އަންހެނުންގެ ދުވަސް

ޑރ. ޝަހީމް: އިސްލާމް ދީނުގެ ނަޒަރުގައި އަންހެނާ

އިސްލާމްދީން ބާވާލެއްވުމުގެ ކުރިން އެކި ޙަޟާރަތްތަކުގައި އަންހެނުންނާމެދު ވަރަށް ބޮޑަށް އަނިޔާވެރިވެފައި ވެއެވެ. އަންހެނުންނަކީ އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައި ދެކެމުން ދިޔައެވެ. ބާޒާރުގައި ވިއްކާލަން ގެންގުޅޭ އަޅުންގެ ގޮތުގަ އެވެ. ނުވަތަ ޖިންސީ ޣަރީޒާ ފުއްދުމަށް ލައްވާފައިވާ މަޚްލޫޤެއްގެ ގޮތުގައެވެ. އަމިއްލަ އަށް މުދާ ހޯދުމާ މުދާ މިލްކު ކުރުމަކީ ވެސް ބައެއް ޙަޟާރަތްތަކުގައި އަންހެނުންނަށް އޮތް ޙައްޤެއް ނޫނެވެ. އަދި އެންމެ އަނިޔާވެރިކަމަކީ އަންހެން ކުއްޖަކު ލިބުމުން އެކަމާ ދެރަވެ ހިތާމަވެރިވެ އެކުއްޖާ ދިރިހުއްޓާ ވަޅުލާކަމެވެ. މިއަށް ވުރެން ވަކި ބޮޑު އަނިޔާއެއް އޮންނާނެތޯ އެވެ؟

ނަބަވީ އިޞްލާޙީ ޙަރަކާތް ފެށިގެންދިޔައީ ދިރިހުއްޓާ ވަޅުލެވުނު އަންހެންކުއްޖާގެ ކުށަކީ ކޮބައި ކަމާމެދު އިންސާނިއްޔަތާ ސުވާލު ކުރަމުންނެވެ. އެ އަނިޔާވެރި ޢަމަލަށް އިންކާރު ކުރަމުންނެވެ. އަންހެނާ އަށް މަތިވެރި މަޤާމު ހޯދައިދޭން ގޮވާލަމުންނެވެ. އަންހެނާއާމެދު އޮތް އެންމެހާ އަނިޔާވެރި ޤައިދުތައް ފިލުވައި އޭނާއަކީ ފިރިހެނުންނެކޭ ވެސް އެއްފަދައިން މަސްއޫލިއްޔަތާ ތަކުލީފު ލިބިގެންވާ މީހެއް ކަމުގައި އިސްލާމީ ޝަރީޢަތުގައި މާތް ﷲ ވަނީ ކަނޑައަޅުއްވާފަ އެވެ.

އެހެން އެއްވެސް ފަލްސަފާއެއްގައި އަންހެނާ އަށް ދެއްވާފައި ނުވާ މަތިވެރި މަޤާމް އިސްލާމްދީނުގައި އަންހެނާ އަށް ދެއްވާފައި އެވެ.

އިސްލާމްދީނުގައި އަންހެނާ އަށް އަނިޔާވެރިވެފައިވާ ކަމަށް ބުނުމަކީ އިސްލާމްދީނުގެ ޙަޤީޤަތް ރަނގަޅަށް ނޭގި ތިބެ ދައްކާ ވާހަކަތަކެކެވެ. ނުވަތަ ބައެއް މުސްލިމުން އަންހެނުންނާމެދު ޢަމަލުކުރާ ގޮތުން އެއީ އިސްލާމްދީނުގައި އޮތް ގޮތްކަމަށް މާނަ ކޮށްގެން ނުވާނެ އެވެ. އިސްލާމްދީނަކީ ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތުގެ މައްޗަށް ޤާއިމުވެފައިވާ ދީނެކެވެ. ދީނުގެ ޙަޤީޤަތް ދެނެގަންނަންޖެހޭނީ މި ދެ އަސާސުންނެވެ.

