ވިޔަފާރި

ތިލަފުށީ ވިޔަފާރި ބަނދަރުގެ މާސްޓަ ޕްލޭން ހަދަން 34 ފަރާތަކުން ޝައުގުވެރިވެއްޖެ

މާލެ ވިޔަފާރި ބަނދަރު ތިލަފުށްޓަ ބަދަލު ކުރުމުގެ ގޮތުން، އެ ރަށުގައި ބައިނަލްއަގުވާމީ ބަނދަރެއް ފަރުމާކޮށް ކުރުމާއެކު އެ ބަނދަރުގެ މާސްޓަ ޕްލޭން ހަދަން 34 ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބަނދަރުގެ މާސްޓަ ޕްލޭނެއް ހެދުމާއި ޕޯޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަ ޑޮކިއުމެންޓްރީ ތައްޔާރު ކޮށްދޭނެ ކޮންސަލްޓެންސީ ފާމެއް ހޯދަން ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން ވަނީ ދެ ފަހަރެއްގެ މަތިން ވަނީ އިއުލާނުގެ މުއްދަތު އިތުރުކޮށްފަ އެވެ.

އެ މިނިސްޓްރީން މިއަދު ވާހަކަ ދެއްކި ސީނިއަ އޮފިޝަލަކު ވިދާޅުވީ ޝައުގުވެރިކަން ފާޅުކުރި 34 ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ބިޑް ހުށަހަޅަން ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ބިޑަށް ހުޅުވާލާނެ ދުވަހެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

"ވަރަށް ބައިވަރު ޕާޓީ މީގައި ހިމެނެނީ. ހަމައެކަނި ބޭރު މީހުން އެކަންޏެއް ވެސް ނޫން. އެބަހުރި ދިވެހި ކުންފުނިތަކާއި ބޭރު މީހުން ގުޅިގެން ޖޭވީ [ޖޮއިންޓް ވެންޗާ] އުސޫލުން ވެސް ހުށަހަޅާފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.

މާލެ ވިޔަފާރި ބަނދަރުގެ ޕާސްޓަ ޕްލޭން ހަދާނެ ފަރާތެއް ހޯދަން އިއުލާނު ކުރިއިރު، ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ބަނދަރުގެ މަސައްކަތް ކުރުމަށްޓަކައި ހޮލެންޑުގެ ކުންފުންޏަކާ ހަވާލުކޮށްގެން މާސްޓަ ޕްލޭންއެއް ހަދައިވާ ކަމަށް އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ. އޭގަކުރިން އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ވެސް ފީސިބިލިޑީ ސްޓަޑީއެއް ހަދާފައިވެ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ވަނީ ވިޔަފާރި ބަނދަރެއް ތިލަފުށީގައި ހެދުމުގެ ގޮތުން ދުބާއީގެ ޑީޕީ ވޯލްޑަށް ހަވާލު ކުރަން 300 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން އުޅުނެވެ. ނަމަވެސް ފަހުން އެ ކުންފުނިން ވަނީ މި މަސައްކަތް ހުއްޓާލާފަ އެވެ. އަދި އޭގެ ފަހުން ފިލިޕީންސް ކުންފުންޏަކުން ވެސް ބަނދަރެއް ހެދުމުގެ ޕްރޮޕޯސަލެއް ސަރުކާރަށް ހުށަހެޅި ކަމަށް ރައީސް ޔާމީންގެ، އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އޭރު ވިދާޅުވެފައިވެ އެވެ.