ހަބަރު

ދީން ހިމާޔަތް ކުރާނެ ކަމަށް ދުލުކޮޅުން ވިދާޅުވުމަކުން ނުފުދޭ: އުމަރު

އިސްލާމް ދީން ހިމާޔަތް ކުރައްވާނެ ކަމަށް ދައުލަތުގެ އެންމެ އިސްވެރިޔާ ދުލުގެ ކޮޅުން ވިދާޅުވެގެން އެކަނި ނުފުދޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރަކުރި މެލޭޝިޔާގެ މީހަކަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި ކަމަށް ރިޕޯޓް ކޮށްފައިވާ ހަބަރެއް ޝެއާ ކުރައްވާ އުމަރު ފޭސްބުކުގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި އިސްލާމް ދީނުގެ ބެލެނެވެރި ފަރާތަކީ ދައުލަތް ކަމަށެވެ. ދައުލަތުގެ އެންމެ އިސްވެރިޔާ، ރައިީސުލް ޖުމްހޫރިއްޔާ އިސްލާމް ދީން ހިމާޔަތް ކުރައްވާނެ ކަމަށް ދުލުގެ ކޮޅުން ވިދާޅުވުމުން އެކަން އެގޮތަށް ފުދުނީ ކަމަށް ނުބެލެވޭނެ ކަމަށެވެ.

އުމަރު އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖޭގައި ތިބި ލާދީނީ މީހުންގެ ތެރެއިން އިސްލާމް ދީނާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ ފަރާތްތަކާއި، އެއްޖިންސުން ގުޅުން ހިންގަން ހިތްވަރުދޭ ފަރާތްތަކަށް ޖަލު ހުކުމް އަންނަންޖެހޭ ކަމަށެވެ.

ފޭސްބުކްގައި އުމަރު ކުރެއްވި ޕޯސްޓް

އުމަރު މިހެން ވިދާޅުވެފައިވާއިރު، ދާދި ފަހުން ޖަލުތަކުގެ މައްސަލަ ބަލާ ކޮމިޝަނަށް ސަރުކާރުން އަައްޔަން ކުރި ޝަހިންދާ އިސްމާއީލް ވަނީ އެއްޖިންސުން ގުޅުން ހިންގަން ހިތްވަރުދޭފަދަ ވާހަކަތަކެއް ފޯރަމް އޭޝިއާގައި ވިދާޅުވި މައްސަލައެއް ވަނީ ހޫނުވެފައެވެ. އޭގެ ކުރިން ވެސް ޝަހިންދާގެ ފަރާތުން ވަނީ މި ފަދަ މައްސަލައެއް ފެންމަތިވެފަ އެވެ.

އުމަރުގެ އެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖޭގައި އިސްލާމްދީނަށް އިހާނެތިކޮށް ހިތި ކޮންމެ ވެރިއެއްގެ ނިމުން އައީ ހިތިކޮށެވެ.