ކީރިތި ޤުރުއާނާ ނަބިއްޔާގެ ސުންނަތަށް ނަޒަރު ހިންގާލާއިރު ފެނިގެންދަނީ ފިރިހެނުންނާއި އަންހެނުންނަކީ އާދަމުގެ ދަރީންކަމުގައެވެ. އިންސާނީ ވަންތަކަމާއި ތަކުލީފުގައި ހަމަހަމަ ވެގެންވާ ބައެއްކަމުގައެވެ. ދެޖިންސުގެ އިންސާނީ ފިޠުރީ ތަފާތުތައް ރިޢާޔަތްކުރުމާއެކު ދެ ފަރާތަށް ވެސް އިސްލާމްދީން އިންސާފުވެރިވެފައިވާތަން ފެނެއެވެ. ހެޔޮ ޢަމަލުގެ މައިދާނުގައި ހަމަހަމަ ކުރެއްވި ފަދައިން ޢުޤޫބާތުގެ މައިދާނުގައި ވެސް ހަމަހަމަ ކުރެއްވިއެވެ. ޘަވާބާއި ދަރުމައިގައި ވެސް ހަމަހަމަ ކުރެއްވިއެވެ.

މި ޙަޤީޤަތްތައް ކަށަވަރުކުރައްވަމުން ﷲ ވަޙީކުރައްވާފައިވަނީ މިފަދަ އިންނެވެ. ( إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُمْ مَغْفِرَةً وَأَجْرًا عَظِيمًا (٣٥) الأحزاب: ٣٥ މާނައީ:

"ހަމަކަށަވަރުން މުސްލިމު ފިރިހެނުންނާއި މުސްލިމު އަންހެނުންނާއި މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނާއި ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި ތެދުވެރި ފިރިހެނުންނާއި ތެދުވެރި އަންހެނުންނާއި ކެއްތެރި ފިރިހެނުންނާއި ކެއްތެރި އަންހެނުންނާއި ބިރުވެތިވާ ފިރިހެންނުނާއި ބިރުވެތިވާ އަންހެނުންނާއި ޞަދަޤާތްދޭ ފިރިހެންނުންނާއި ޞަދަޤާތްދޭ އަންހެނުންނާއި ރޯދަހިފާ ފިރިހެނުންނާއި ރޯދަހިފާ އަންހެނުންނާއި އެއުރެންގެ ލަދުވެތި ގުނަން ރައްކާތެރިކުރާ ފިރިހެނުންނާއި އެއުރެންގެ ލަދުވެތި ގުނަން ރައްކާތެރިކުރާ އަންހެނުންނާއި ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރާ ފިރިހެނުންނާއި ޛިކުރުކުރާ އަންހެނުންނާއި އެ އެންމެނަށްޓަކައި ﷲ ފާފަ ފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަ ތައްޔާރުކުރެއްވިއެވެ."

އަދިވެސް ﷲ ވަހީކުރައްވާފައިވެއެވެ. ( مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ (٩٧) النحل: ٩٧ މާނައީ:

"މުއުމިނަކު ކަމުގައިވާޙާލު ފިރިހެނުންގެ ތެރެއިން ވިޔަސް ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް ޞާލިޙު ޢަމަލެއް ކޮށްފި މީހާ ދަންނާށެވެ! ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން ރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން އެއުރެން ޢަމަލުކޮށް އުޅުނު އެންމެހެޔޮ ގޮތުގައި ދަރުމައިން އެއުރެންނަށް ތިމަން ރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ."

އަދި ޢާއިލީ ގުޅުމުގައި އަންހެނާ އަށް ހައްޤުތަކެއް ދެއްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.( يَا أَيُّهَا الَّذِينَ آمَنُوا لا يَحِلُّ لَكُمْ أَنْ تَرِثُوا النِّسَاءَ كَرْهًا وَلا تَعْضُلُوهُنَّ لِتَذْهَبُوا بِبَعْضِ مَا آتَيْتُمُوهُنَّ إِلا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ وَعَاشِرُوهُنَّ بِالْمَعْرُوفِ فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا (١٩) النساء:19 މާނައީ:

އޭ އީމާންވީ މީހުންނެވެ! ނުރުހުމުގައި އަންހެނުން ވާރުތަ ކޮށްގަތުމަކީ، ތިޔަބައި މީހުންނަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި ފާޅުވެގެންހުރި، ހުތުރުކަން ބޮޑުވެގެންވާ ފާފައެއް އެކަނބަލުން ކޮށްފިކަމުގައި ވަންޏާ މެނުވީ އެކަނބަލުންނަށް ތިޔަބައި މީހުން ދީފައިވާ ތަކެތީގެ ތެރެއިން ބައެއްވިޔަސް އަތުލައިގަތުމަށްޓަކައި، އެކަނބަލުންނަށް ދަތި ނުކުރާށެވެ! އަދި ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާއި ނުރުހުންތެރިވެއްޖެނަމަ ދަންނާށެވެ! ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުންވެދާ އެއްޗަކީ އެއެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވައިފައިވާ އެއްޗެކެވެ.

