ބޭރު ކުޅިވަރު

ޔުވެންޓަސް ކޯޗު ކޮންޓްރެކްޓް އާކޮށްފި

Jul 7, 2015

ޔުވެންޓަސްގެ ކޯޗު މަސިމޯ އަލްގްރީ 2017 ވަނަ އަހަރާ ހަމައަށް އެ ކުލަބުގައި ހުންނަން ކޮންޓްރެކްޓް އާ ކޮށްފި އެވެ.

އިޓަލީގެ ޗެމްޕިއަން ޓީމުން ބުނީ އަންނަ އަހަރު ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އިތުރު އަހަރަކު ކްލަބުގައި މަޑުކުރަން ކޯޗު ނިންމުމުން މަރުހަބާ ކިޔާ ކަމަށެވެ.

އުމުރުން 47 އަހަރުގެ ކޯޗު ޔުވެންޓަސްއާ ހަވާލުވީ 2014 ވަނަ އަހަރު އެއިރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގައުމީ ޓީމަށް ދިއުމުންނެވެ.

އަލްގްރީގެ ކޯޗު ކަމުގައި ޔުވެންޓަސް ވަނީ ހުސްވި ސީޒަނުގެ އިޓާލިއަން ލީގާއި އިޓާލިއަން ކަޕް ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެފަ އެވެ.

ކޯޗު ކޮންޓްރެކްޓް އާ ކުރިއިރު ކްލައުޑިއޯ މާކީޝިއޯ ވަނީ 2020 ވަނަ އަހަރަށް ކުލަބުގައި މަޑުކުރަން އެއްބަސްވެފަ އެވެ. ޔުވެންޓަސްއިން ބުނީ މާކީޝިއޯ އަކީ ކުލަބަށް އަލަށް އަންނަ ކުޅުންތެރިންނަށް ޔުވެންޓަސް އަކީ ކޮބައިކަން ބުނެދިނުމަށް ވެސް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

ޔުވެންޓަސް ވަނީ އާ ސީޒަނަށް ތައްޔާރުވުމަށް އެތްލެޓިކޯ މެޑްރިޑުގެ ކްރޮއޭޝިޔާ ފޯވަޑް މާރިއޯ މަންޒުކިޗާއި ރެއާލްގެ ސާމީ ކެދިރާ ގެނެސްފަ އެވެ. އަދި އެކުލަބުން ވަނީ އާޖެންޓިނާގެ ފޯވަޑް ކާލޮސް ތެވޭޒް އާއި ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ދޫކޮށްލައިފަ އެވެ.