ދުނިޔެ

ޗައިނާ-އެމެރިކާ ދިފާއީ ވެރިންގެ މެދުގައި ބައްދަލުވުމެއް ނުބޭއްވޭނެ: ޗައިނާ

ޗައިނާ އާއި އެމެރިކާގެ ދިފާއީ އިސް ވެރިންގެ މެދުގައި ބައްދަލުވުމެއް ބޭއްވުމަށް އެމެރިކާ އެދުނު އެދުމަށް ޗައިނާ ދެކޮޅު ހަދައިފި އެވެ.

ސިންގަޕޫރުގައި މިއަންނަ ހަފުތާގައި އޮންނަ ސެކިއުރިޓީ ފޯރަމެއްގައި ބައިވެރިވެ ވަޑައިގަތުމަށް އެ ގައުމަށް ދަތުރުކުރާ އެމެރިކާ އާއި ޗައިނާގެ ސަލާމަތާ ބެހޭ ވެރިން -- ފޯރަމްގެ ހަވާސާގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް އެދުމުން ޗައިނާއިން ވަނީ ހޭވެސް އަހާނުލައި ވަގުތުން ނޫނެކޭ ބުނެފަ އެވެ.

އެމެރިކާގެ ޕެންޓަގަނުން ވޯލް ސްޓްރީޓް ޖާނަލަށް ދިން ލިޔުމެއްގައި ބުނެފައިވަނީ ސެކިޔުރިޓީ ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ސިންގަޕޫރަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންފޫ ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެކަން ޕެންޓަގަނަށް އެނިގިފައިވާ ކަމަށެވެ.

މިހެން ކަން އޮތް ނަމަވެސް، ދެ ވަޒީރުން ސިންގަޕޫރުގައި ބައްދަލުކުރެއްވުމަށް އެދިވަޑައިގަތުމުން އިރުނާރަނީސް ޗައިނާއިން މިކަމަށް އިންކާރުކޮށްފައިވާ ކަމަށް ޕެންޓަގަނުން ވޯލް ސްޓްރީޓް ޖާނަލަށް ބުނެފައިވެ އެވެ.

ޕެންޓަގަނުން ދެކޭ ގޮތުގައި ދިފާއީ ވަޒީރުންގެ މެދުގައި މަޝްވަރާ ވަރަށް މުހިންމެވެ. އެއީ ޝައުގުވެރިކަން ފުށުއަރައި ހިނގައިދާ ވާދަވެރިކަމުގައި އަރާރުންވެ ތަޅާފޮޅައި އަދި ގަޔަށް އަތްނުލައި ފަރުޖެއްސުމަށް ކަމަށްވެސް ޕެންޓަގަނުން ބުނެ އެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ޖޯން ކާބީވެސް ވަނީ މި މޭރުމުން ވާހަކަދައްކަވާފަ އެވެ. އޭނާ މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި ޗައިނާގެ ދިފާއީ ވަޒީރާއި އެމެރިކާގެ ދިފާއީ ވަޒީރާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ބައިޑަން ވަނީ އެދިވަޑައިގެންފަ އެވެ. އެހެން ނަމަވެސް، އެމެރިކާ އިން ހުށަހަޅާ މައުލޫތަކަށް މަޝްވަރާކުރަން ޗައިނާ ބޭނުންނުވާތީ މުއާމަލާތްތައް ކުރިއަށް ނުގޮސް ހުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޯން ކާބީ ވިދާޅުވި ގޮތުގައި އެމެރިކާގެ އިގުތިސާދީ މާހިރުންނާއި ޗައިނާގެ އިގުތިސާދީ މާހިރުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް އެމެރިކާ ޝައުގުވެރިވެ އެވެ. އެހެންނަމަވެސް ބައްދަވުން އަދި ތާވަލުކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާ ބުނާ ގޮތުން އެމެރިކާއާ ކުރާނެ މަޝްވަރާއެއް ނެތެވެ. އެމެރިކާއަށް މުހިއްމު އެއްވެސް ކަމަކީ -- އެކަމުގައި ޗައިނާގެ ޝައުގުވެރިކަމެއް ނެތް ނަމަ، ބަހުސްކުރުން ބޭކާރު ކަމެކެވެ.

ދުނިޔޭގެ މަސްހަލަތުގައި އެމެރިކާ ބޭނުންހާ ގޮތަކަށް ކުޅެމުން ގެންދާއިރު ޗައިނާއަށް ޖެއްސުންކުރުން ނޫން ކަމެއް އެމެރިކާ ނުކުރާ ކަމަށް ވެސް ޗައިނާ ބުނެ އެވެ.