އަދި ޢިއްފަތްތެރި އަބުރުވެރި އަންހެނުންގެ އަބުރު ޙިމާޔަތްކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ( وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلا تَقْبَلُوا لَهُمْ شَهَادَةً أَبَدًا وَأُولَئِكَ هُمُ الْفَاسِقُونَ (٤)إِلا الَّذِينَ تَابُوا مِنْ بَعْدِ ذَلِكَ وَأَصْلَحُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ (٥) النور: ٤،٥މާނައީ:

"ޢިއްފަތްތެރި އަބުރުވެރި އަންހެނުންނަށް ޤަޛުފުކުރާ މީހުން އެކަމުގެ މައްޗަށް ހަތަރު ހެކިން ނުގެނައިނަމަ ފަހެ އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން ޙައްދު ޖަހާށެވެ! އަދި ދުވަހަކު ވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެއުރެންނީ ހަމަ ފާސިޤުންނެވެ. އެއަށް ފަހު ތައުބާވެ ޢަމަލުތައް އިޞްލާޙު ކޮށްފި މީހުން މެނުވީއެވެ. ފަހެ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމް ވަންތަ ރަސްކަލާނގެއެވެ."

އަދިވެސް ވަޙީކުރައްވާފައިވެއެވެ. ( إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ (٢٣) النور: ٢٣ މާނައީ:

"ޢިއްފަތްތެރި، އަދި ފާފަކުރުމުގެ ޚިޔާލެއް ވެސް ނެތް މުއުމިން އަންހެނުންނަށް ޤަޛުފުކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ލަޢްނަތް ލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޒާބު ހުއްޓެވެ."

އެއްދުވަހަކު ކީރިތި ރަސޫލާގެ އަރިހަށް މީހަކު އައިސް ދެންނެވި އެވެ. "އޭ ﷲގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ތިމަންނަ އެންމެ ހެޔޮކޮށްހިތުމަށް ޙައްޤު ކަންބޮޑީ ފަހެ ކާކުތޯއެވެ؟" އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިބާގެ މަންމައެވެ." ދެންނެވި އެވެ. "ދެން ކާކުތޯ އެވެ؟" ޙަދީޘް ކުރެއްވި އެވެ. "ތިބާގެ މަންމަ އެވެ." ދެންނެވި އެވެ. "ދެން ކާކުތޯ އެވެ؟" ޙަދީޘް ކުރެއްވި އެވެ. "ތިބާގެ މަންމަ އެވެ." ދެންނެވި އެވެ. "ދެން ކާކުތޯ އެވެ؟" ޙަދީޘް ކުރެއްވި އެވެ. "ތިބާގެ ބައްޕަ އެވެ." މިޙަދީޘްއިން އެނގެނީ މަންމަ އުފުލާފައިވާ ތަކުލީފާއި ބުރައިގެ ސަބަބުން މަންމަގެ ދަރަޖަ ތިން ގުނަ އިތުރުވެގެންވާ ކަމެވެ.

ހަމައެއާއެކު ދަރިއެއްގެ ޙާލަތުގައްޔާއި، އުޚުތެއްގެ ޙާލަތުގައި އެނާއަށް އަޅާލައި ރަނގަޅު ތަރުބިޔަތެއްދީފި ނަމަ އޭގެ ސަބަބުން ސުވަރުގެއަށް ވަނުމުގެ ނަޞީބު ދެއްވާފައިވާ ކަމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަންގަވާފަ އެވެ.

އަދި އަންބެއްގެ ޙާލަތުގައި ވާނަމަ އޭނާއަށް ހެޔޮކޮށް ހިތުމަށް އަންގަވާފައިވެއެވެ. އަދި ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. (خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَنَا خَيْرُكُمْ لأَهْلِي) رواه الترمذي މާނައީ:

"ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު މީހަކީ އެމީހާގެ އަނބިދަރީންނަށް އޯގާތެރި މީހާ އެވެ. ތިޔަބައިމީހުންގެ ކުރެ އަނބިދަރީންނަށް އެންމެ ހެޔޮ މީހަކީ ތިމަން ކަލޭގެފާނެވެ."

