ދުނިޔެ

ސިންގަޕޫރުގެ އަރަނި ބަޖެޓާއެކު ރައްޔިތުންނަށް ބޯނަސް ދެނީ

Mar 9, 2019

ސިންގަޕޫރު (މާޗް 9) - ސިންގަޕޫރުގައި 2017 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު އަރަނިވެފައިވާތީ، ރައްޔިތުންނަށް ބޯނަސްދޭން ސަރުކާރުން ނިންމައިފި އެވެ.

އެގައުމުގެ ފިނޭންސް މިނިސްޓަރު އިއުލާނުކުރެއްވި ގޮތުގައި، 2017 ވަނަ އަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓުގެ ތެރެއިން 10 ބިލިއަން ސިންގަޕޫރު ޑޮލަރު (7.6 މިލިއަން އެމެރިކާ ޑޮލަރު) ވަނީ އަރަނިވެފައި އެވެ. އެހެންކަމުން 21 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ސަރުކާރުން ބޯނަސް ދޭނެކަމަށް މިނިސްޓަރު ވަނީ އިއުލާނުކުރައްވައިފަ އެވެ.

ގާތްގަނޑަކަށް ޖުމްލަ 700 މިލިއަން ސިންގަޕޫރު ޑޮލަރު ބޯނަސްގެ ގޮތުގައި ބަހަން ނިންމާފައިވާއިރު، ބޯނަސް ލިބޭނީ އެމީހަކަށް ލިބޭ އާމްދަނީގެ ނިސްބަތަށް ބެލުމަށްފަހު އެވެ. މިގޮތުން، މަހަކު 28،000 ސިންގްޕޫރު ޑޮލަރަށް ވުރެ މަދުން އާމްދަނީ ލިބޭ މީހަކަށް 300 ސިންގަޕޫރު ލިބޭއިރު، 28،000 އާ 100،000 ދެމެދުގެ އާމްދަނީއަށް 200 ސިންޕޫރު ޑޮލަރު އަދި 100،000 އަށް ވުރެ އިތުރަށް އާމްދަނީ ލިބޭ މީހުންނަށް 100 ސިންގަޕޫރު ޑޮލަރު ދޭނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ބޯނަސްއަކީ ސިންގަޕޫރުގެ ތަރައްގީ ރައްޔިތުންނާއި ހިއްސާކުރުމުގެ މަގުސަދުގައި ކުރާ ކަމެއްކަމަށް ސަރުކާރުން އިތުރަށް ބުނެފައިވެ އެވެ.

އަރަނިވި އަދަދުގެ ބައެއް ސިންގްޕޫރުގެ ރޭލު ސިސްޓަމް އިތުރަށް ތަރައްގީ ކުރުމަށް ބޭނުންކުރާއިރު، ދެ ބިލިއަން ސިންގަޕޫރު ޑޮލަރު މުސްކުޅިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އިންޝޫރަންސް ސްކީމަކަށް ހަރަދު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.