ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އަސްލު މެމްބަރުން ޕީޕީއެމް އަދި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނެ ކަމަށް އެ ޕާޓީގެ ކުރީގެ އެކްޓިން ލީޑަރު އަދި އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހުސެއިން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން ކޯލިޝަން އުވިގެން ނުދާނެ ކަމަށާއި، ވީހާލެއްގައި ވެގެންވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ދިފާއު ކުރަން ކޯލިޝަންގެ ބައިވެރިން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ޑރ. ހުސެއިން ރަޝީދަކީ ކޯލިޝަންގައި ހިމެނޭ ޖޭޕީ ސްލޮޓުގައި މިނިސްޓަރު ކަމުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވާ ފަރާތެކެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު މިއަދު ހަވީރު ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވީ، ޖޭޕީއިން ޕީޕީއެމް އާއެކު ކޯލިޝަން ހަދަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިރޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ، ޕީޕީއެމް އާއެކު ޖޭޕީއިން ކޯލިޝަނެއް ހަދާފައި ނުވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ، އިދިކޮޅު ޕީޕީއެމް އާއެކު ވެފައިވާ އެއްބަސްވުމަކީ ލިޔެ ކިޔުމަކުން ވެފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ ޕީޕީއެމް އާއެކު ވެވުނީ މެމްބަރުންގެ މެދުގައި އަނގަ ބަހުން ވެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި ޕީޕީއެމްގެ ތާއިދާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމި ނަމަވެސް ހަތަރު ޕާޓީ ގުޅިގެން އުފައްދާފައިވާ ސަރުކާރު ކޯލިޝަންއިން ޖޭޕީ ބޭރުވެފައި ނުވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ،
އަބްދުރަޙީމް އަބްދުﷲ ގެ ވާހަކަފުޅަށް ރައްދު ދެއްވާ މިރޭ އެންޔަރުމެންޓް މިނިސްޓަރު ޑރ. ހުސެއިން ވިދާޅުވީ، އަބްދުއްރަހީމް އަބްދުﷲ އަށް ޖޭޕީއިން ޕީޕީއެމްއާއެކު ކޯލިޝަން ހަދާނެ ކަމަށް ގަބޫލު ކުރެވުނު ނަމަވެސް ސަރުކާރު ކޯލިޝަން އުވިގެންނުދާނެ ކަމަށެވެ.
ރޭ ޖޭޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު އުތުރު ދާއިރާއަށް ވާދަކުރާ އަލްހާން ފަހުމީގެ ކެމްޕޭން ފެށުމުގެ ގޮތުން ގާސިމް ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމްޑީޕީއިން ވަނި ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.