ސިންގަޕޫރުގައި މިހާރު ހިނގަމުންދާ ސިންގަޕޫރު ސެކިއުރިޓީ ފޯރަމްގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ތަގުރީރުކުރައްވައިފި އެވެ.
ސެކިއުރިޓީ ފޯރަމްގެ ބައިވެރިންނާ މުހާތަބުކުރައްވައި އޮސްޓިން ވިދާޅުވި ގޮތުގައި އިންޑޯ ޕެސިފިކް ސަރަހައްދަށް އެމެރިކާއިން ވަރަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަށެވެ. އިންޑޯ ޕެސިފިކްގެ ސަލާމަތާއި ރައްކާތެރިކަމަށް އެމެރިކާއިން ހޭދަކުރައްވާނެ ކަމަށްވެސް ލޮއިޑް އޮސްޓިން ވިދާޅުވި އެވެ.
އޮސްޓިން ވިދާޅުވި ގޮތުގައި އޭޝިއާއަށް ނެތް ރައްކާތެރިކަމެއް އެމެރިކާއަކަށް ވެސް ނޯންާނެ އެވެ. އޭޝިއާގައި ހަމަޖެހުން ބޮޑުވި ވަރަކަށް އެމެރިކާއަށް އަރާ ލޮޅުން ކުޑަވާނެ ކަމަށް ވެސް ޢޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ދިފާއީ ވަޒީރުގެ ހައިސިއްޔަތުން ލޮއިޑް އޮސްޓިން ވަނީ ސިންގަޕޫރަށް ވަޑައިގެން ޗައިނާގެ ދިފާއީ ވަޒީރު ޑޮން ޖުން އާވެސް ބައްދަލުކުރައްވާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ދެ ލީޑަރުންގެ މަޝްވަރާތަކުން އެމެރިކާ ބޭނުންވި ނަތީޖާ ނެރެވޭ ގޮތެއް ނުވި އެވެ.
ޗައިނާ ރުޅިއަރުވާފައި ޗައިނާ ލައްވައި ކަމެއް ކުރުވުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ދެ ގައުމުގެ ސިޔާސަތު ދަންނަ މީހުން ބުނެ އެވެ.
އޮސްޓިން ވިދާޅުވި ގޮތުގައި ސިންގަޕޫރުގައި ބާއްވާ ދިފާއީ ބައްދަލުވުމަށް ވަޑައިގަންނަވަން ޖެހުނީ ކަމުގެ މުހިންމު ކަމުންނެވެ. މިފަދަ ސަމިޓްތަކުގައި ސިޔާސަތު ކަނޑައެޅި ކުރެވޭ ބަހުސްތަކުގައި ހިއްސާވުމަކީ އެމެރިކާއަށް ލިބޭ ފަހުރެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
އޭޝިއާ ޕެސިފިކްގައި އެމެރިކާގެ ބައިވެރިންގެ ދައުރު ހަރުދަނާ ކުރައްވާނެ ކަމަށް އޮސްޓިން ވިދާޅުވި އެވެ. މި ސަރަހައްދުގައި އެމެރިކާގެ ޝާމިލުވުން އޮންނަން ޖެހެނީ ދުނިޔެއަށް ވަރަށް މުހިންމު ސަރަހައްދަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭޝިއާ ޕެސިފިކްގައި އެމެރިކާއިން ހަންފަތުރުމުގެ ބޭނުމަކީ ޗައިނާ ސައިޒުކޮށްފައި ބޭއްވުމެވެ.
ޗައިނާ ބޭނުންހާ ގޮތަކަށް އެ ސަރަހައްދުގައި ހަރަކާތްތެރި ނުވެވޭނެ ކަމަށް މި ސަރަހައްދު ހިއްސާކުރާ ބައެއް ގައުމުތަކުންވެސް ވަނީ ބުނެފަ އެވެ.