ހަބަރު

"މަސައްކަތުން އެކަހެރިވެ ވަޑައިގެންނެވި ކަމެއް ލުތުފީ ނާންގަވާ"

އޭސީސީގެ ރައީސް ހަސަން ލުތުފީ ހުންނެވީ ރަސްމީ ޗުއްޓީއެއްގައި ކަމަށާއި މަސަައްކަތުން އެކަހެރިވެވަޑައިގެންނެވިކަން އެނގިފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީ އިން މިހެން ބުނި އިރު އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ރިޕޯޓު ނެރުނު ފަހު ފަހުން ލުތުފީގެ މައްޗަށް ތުހުމަތުވާ މަނީ ލޯންޑަރިން މައްސަލައެއް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ފަހުން އޭސީސީގެ އެއްވެސް އިވެންޓަކުން ވެސް ނޫސްވެރިންގެ ބައްދަލުވުމަކުން ލުތުފީ ފެނި ވަޑައިގެންފައެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލެއް ކުރުމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ލުތުފީ ހުންނެވީ ރަސްމީ ޗުއްޓީއެއްގައި ކަމަށެވެ. ކޮމިޝަނާއި ކޮމިޝަންގެ ރައީސްގެ ޒިންމާތަކުން އެކަހެރިވެ ވަޑައިގެންފައިވާ ކަން އަނގަވާފައި ނުވާ ކަމަށެވެ.

"މިވަގުތު ކޮމިޝާންގެ ރައީސް ހުންނެވީ ރަސްމީ ޗުއްޓީއެއްގައި އެ ޗުއްޓީގައި ދުވަސްކޮޅެއް ވެއްޖެ، މަސައްކަތުން އެކަހެރިވެ ވަޑައިގެންނެވި ކަމަކަށް އަނގާވާފައެއް ނުވޭ،" މުއައްވިޒް ވިދާޅުވި އެވެ

މުއައްވިޒް އިތުރަށް ވިދާޅުވީ ކޮމިޝަންގެ މެންބަރުން މިހާތަނަށް މަސައްކަތް ކުރަމުން އައި ޒިންމާދާރު ގޮތަކަށް ކަމަށާއި ނަމަވެސް އިތުރަށް ރަނގަޅު ކުރުމަށް ބާރު އެޅުމަކީ ކޮމިޝަނުން އެއްބާރުލުންދޭނެ ކަމެއް ކަމަށެވެ.