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންހެނުންނާއި ފިރިހެނުން ސިފަ ކުރައްވާފައި ވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގަ އެވެ. އެހެންކަމުން އިސްލާމީ ދައުލަތާއި މުސްލިމުންގެ ފަޚުރުވެރި މުޖުތަމަޢު ބިނާ ކުރުމުގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުން ވެސް ބައިވެރިވެފައި ވެއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރުގައި އަންހެނުންނަށް ދަތި އުނދަގޫ ކަންތައްތައް ޙައްލު ކުރުމަށް އަޞްޙާބު ބޭކަނބަލުން ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގަންނަވަ އެވެ. އަދި އެކަނބަލުންނަށް ޢިލްމު ދެއްވުމަށް ޚާއްޞަ ދުވަހެއް ކަނޑައެޅުއްވި އެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅަށް ބަލާލާއިރު އަންހެނުންވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެދުވަސްވަރުގައި އަންހެނުންގެ ތެރޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އަންހެނުންނާ ވިޔަފާރިވެރި އަންހެނުންނާ ބޭސްވެރިކަމުގެ ޚިދުމަތްދޭ އަންހެނުންނާ އަތްތެރި މަސައްކަތްކުރާ އަންހެނުން ތިބި ކަން ޞައްޙަ މަޞްދަރުތަކުން ސާބިތުވެއެވެ.

އަދި ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށް ދެޖިންސުގެ މީހުން އެކުގައި މަސައްކަތްކޮށްފައިވެއެވެ. މިކަން އައްތައުބާ ސޫރަތުގައި ބަޔާން ކުރައްވާފައި ވެއެވެ. ( وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيمُونَ الصَّلاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ أُولَئِكَ سَيَرْحَمُهُمُ اللَّهُ إِنَّ اللَّهَ عَزِيزٌ حَكِيمٌ (٧١) التوبة : 71 މާނައީ:

''މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނީ އޭގެ އެއްބަޔަކު އަނެއްބައެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެބައިމީހުން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރެއެވެ. އަދި އެބައިމީހުން ނަމާދު ޤާއިމު ކުރެއެވެ. ޒަކާތްދެއެވެ. އަދި ﷲ އާ އެކަލާނގެ ރަސޫލާއަށް ކިޔަމަންވެއެވެ. އެބައިމީހުންނަށް ﷲ ރަޙްމަތް ލައްވާ ހުއްޓެވެ. ހަމަކަށަވަރުން ﷲއީ ޢިއްޒަތްތެރި ވަންތަ ޙަކީމު ވަންތަ ރަސްކަލާނގެ އެވެ."

މީގެ އިތުރުން އުންމަތުގެ ޚާއްޞަ ޙާލަތްތަކުގައި ވެސް އަންހެނުން ވަރަށް ފުރިހަމަ ދައުރެއް އަދާ ކޮށްފައިވެއެވެ. މިގޮތުން އިސްލާމީ ދައުލަތާ ދެކޮޅަށް ދުޝްމަނުން ކުރި ހަނގުރާމަތަކުން އުންމަތް ސަލާމަތްކުރަން ކީރިތި ރަސޫލާއާއި އެކަނބަލުންގެ ޢާއިލާގެ ރުހުމާއެކު، ނުވަތަ ޢާއިލާއެކު ހަނގުރާމަތަކުގައި ލަޝްކަރުތަކުގައި ބައިވެރިވެފައިވެއެވެ. އަދި ހަނގުރާމައިގެ ވަގުތުގައި ލަޝްކަރުގެ އަހުލުވެރިންނަށް ފެން އުފުލުމާއި ޒަޚަމްވެގެން ގެންނަ މީހުންނަށް ފަރުވާކުރުމާއި މިފަދަ އެތައްކަމެއް ޞަޙާބީ ބޭކަނބަލު އަދާކުރައްވާފައިވާ ކަން ޞައްޙަ މަޞްދަރުތަކުން އެނގެ އެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި ސިޔާސީ މައިދާނުން ވެސް އަންހެނުންގެ އަޑު އިވިފައިވެއެވެ. ޤުރައިޝުންގެ ފަރާތުން މުސްލިމުންނަށް ކުރިމަތިވެގެންދިޔަ އަނިޔާވެރި ޢުދުވާންތަކުން މުސްލިމުން ސަލާމަތްކުރުމަށްޓަކައި ނުހަނު ގިނަގުނަ މަސައްކަތްތަކެއް އަންހެންބޭކަނބަލުން ވެސް ކުރައްވާފައިވެއެވެ. ޤުރައިޝުން މުސްލިމުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ދުވަސްވަރު އުންމުލްމުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާ ގެ މުދަލުން އެކަމަނާ މުސްލިމުންނަށް ޚަރަދުކުރައްވާފައިވެއެވެ.

