ހަބަރު

މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާ ދަައުލަތަށް އަނބުރާ ލިބެން ޖެހޭ: އޭސީސީ

Mar 10, 2019

މިދިޔަ އަހަރުގެ ތެރޭގައި އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރި މައްސަލަތަކުގައި 1.9 ބިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ލިބެން ޖެހޭ ކަން ނިންމާފައިވާ ކަމަށް އެ ކޮމިޝަންގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

އޭސީސީ އިން މިއަދު ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ދައުލަތަށް އަނބުރާ ލިބެން ޖެހޭނެ ކަމަށް ކޮމިޝަނުން ނިންމާ، 108 މިލިއަނަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދަން އެދިަފައިވާ ކަމަސެވެ. އަދި ދައުލަތުގެ އިދާރާތައް މެދުވެރިކޮށް 1.8 ބިލިއަން ރުފިޔާ ދައުލަތަށް ހޯދުމަށް އެދިފައިވާ ކަމަށާއި މިދިޔަ އަހަރުގެ މައްސަލަތަކުން ޖުމުލަ 1.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށް މުއައްވިޒް ވިދާޅުވި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ލިބިފައި ވަނީ 1.4 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕީޖީ އޮފީހަށް ފޮނުވުމުގެ އިތުރުން އެކި މުއައްސަސާތަކަށް ވެސް އެ އިދާރާތައް މެދުވެރިކޮށް ފައިސާ ހޯދަން ޖެހޭ، މި ފައިސާތަކަކީ އިދާރާތައް މެދުވެރިކޮށް ހޯދާފައިވާ މައްސަލަތައް،" މުއައްވިޒް ވިދާޅުވި އެވެ.

ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާ ދައުލަތަށް އަނބުރަށް ހޯދުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށް މުއައްވިޒް ވިދާޅުވި އެވެ. އަދި ހުރިހާ އިދާރާތަކަށް ރެކޮމެންޑޭޝަަންތަކާ އެކުގައި އެ މުއްދަތުގައި 3.9 ބިލިއަން ލިބެން ޖެހޭ ކަމަށް ވެސް މުއައްވިޒް ވިދާޅުވި އެވެ.

މިދިޔަ އަހަރު އޭސީސީއަށް މިދިޔަ އަހަރު 930 މައްސަލައެއް ކޮމިޝަންގައި ރަޖިސްޓަ ކުރެވުނު އިރު ތަހުގީގު ކުރަން ނިންމީ އޭގެ ތެރެއިން 802 މައްސަލައެއް ކަމަށް މުއައްވިޒް ވިދާޅުވި އެވެ. އެގޮތުން އޭގެ ކުރި އަހަރުތަކުގައި ހުށަހެޅުނު މައްސަލަތައް ހިމެނޭ ގޮތަށް 1299 މައްސަލައެއް ނިންމާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން 1292 މައްސަލައެއްގައި ކޮރޮޕްޝަންގެ އަމަލެއް ނެތް ކަމަށް ނިންމި ކަމަށެވެ. ޕީޖީ އޮފީހަށް ދަައުވާ ކުރުމަށް ފޮނުވާފައި ވާނީ ހަތް މައްސަލައެއް ކަމަށް ވެސް މުއައްވިޒް ވިދާޅުވި އެވެ.

އެ ހަތް މައްސަލާގައި ފޮނުވާފައި ވާނީ 14 ދައުވާއެއް ކުރުމަށް ކަމަށް މުއައްވިޒް ވިދާޅުވި އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާަތަކާއި ދައުލަށް ލިބެން އޮތް ފައިދާއެއް އެ ނޫން ގޮތަކަށް ބޭނުން ކުރުމުގެ ދައުވާތައް ކަމަށް މުއައްވިޒް ވިދާޅުވި އެވެ.

ކުރިން ހުށަހެޅި މައްސަލަތަކާއެކު ޕީޖީ އޮފީހުން 37 މައްސަލައެއް އަނބުރާ އޭސީސީއަށް ފޮނުވާފައިވާ ކަމަށާއި މިދިޔަ އަހަރު އަނބުރާ ފޮނުވި މައްސަލަތަކުގެ ތެރެއިން ގިނައީ މީގެ ތިން އަހަރު ކުރިން ދައުވާ ކުރުމަށް ފޮނުވި މައްސަލަތައް ކަމަށް ވެސް މުއައްވިޒް ވިދާޅުވި އެވެ.

މުއައްވިޒް ވިދާޅުވީ އޭސީސީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅެނީ ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމާ ގުޅުން ހުރި މައްސަލަތައް ކަމަށެވެ. އޭގެ އިތުރުން ގޯތިގެދޮރާ ގުޅުން ހުރި 114 މައްސަލައެއް ހުށަހަޅާފައިވާ އިރު ވަޒީފާއާ ގުޅޭ 90 މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް މުއައްވިޒް ވިދާޅުވި އެވެ.