިރު، އަވޭ ދެ ގޯލްގެ އެޑްވާންޓޭޖާއެކު ހިތްހަމަޖެހުން އޮތީ އަމިއްލަ ދަނޑުގައި މެޗަށް ނިކުތް ޕީއެސްޖީ އަށެވެ. ޔުނައިޓަޑް މެޗު ކާމިޔާބު ކުރީ 3-1 ންނެވެ. މެޗުގެ ނަތީޖާ 3-3 އެގްރިގޭޓް ނަތީޖާއިން އެއްވަރުވި ނަމަވެސް ޔުނައިޓަޑް ކްއާޓާއަށް ދަތުރު ކުރީ، އަވޭ ތިން ގޯލުންނެވެ.
އެހެންނަމަވެސް، ޕީއެސްޖީގެ ދަނޑުގައި ޔުނައިޓަޑުން ނަތީޖާ އަނބުރާލީ ކުރިން ހީކުރެވިފައިވާ ވަރަށްވުރެވެސް މޮޅަށެވެ. މެޗުގެ ފުރަތަމަ 30 މިނެޓްތެރޭ ޔުނައިޓަޑުން ދެ ލަނޑު ޖެހި އެވެ. އެ ދެ ލަނޑުވެސް ކާމިޔާބު ކުރީ، މިހާރު ފޯމަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮމެޔޫ ލުކާކޫ އެވެ.
ޕީއެސްޖީގެ ލަނޑު 12 ވަނަ މިނެޓްގައި، ކާމިޔާބު ކުރީ ހުއާން ބާނެޓް އެވެ. ޕީއެސްޖީން ލަނޑު ޖެހުމުން، އެ ޓީމު ކޮޅަށް ނަތީޖާ ބަދަލުވި އެވެ. ޔުނައިޓަޑުން ޕީއެސްޛިގެ ހިތްކުދިކުދި ކޮށްލީ، މެޗުގެ އެންމެ ފަހު ވަގަުތުގައި ރަޝްފާޑް ވައްދާލި ޕެނަލްޓީންނެވެ. ޕީއެސްޖީގެ ގޯލް ބަލަހައްޓަމުން ދިޔަ ދުނިޔޭގެ އެންމެ ތަޖުރިބާކާރު ކީޕަރު ޖިއާންލުއީޖީ ބުފޮންއަށް ވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ރަޝްފާޑް ޕެނަލްޓީ ވައްދާލީ ގޯލްގެ މަތީ ދަގަނޑަށް އަމާޒު ކޮށެވެ.
ޔުނައިޓަޑް ޕެނަލްޓީ އަކީ، ޕީއެސްޖީގެ ހާފުގެ ތެރެއިން އެ ޓީމުގެ މާކީނިއޯސް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. މެޗުގެ ރެފްރީ ސޮލެވޭނިއާގެ ޑަމީރު ސްކޮމިނާ އެކަން ކަށަވަރު ކުރީ ވީއޭރް މެދުވެރިކޮށް ބެލުމަށް ފަހު އެވެ.
އަވޭ ދެ ގޯލް ފައިދާ ޕީއެސްޖީއަށް ލިބިފައިވީނަމަވެސް، ޔުނައިޓަޑުން ނަތީޖާ އަނބުރާލަން، އެ ޓީމުގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާއަށް ތައުރީފް ހައްގެވެ. އޭނާގެ ވަޒީފާގެ ހައިސިއްޔަތަކީ ދާއިމީ ދައުރެއް ނޫންނަމަވެސް، މިހާރު އޭނާއަށް ދާއމީ ކޮންޓްރެކްޓެ ދޭޏް ޔުނައިޓަޑުން އިއުލާން ކުރަން ޖެހެ އެވެ.