ހަބަރު

އިދިކޮޅާ ޖޭޕީއިން ގުޅޭނީ ސަރުކާރު ކޯލިޝަނުން ވަކިވެ: ޕީއެންސީ

މި ސަރުކާރުން އެކުލަވާލި ކޯލިޝަން މިހާރު ރޫޅިފައިވާ ކަމަށާއި ޖުމްހޫރީ ޕާޓީއިން އިދިކޮޅާއެކު މަސައްކަތް ކުރައްވަން ނިންމަވާފައިވަނީ ސަރުކާރު ކޯލިޝަނުން ވަކިވެގެން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ، ޕީއެންސީއިން ބުނެފި އެވެ.

ޕީޕީއެމް އަދި ޕީއެންސީ އިން ވަނީ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީ ގުޅިގެން ވާދަ ކުރައްވާނެ ކަމަށް ފަރާތުން އިއުލާންކޮށްފަ އެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވަނީ އެކަަން ތެދު ކުރައްވާ ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ޖޭޕީގެ ކެންޑީޑޭޓުންނަށް ތާއީދު ކުރައްވާތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި އޭގެ ބަދަލުގައި އެ ޕާޓީގެ މެންބަރުންނަށް ވެސް ތާއީދު ކުރަން ނިންމަވާފައިވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޕީޕީއެމް އަދި ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ވަގުތީ ރައީސް އަބުދުއްރަހީމް އަބުދުﷲ، އަދުރޭ ވިދާޅުވީ ސަރުކާރު ކޯލިޝަން މިހާރު އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަޖިލިސް އިންތިހާބުގައި ހަމައެކަނި ތާއީދު ކުރައްވާނީ އެމްޑީޕީ ކެނޑިޑޭޓުންނަށް ކަމަށް ވިދާޅުވެފައި ކަމަށާއި އެހާހިސާބުން ކޯލިޝަން ރޫޅިގެން ގޮސްފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެވިދާޅުވާ އެއްބަސްވުމެއްގައި އޮންނަ ކަމަށް އަޅުގަނޑުމެންނަށް އިނގިފައިވަނީ 22 ދާއިރާއެއް ޖޭޕީއަށް ދޫކުރަން، ދުލެއް ނުކުރެ، އެގްރިމަންޓާ ހިލާފްވާ ހިސާބުން ބާތިލް އެއްޗަކަށް ނޫންތޯ ވާނީ، އަނެއްކާ ރައީސް ސޯލިހްވެސް ވިދާޅުވެފަ އޮންނާނެ ސޮއި ކުރެވިފައި އޮތް އެއްބަސްވުމެއްނެތޭ، އެހެންވީމަ ކޯލިޝަން ނިމުނީއޭ، ކޯލިޝަން ކަންތައް އެވަނީ ގޮސްފަ، ކޯލިޝަން ރޫޅިފައި އޮތުމުން ނޫންތޯ އަޅުގަނޑުމެންނާއެކު ޖޭޕީއިން މަސައްކަތް ކުރައްވަން ނިންމަވާނީ، އެއީ އެބޭފުޅުން އަމިއްލަ ފުޅަށްވެސް ކޯލިޝަން އޮތް ކަމަށް ގަބޫލު ނުކުރައްވާތީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ކޯލިޝަން ރޫޅާލުމުގައި ގޯސް ހެއްދެވީ މިއަދުގެ ސަރުކާރާއި އެމްޑީޕީ އިން ކަމަށެވެ. އަދި އިދިކޮޅުގައި މިހާރު ހަތަރު ޕާޓީ ތިއްބަވާ ކަމަށާއި އެޕާޓީތަކަކީ ޕީޕީއެމާއި ޕީއެންސީއާ ޖޭޕީ އަދި ޑީއާރުޕީ ކަމަށެވެ.

އަދުރޭ ވިދާޅުވީ، މިވަގުތު ސަރުކާރުގައި ތިއްބެވި ޖޭޕީގެ މިނިސްޓަރުންނަށް ވާނެ ގޮތާމެދު އެއްޗެއް ދަންނަވަން ނޭންގޭ ކަމަށާއި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ސަރުކާރުން ނުވަތަ ޖޭޕީ އިން ކަމަށެވެ. އެދުމަކީ އަބަދުވެސް ގާސިމް އެބޭފުޅުންނާއި އެކު މަސައްކަތް ކުރުން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް މި އިންތިހާބުގައި ގާސިމް އަޅުގަނޑުމެންނާއެކު މަސައްކަތް ކުރައްވާނެ ކަމަށް، އެކަނިކުފާނު އެބައޮތް އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފަ، އުންމީދު ކުރަނީ ތަފާތު ބޮޑު ކާމިޔާބީއެއް މި އިންތިހާބުގައި ލިބިގެންދާނެ ކަމަށް،" އަދުރޭ ވިދާޅުވި އެވެ.

މަޖިލީިހުގެ އިންތިހާބާމެދު ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވަން ޖެހޭނެ ކަމަށާއި އަނިޔާވެރި ސަރުކާރަކަށް މަޖިލިސް މެޖޯރިޓީ ދީފިނަމަ ވެގެންދާނެ ގޮތް މިހާރުވެސް ފެންނަމުންދާ ކަމަށެވެ. ސަރުކާރާއި ހަވާލުވިތާ ތިން މަސް ނުވަނީސް ފެންނަމުންދަނީ އަނިޔާވެރިކަން ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ގާސިމް އިބްރާހީމާއި ކުރީގެ ރައީސް އަބުދުﷲ ޔާމީން އެކުގައި ނިކުންނެވުމުން މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ދެއްވަންޖެހޭ ކަމަށެވެ. އެދެބޭފުޅުން ފިޔަވައި ގައުމުގެ ހައްގުގައި މަސައްކަތްކުރާ އިތުރު ލީޑަރެއްނެތް ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، މި ސަރުކާރުން މަޖިލިސް އިންތިހާބަށް ހުރަސް އަޅަމުންގެންދާ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ރައީސް ޔާމީން ހައްޔަރު ކުރެއްވުން ކަމަށެވެ. އެމަނިކުފާނު ވަގުތުން ދޫކޮށްލަންޖެހޭ ކަމަށެވެ. އަދި މި ސަރުކާރަށްވުރެ އަނިޔާވެރި ސަރުކާރެއް ދުނިޔޭގެ ތާރީހުގައި މީގެ ކުރިން އަދި މިހާރުވެސް ނެތް ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމްއިން މަޖިލީހުގެ 32 ދާއިރާއަކަށް ވާދަ ކުރަން ވަނީ ނިންމާފައި އެވެ. އަދި އެހެން ޕާޓީތަކާއި ގުޅިގެން 13 ދާއިރާއަކަށް، ޖުމްހޫރީ ޕާޓީން 38 ދާއިރާއަކަށް ވާދަކުރާއިރު، އެމްޑީއޭއަށް ހަތަރު ދާއިރާއެއް ދޫކޮށްލަން ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ވަނީ ނިންމާފަ އެވެ.