ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޕާޓީތައް ކަމަށްވާ، ޕީޕީއެމް އަދި ޕީއެންސީގެ ފިކުރާއެކު ތާއީދު ނުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ތާއީދާއެކު މަޖިލީހަށް ނިކުންނަވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް އަލީ ވަހީދު ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޖޭޕީ އިން އިއްޔެ ވަނީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީއާ ގުޅިގެން ވާދަ ކުރަން ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ. ޖުމްހޫރީ ޕާޓީ އިން ފަހަކަށް އައިސް އަންނަނީ ސަރުކާރަށާއި ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އެކަމާ ގުޅިގެން އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ މާތްﷲ ގަންދީ ހުވާކޮށްގެން ހުރީ ރައްޔިތުންނަށާއި ގައުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އިހުލާސްތެރިކަމާއެކު ވަފާތެރިވުމަށް ކަމަށެވެ. އަދި އެމްޑީޕީ އާއި އިސްލާހީ މަސައްކަތުގައި ގުރުބާންވި ޖޭޕީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް ދޫކޮށް ޕީޕީއެމް ޕީއެންސީގެ ފިކުރަކަށް ވަޑައި ނުގަންނަވާނެ ކަމަށް އަލީ ވިދާޅުވި އެވެ. އަދި ސަރުކާރު ދިފާއު ކުރައްވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީގެ އިތުރުން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ކުރީގެ އެކްޓިން ލީޑަރު އަދި އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވެސް ވަނީ ޕީޕީއެމް ޕީއެންސީއާ އެ ޕާޓީ ގުޅެން ނިންމި ނިންމުމަށް ތާއީދު ނުކުރާކަން ހާމަކޮށްފަ އެވެ. އެގޮތުން ވީހާލެއްގައި ވެގެންވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ދިފާއު ކުރަން ކޯލިޝަންގެ ބައިވެރިން މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީންގެ ތާއީދާއެކު މަޖިލީހަށް ވާދަ ކުރައްވާ 32 ކެންޑިޑޭޓަކަށް ޖުމްހޫރީ ޕާޓީ އިން ވަނީ ތާއީދު ކުރަން ނިންމަވައިފަ އެވެ. އަދި ޕީޕީއެމް އިން ވެސް ވަނީ ޖޭޕީ ނިކުންނަވާ ދެން ހުރި ދާއިރާތަކަށް ތާއީދު ކުރަން ނިންމަވައިފަ އެވެ.