ޤުރައިޝުންގެ އަނިޔާއިން ސަލާމަތްވުމަށްޓަކައި ޙަބަޝްކަރަޔަށް ފުރަތަމަ ހިޖުރަކުރި މީހުންގެ ތެރޭގައި ވެސް އަންހެނުން ހިމެނެއެވެ. މަޝްހޫރު ބައިޢަތުލްޢަޤަބާގައި އަންހެންބޭކަނބަލުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން ބައިޢަތު ހިއްޕަވާފައިވާކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.

އެންމެ ފުރަތަމަ އިސްލާމްވީ ވެސް އަންހެން ބޭކަނބަލެކެވެ. އެއީ ޚަދީޖާ ރަޟިޔަﷲ ޢަންހާއެވެ. އެންމެ ފުރަތަމަ ދުޝްމަނުންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ ޝަހީދުވެވަޑައިގަތީ ވެސް އަންހެން ބޭކަނބަލެކެވެ. އެއީ ސުމައްޔާ ރަޟިޔަﷲ ޢަންހާ އެވެ. ޙުދައިބިއްޔާގެ ޞުލްޙައިގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މަޝްވަރާ ދެއްވުމުގައި އުންމުލްމުއުމިނީން އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ އަދާކުރައްވާފައިވަނީ މަތިވެރި ދައުރެކެވެ. އިސްލާމީ ދައުލަތް ބިނާކުރުމުގައި ވެސް އަންހެން ކަނބަލުން ބައިވެރިވެފައިވެއެވެ. މިއެންމެހައި ކަންކަމުން ދޭހަވަނީ އިސްލާމީ ޙަޟާރަތް ބިނާކުރުމުގައި އަންހެނުންނާއި ފިރިހެނުން އެއްސަފެއްގައި މަސައްކަތްކޮށްފައިވާކަމެވެ.

މިހެންކަމުން އިސްލާމީ މުޖުތަމަޢުތަކުގައި އަންހެނުންނަށް އެއްވެސް ދައުރެއްނެތްކަމަށާއި، އެމީހުންނަށް ތަޢުލީމު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްނޫންކަމަށާއި، އެމީހުން ތިބެންޖެހޭނީ ހަމައެކަނި ގޭގައި ކަމަށް ބުނެ އަޑުއުފުލުމަކީ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި ހަމަތަކާއި މުޅިން ތަޢާރުޟްވާ ވާހަކަތަކެކެވެ.

އަޚުލަޤީ އިމުގެ ތެރޭގައި ދެޖިންސުގެ މީހުން މުޖްތަމަޢުގެ އެންމެހައި ކަންކަމުގައި ބައިވެރިވުމަކީ ދީނުގެ ނުޞޫޞްތަކާ ތަޢާރުޟްވާ ކަމެއްނޫނެވެ. އިސްލާމްދީނުގައި އަންހެނާއަށް ދެއްވާފައިވާ މަތިވެރި ޙައްޤުތަކެއް އެހެން އެއްވެސް ޙަޟާރަތެއްގައި، އެހެން އެއްވެސް ފަލްސަފާއެއްގައި އަންހެނާ އަށް ހޯދާދީފައިނެތެވެ. ހަނގުރާމައިގެ ވަގުތުގައި ވެސް އަންހެނުން ނުމެރުމަށް އިސްލާމްދީން ގޮވާލާފައިވެއެވެ.

އަނިޔާވެރިވުމަކީ ﷲ ޙަރާމްކުރައްވާފައިވާ ކަމެކެވެ. އަނިޔާއަކީ ހަމައެކަނި ޖިސްމާނީ ގޮތުން ދެވޭ އެއްޗެއްނޫނެވެ. މި ގޮތުން ބާލިޣުވެ ތަޞައްރުފު ނުފުދެނީސް މަޖްބޫރުން ކައިވެނި ކުރުވުމާއި ވަކި މީހަކާ ކައިވެނި ކުރަން މަޖުބޫރު ކުރުމަކީ ވެސް އަނިޔާއެކެވެ.

