މާލެ ވިޔަފާރި ބަނދަރު ފަރުމާ ކުރުމާއެކު އެ ބަނދަރުގެ މާސްޓަ ޕްލޭން ހަދައިދޭން ޝައުގުވެރިވާ ފަރާތްތައް ހޯދަން ކުރި އިއުލާނުގެ މުއްދަތު ފިނޭންސް މިނިސްޓްރީން ތިން ވަނަ ފަހަރަށް އިތުރު ކޮށްފި އެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، އާ ބަނދަރެއް ހެދުމުގެ ގޮތުން، ފިނޭންސް މިނިސްޓްރީން މި މަސައްކަތަށް ޝައުގުވެރިވާ ބައިނަލްއަގުވާމީ ފަރާތްތަކުން ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) އާއި އެއްގޮތަށް އެކްސްޕެރެސަން އޮފް އިންޓްރެސްޓް ހުށަހަޅަން ފުރަތަމަ އިއުލާނު ކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް އެ މުއްދަތު އިއްޔެގެ ނިޔަލަށް އިތުރު ކުރުމަށްފަހު އަނެއްކާވެސް މިވަނީ މިމަހުގެ 17 ވަނަ ދުވަހާ ހަމަށް މުއްދަތު އިތުރުކޮށްފަ އެވެ.
މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި މުއްދަތު އިތުރު ކުރި ސަބަބެއް ބުނެފައެއް ނުވެ އެވެ.
އެ މިނިސްޓްރީން ބުނީ ތިލަފުށީގައި ބައިނަލްއަގުވާމީ ޕޯޓެއް ތަރައްގީ ކުރުމަށް މާސްޓަ ޕްލޭނެއް ހެދުމާއި ޕޯޓުގެ ޑީޓެއިލް ޑިޒައިނާއި ޓެންޑަ ޑޮކިއުމެންޓް ތައްޔާރު ކޮށްދޭނެ ކޮންސަލްޓެންސީ ފާމެއް ބޭނުންވާ ކަމަށެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ބޮޑު ބަނދަރެއް ހެދުމުގެ ޕްލޭނެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ގެންގުޅުނެވެ. އެގޮތުން ބަނދަރެއް ހެދުމުގެ ގޮތުން ދުބާއީގެ ޑީޕީ ވޯލްޑަށް ހަވާލު ކުރަން 300 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ވެސް އުޅުނެވެ. ފަހުން އެ ކުންފުނިން ވަނީ އެ މަސައްކަތް ހުއްޓާލާފަ އެވެ. އަދި އޭގެ ފަހުން ފިލިޕީންސް ކުންފުންޏަކުން ވެސް ބަނދަރެއް ހެދުމުގެ ޕްރޮޕޯސަލެއް ސަރުކާރަށް ހުށަހެޅި ކަމަށް ރައީސް ޔާމީންގެ، އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އޭރު ވިދާޅުވެފައިވެ އެވެ.