ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ގައުމުން ބޭރަށް ކުރައްވާ ހަތް ދުވަހުގެ ދަތުރެއްގައި މިސްރަށް ވަޑައިގަންނަވަނީ އެވެ. އެ މަނިކުފާނުގެ އެޖެންޑާގައި ގާނާ އާއި ކެންޔާ، މޮޒަންބީގް އަދި ސިންގަޕޫރު ވެސް އެބަ އޮތެވެ.
ގައުމުތަކުގެ ވެރިން އެއް ދަތުރެއްގައި މިހާ ގިނަ ގައުމުތަކަށް ވަޑައިގަތުމަކީ އާންމު ކަމެއް ނޫނެވެ. ޚަބަރުތައް ބުނާ ގޮތުން މި ގައުމުތައް ޖަޕާނަށް މުހިންމުވެފައި ވަނީ މި ގައުމުތަކުގެ ތަރައްގީއަށް ޖަޕާނުން ދެމުން ގެންދާ އެހީގައި ކުރެވޭ މަސައްކަތްތަކާ ހެދި އެވެ.
ކިޝިޑާ މިސްރަށް ވަޑައިގެން ވެރިރަށް ގާހިރާގައި މިސްރުގެ ވެރިންނާ އެކު ސަމިޓް ބައްދަލުވުމެއް ބާއްވާނެ އެވެ. އަދި މިސްރުގައި ތިއްބަވާ ބައެއް އެހެން ގައުމުތަކުގެ ވެރިންނާ އޭޕްރީލް 30 ގައި ބައްދަލުކުރައްވާނެ އެވެ.
ޖެހިގެން އަންނަ ދުވަހު ގާނާއަށް ވަޑައިގެން ވެރިންނާ ބައްދަލުކުރައްވައި ހަމަ އެ ދުވަހު ކެންޔާގެ ވެރިރަށް ނައިރޯބީއަށް ވަޑައިގަންނަވާނެ އެވެ.
ބޮޑުވަޒީރުގެ ތާވަލުގައި އޮތް ގޮތުން މޮޒަންބީގަށް ވަޑައިގަންނަވާނީ މެއި ތިނެއްގަ އެވެ. އަދި ވެރިންނާ އެކު މަޝްވަރާ ބައްދަލުވުމަކަށް ފަހު މެއި ހަތަރެއްގައި ސިންގަޕޫރަށް ވަޑައިގަންނަވާނެ އެވެ.
ޖަޕާންގެ ފޮރިން މިނިސްޓްރީން ބުނާ ގޮތުން ބޮޑުވަޒީރުގެ މި ދަތުރުގައި -- މެއި 19 އިން 21 އަށް ޖަޕާންގައި ބާއްވާ "ޖީސެވަން ހިރޯޝިމާ ސަމިޓް"އަށް ބޭނުންވާ މައުލޫމާތު އެއްކުރައްވާނެ އެވެ.
ކިޝިޑާބެ މި ދަތުރުގައި ވަޑައިގަންނަވާ ގައުމުތަކާ އެކު ގުޅުން ބަދަހިކުރެއްވުމާއި ޖަޕާނަށް ވެދެވެން ހުރި އެހީތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ
ދުނިޔޭގެ މަސްލަހަތުގައި މިހާރު އެންމެ ބޮޑު މައްސަލަ ކަމަށްވާ ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން ވެސް ބޮޑުވަޒީރު މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މިއީ ދުނިޔޭގައި ޖަޕާނަށް އޮތް ހައިސިއްޔަރު ތަނަވަސްކުރުމަށް ޖަޕާން ސަރުކާރުން ކުރާ މަސައްކަތް ތާޒާކުރުމަށް ބޮޑުވަޒީރު ކުރައްވާ ދަތުރެއް ކަމަށް ވެސް ބުނެވެ އެވެ.