އަންހެންކުއްޖާގެ މަޖްބޫރުން އޭނާ ވަކި މީހަކީ ކައިވެނިކުރަން އުޅުމަކީ އިސްލާމްދީން މަނާ ކުރައްވާފައިވާ ކަމެކެވެ. އަންހެންކުއްޖާ ދެވަންވާނީ އޭނާ ރުހޭ މީހަކާ އެވެ. ހަމަ އެހެންމެ، އަނިޔާކުރާ ފިރިއެއްގެ އަނިޔާވެރިކަމުގެ ދަށުގައި އިނުމަކީ ވެސް ހުއްދަ ކަމެއް ނޫނެވެ. އޭނާގެ އަނިޔާއިން ސަލާމަތްވުމަށް ވަރިއަށް އެދުމުގެ ފުރިހަމަ ޙައްޤު އަންހެންނާ އަށް އިސްލާމްދީނުގައި ލިބިގެން ވެއެވެ. ޚަރަދު ނުދޭ ފިރިއެއްގެ ކިބައިން ސަލާމަތްވުމަށް ވެސް ޙަރަކާތްތެރިވެވޭނެ އެވެ. އެފަދަ ޙާލަތުގައި ފަނޑިޔާރު އެކައިވެނި ރޫޅާލަން ޖެހޭނެ އެވެ.

ޤައުމުން ބޭރަށް ތަޢުލީމު ޙާޞިލްކުރަންދާ އަންހެން ކުއްޖާއަށް ބައެއް ފަހަރު މަޙުރަމު ނެތި ދަތުރު ކުރުން ނުވަތަ ކިޔަވަން ދިއުން ބައެއް ބޭފުޅުން ޙަރާމް ކުރައްވަ އެވެ. އެ ރައުޔަށް ނުހަނު އިޙުތިރާމްކުރާ ޙާލުގައި އަޅުގަނޑު ދަންނަވާނީ ކުރީ ޒަމާނުގައި މަޙުރަމަކާ ނުލައި ދަތުރު ކުރުން މަނާވެފައި އޮތީ މަގު އަމާން ނުވުމުގެ ސަބަބުންނާއި ރައްކާތެރިކަން ނެތުމުގެ ސަބަބުން ކަމުގައި މާނަ ކުރުމުގެ ފުރުޞަތު އެބައޮތެވެ.

މިހެންކަމުން މިއަދު ޤައުމުން ބޭރަށް ތަޢުލީމު ޙާޞިލްކުރަންދާ ކުއްޖާއަށް ނުވަތަ އަންހެނާއަށް ދަތުރުގައި އަމާންކަމާއި ރައްކާތެރިކަން އޮތުމުން އެކަމުގައި ދީނީ ގޮތުން ހުރަހެއް އޮތްކަމަށް އަޅުގަނޑު ނުދެކެމެވެ.

ކިޔަވަން ގޮސް ހުންނަނީ ރައްކާތެރިކަން ލިބިގެންވާ މާޙައުލެއްގައި ކަމުގައި ވަނީ ނަމަ މަޙުރަމަކާ ނުލައި އެތަނުގައި ހުރުމުގައި ދީނީ ގޮތުން އެއްވެސް ހުރަހެއް އޮތްކަމަށް އަޅުގަނޑު ނުދެކެމެވެ. އެކި އެކި ދާއިރާތަކުން އަންހެން ދަރީން ތަޢުލީމު ޙާޞިލްކުރުމަކީ އުންމަތަށް ނުހަނު ބޭނުންތެރިކަމެކެވެ. ނަމަވެސް މަޙުރަމަކާއެކު ނުވަތަ ޢާއިލާއާއެކު އުޅުމުގެ ފުރުޞަތު އޮތް ނަމަ އެއީ އެންމެ ރައްކާތެރިގޮތެވެ. ކޮންމެ ތަނެއްގައި ހުއްޓަސް އެމީހެއްގެ ޢިއްފަތްތެރިކަމާއި އީމާންކަން ރައްކާތެރިކުރުމަކީ އެމީހެއްގެ އަމިއްލަ މަސްއޫލިއްޔަތެކެވެ.

އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަކީ އަންހެނާއަކީ މުޖްތަމަޢުގައި ބަސްކިޔޭ ޤަދަރުވެރި އިޙްތިރާމްލިބިގެންވާ މީހަކަށް ހެދުމެވެ. އަޅުގަނޑުމެންނަކީ އަންހެނުންނަށް ޙައްޤު މަތިވެރި މަޤާމު ހޯދައިދޭން މަސަތްކަންކުރާ ބަޔަކަށްވަމާތޯއެވެ؟