ހަބަރު

ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކައި، އަމަލު ކުރާ ނަމަ ފިޔަވަޅު އަޅާނަން: ޕީޖީ އޮފީސް

އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުވަތަ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ ގޮތަށް ވާހަކަ ދައްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ ސިޔާސީ ގޮތުން ވަކި މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ކަމަށް ވިޔަސް އާންމުކުރާ ލިޔުންތަކާއި ފާޅު ކުރެވޭ ޚިޔާލުތަކުގައި ރާއްޖޭގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ފަދަ ގޮތަކަށް އަމަލު ކުރުމަކީ އެއްވެސް ފަރާތުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ހަގީގަތެއް ނެތް ތުހުމަތުތަކާއި އާންމުންގެ މެދުގައި ބިރުވެރިކަމާއި ހަމަނުޖެހުން އުފެދޭ ވާހަކަތައް ފެތުރުމާއި އެފަދަ އަމަލުތައް ހިންގުމަކީ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީގައި ވެސް މަނާކޮށްފައިވާ ކަމެއް ކަމަށް ވާތީ އެފަދަ އަމަލުތައް ނުކުރުމަށް އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.

"ސިޔާސީ، ދީނީ ނުވަތަ އިޖްތިމާއީ ހައިސިއްޔަތެއް އޮތް ފަރާތަކުން ވިޔަސް ކުރާ ކަންކަމުގައި ދިވެހިރާއްޖޭގެ އާންމު މަސްލަހަތަށް ގެއްލުން ވެދާނެ ފަދަ އަމަލުތަކާއި އާންމު ފަރުދުންގެ ނަމާއި އަބުރަށް އިހާނެތިވާނެ ކަންކަމާއި މުޖްތަމައުގެ ހަމަޖެހުމަށް ބުރޫ އަރާފާނެ ފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ގާނޫނު އަސާސީގެ ހަމަތަކާއި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނަގަހައްޓަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ އޮފީހުން އެގޮތަށް ބަޔާން ނެރުނުއިރު އާ އަހަރު ފާހަގަކުރަން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލަށް މަރުގެ އިންޒާރު ދީ ބަޔަކު ވަނީ ވީޑިއޯއެއް އާންމުކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ އެއީ އޮޅުވާލަން ބަޔަކު ކުރި ކަމެއް ކަމަށާއި ޝޯން ޕޯލަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.