ދުނިޔެ

ޗައިނާއަށް ޕްރެޝަރުކުރަން ގޮވާލަން: ކަމަލާ ހެރިސް

އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް މިވަގުތު އުޅުއްވަނީ ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ. އެ ކަމަނާގެ މި ދަތުރުފުޅަކީ އެމެރިކާއަށް ބައި އަޅާ ގައުމުތަކުގައި ބައިޑަން ސަރުކާރު ޕްރޮމޯޓް ކުރެއްވުމެވެ.

ކަމަލާ ހެރިސް ސިންގަޕޫރަށް ވަޑައިގެން ޗައިނާއަށް ބަސްތައް ރައްދު ކުރެއްވި އެވެ. މައިގަނޑު ގޮތެއްގައި ހެރިސްގެ ވާކަތައް އަމާޒު ކުރެއްވީ ދެކުނު ޗައިނާ ކަނޑަށް ޗައިނާ އަތް ގަދަ ކުރާ މައްސަލައަށެވެ. ވިދާޅުވީ ގިނަ ބައެއްގެ މަސްލަހަތާ ގުޅުން އޮތް ތަނެއްގައި ޗައިނާއިން ކުރާ ކަމަކީ ބިރު ދެއްކުން ކަމަށެވެ. އަދި ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ޗައިނާއާ ދިމާ ކުރަން ޖެހޭ ކަމަށާއި އެނޫން ގޮތެއްގައި ބިރު ދެއްކުން ހުއްޓައި ނުލާނެ ކަމަށެވެ.

ވިއެޓްނާމަށް ވަޑައިގެން ވެރިރަށް ހެނޮއީގައި ވެސް ކަމަލާ ހެރިސް ތަގުރީރު ކުރެއްވި އެވެ. އަދި ނޫސްވެރިންނާ ބައްދަލު ކުރައްވައި އެކަމަނާ ވިދާޅުވީ ޗައިނާއާ ވާދަ ކުރަން ޖެހޭ ކަމަށާއި އެއީ އެކަނި އެެކެއްގެ ކަނޑެއް ނޫން ކަމަށެވެ.

ހެރިސް ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ ބޮޑު ބައެއް ޗައިނާއަށް އޮންނަންވާނެ ކަމަށް އެމީހުން ގަބޫލު ކުރެ އެވެ. އެއީ އެ ކަނޑަށް ޗައިނާގެ ނަމުން ނަންކިޔާތީ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ހެރިސް ވިދާޅުވީ އެއީ ބައިނަލްއަގުވާމީ ކަނޑެއް ކަމަށާއި ހައްގުތައް ހަމަހަމަ އަށް އޮންނަން ޖެހޭ ތަނެއް ކަމަށެެވެ.

ހެރިސް ވިދާޅުވި ގޮތުން ދެކުނު ޗައިނާ ކަނޑަކީ ގިނަ ގައުމެއްގެ މަސްލަހަތާ ގުޅިފައި އޮތް ކަނޑެކެވެ. އަދި ވިދާޅުވީ ޗައިނާއާ ހެދި އެ ހައްގު ގެއްލިގެން ދިޔަދީގެން ނުވާނެ ކަމަށާއި އެމެރިކާ އަބަދު ވެސް އޮންނާނީ ގާތް އެކުވެރިންނާ އެކުގައި ކަމަށެވެ.